ކައިވެނިކުރަނީ ހަމައެކަނި ތިމާއަށް ޚިދުމަތްކުރަން ނުވަތަ އަނބިމިހާއަށް ކާންދީ ބަލަހައްޓަން ކަމަށް ހަދައިފިނަމަ ލޮނދިމަހެއް އަތުން ދެމިގަންނަ ގޮތަށް އޭނާ ދެމިގަނެގެންދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ކައިވެނިކުރަނީ ހަމައެކަނި ތިމާއަށް ޚިދުމަތްކުރަން ނުވަތަ އަނބިމިހާއަށް ކާންދީ ބަލަހައްޓަން ކަމަށް ހަދައިފިނަމަ ލޮނދިމަހެއް އަތުން ދެމިގަންނަ ގޮތަށް އޭނާ ދެމިގަނެގެންދާނެ!

އަހުރެމެންގެ ތެރެއިން ގިނަބައަކަށް ކުރިމަތިވެގެން މިއުޅޭ އެންމެ ބޮޑު އެއް މައްސަލައަކީ ތިމާ ކައވެނިކުރި ސަބަބު ހަނދާން ނެތުމެވެ. ނުވަތަ ސަބަބު އޮޅުމެވެ. ވީމާ މިކަމަށް ތަންކޮޅެއް ބޮޑަށް ވިސްނައިލަމާ ހިނގާށެވެ! 

ކައިވެނީގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟ ކައިވެނީގެ ޙަޤީޤަތަކީ މީހެއްގެ ދަރިއަކާއި ޙަވާލުވުމެވެ. ޙަވާލުވަނީ ކީއްކުރަންހެއްޔެވެ؟ އޭނާ އާއިއެކު ދިރިއުޅޭށެވެ. ހަމައެކަނި ކާންބޯންދީ އަންނައުނުދޭކަށް ނޫނެވެ.  

ރަނގަޅެވެ. އެއީ ވެސް ފިރިމީހާއަށް ކުރަންޖެހޭ ކަންކަމެވެ. ނަމަވެސް އެހުރިހާ ކަމަކަށްވުރެވެސް ދެމަފިރިންގެ ގޮތުގައި އެކުގައި ދިރިއުޅޭއިރު މުހިންމުކަންބޮޑީ އެކުގައި ވަގުތު ހޭދަކުރުމެވެ. އެކުގައި ވަގުތު ހޭދަކުރާނަމަ މިބުނު ހުރިހާ ކަންކަންވެސް ހުންނާނީ ފުރިހަމަކުރެވިފައެވެ.  

ނަމަވެސް މިއަދު ކަންކަން މިދިމާވާ ގޮތަކީ އެކުވެރިންވެސް ކައިވެނިކުރާތީ ކައިވެނިކުރަނީއެވެ. ކައިވެނިކުރުމަށްފަހު މިކުރާކަމަކީ އަނެއްކާވެސް އެކުވެރިންނާއިއެކުގައި ވަގުތު ހޭދަކުރުމެވެ. އަނބިމީހާ ގޭގައި އިންތިޒާރުކުރަނީއެވެ. އިންތިޒާރުކުރަމުން ގޮސް ވަރުބަލިވީމާ ނިދެނީއެވެ. އެކުވެރިންނާއިއެކު ވަގުތު ހޭދަކޮށްފައި ގެއަށްދެވޭއިރު އަނބިމީހާއަށް އޮންނަނީ ނިދިފައެވެ.

އަހަރެން މިބުނަނީ ވަރަށް ކެރިހުރެގެންނެވެ. ކައިވެނިކުރުމަށްފަހު އެކުވެރިންނާއިއެކު ރޭގަނޑުގެ ވަގުތުތައް ހޭދަކޮށް މިބުނި ގޮތަށް ދިރިއުޅުން ފިރިންނަށް ހުއްދައެއް ނޫނެވެ. އެކަން އިސްލާމް ދީން މަނާކުރެއެވެ. އެކަން އެގޮތަށް ކުރަން އިސްލާމް ދީނުގައި ހުއްދަވާނެ އެއްވެސް ގޮތެއް ނެތެވެ. އަނބިމީހާއަށް އަދާކުރަން ޖެހޭ ޙައްޤުތައް އަދާނުކޮށް ރޭއަޅުކަންކުރަން ހުރުންވެސް ހުއްދަނުވާއިރު އަނބިމީހާގެ ޙައްޤުތައް އަދާނުކޮށް އެކުވެރިންނާއިއެކު ރޭގަނޑުގެ ވަޤުތުތައް ހޭދަކުރަން ހުއްދަވާނީ ކޮންގޮތަކުން ހެއްޔެވެ؟  

އަދި ކީއްހެއްޔެވެ؟ އަނބިމީހާ އާއިއެކު ވަގުތު ހޭދަކުރުމާއި ދެމަފިރިން އެކުގައި ޜޭކުރުން ނުވަތަ އެއްދާން ކުރުމަކީ ޘަވާބު ދެއްވަވާ އަޅުކަމެއްގެ ގޮތުގައި ލައްވަވާފައިވަނީ މިބަޔާންކުރި ސަބަބުތަކަށްޓަކައެވެ.  

މިވާހަކަތައް ތަފާތު ޢިބާރާތްތަކުން ވަރަށް ގިނަ ދަރުސްތަކުގައި ކުރިންވެސް ވާނީ ދައްކައިފައެވެ. ދަރުސްތައް އަޑުއަހައެވެ. ނަމަވެސް ދިރިއުޅުމަށް ބަދަލު އަންނަ ކަމަކަށް ނުފެނެއެވެ. ވީމާ ތަކުރާރުކޮށް މިވާހަކަތައް ދައްކަން ޖެހެނީއެވެ. މިކަންކަން އިޞްލާޙްނުކޮށް ޒަވާޖީ ޙަޔާތަކީ އުފާވެރި ދިރިއުޅުމަކަށް ނުހެދޭނެއެވެ. އުފާވެރި ދިރިއުޅުމަކާއި ނުލައި ޙަޔާތް ބާއްޖަވެރިއެއް ނުކުރެވޭނެއެވެ. ވީމާ މައްސަލަތައް ދިމާވީމާ ޝަކުވާކުރުމުގެ ބަދަލުގައި ފުރަތަމަކަމަކަށް އަނބިންނާއިއެކު ވަގުތު ހޭދަކުރަންފަށާށެވެ.

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން