ވިލިމާލޭގައި އެފްއެސްއެމްއިން ތަރައްގީކުރާ ޝެޑުން ފެން ވިއްކުމުގެ ހުއްދަ ސިޓީ ކައުންސިލުން ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ވިލިމާލޭގައި އެފްއެސްއެމްއިން ތަރައްގީކުރާ ޝެޑުން ފެން ވިއްކުމުގެ ހުއްދަ ސިޓީ ކައުންސިލުން ދީފި

ވިލިމާލޭގައި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތަރައްގީކުރާ ފިއުލް ޝެޑުން، ބޯޓުފަހަރަށް ފެން ވިއްކުމަށް ބޭނުންވާ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާއްމު ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.

މި މައުޟޫއަށް ވާހަކަދައްކަވަމުން މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، ވިލިމާލެ ފަދަ ޑިމާންޑް ކުޑަ ސަރަހައްދެއްގައި ވިޔަފާރި ދެކޮޅުޖެއްސޭނީ، ތެލުގެ އިތުރުން ފެން ފަދަ ހިދުމަތްތައް ވެސް ދީގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. މޭޔަރު ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި، ކައުންސިލްގެ އެހީތެރިކަން ދިނުމަކީ އެ ކުންފުނިތަކަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.

މީގެ އިތުރުން، އެއް ތަނަކުން ތެލާއި ފެން ލިބެން ހުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް މޭޔަރު ވިދާޅުވިއެވެ. މޭޔަރު އާޒިމް އިތުރަށް ވިދާޅުވީ، މާލޭގެ ދެކުނުފަރާތުގައި ހުންނަ ލޯންޗުފަހަރަށް ވިލިމާލެއިން ފެނާއި ތެޔޮ ލިބޭނަމަ، އެ އުޅަނދުފަހަރު ވިލިމާލެއަށް ޑައިވާޓް ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމަށެވެ.

މިއަދު އޮންލައިން