މި ކުއާޓަރގައި ކުންފުންޏަށް އާމްދަނީގެ ގޮތުގައި 6.98 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ ކުއާޓަރއާ އަޅާބަލާއިރު 27 އިންސައްތަ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުން ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.
މާލީ ހިސާބުތަކަށް ބަލާއިރު، ޓެކުހަށް ކެނޑުމުގެ ކުރިން އެސްޓީއޯއަށް ފައިދާގެ ގޮތުގައި 335 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިއަހަރުގެ ފުރަތަމަ ކުއާޓަރއަށްވުރެ 1.4 އިންސައްތަ އިތުރު އަދަދެކެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް އެސްޓީއޯއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މި މަސައްކަތުގެ ސަބަބުން ތެލުގެ ވިޔަފާރިން ލިބުނު ފައިދާ ދަށްވި ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ފައިދާ ވަނީ އިތުރުވެފައެވެ.
ކުންފުނިން ހާމަކުރި ގޮތުގައި، އެހެނިހެން ދާއިރާތަކުން ލިބުނު ކުރިއެރުމުގެ ސަބަބުން ތެލުގެ ވިޔަފާރިން ލިބުނު ފައިދާ ދަށްވުމުން ޖުމްލަ ފައިދާއަށް ކުރި އަސަރު ވަނީ ކުޑަކުރެވިފައެވެ. މިއީ ކުންފުނީގެ ވިޔަފާރިތައް ސިންދަފާތުކޮށްފައި އޮތުމުގެ ނަތީޖާއެއްގެ ގޮތުގައި ބެލެވެއެވެ.