އަހުރެން މިރޭ ފާހަގަކޮށްލަން މިއުޅެނީ ކައުންސިލިންގ ހޯދަން އަހުރެންގެ ގާތަށް އަންނަ ކްލައިންޓުންގެ ފަރާތުން ފާހަގަކުރެވޭ ދެކަމެކެވެ. ފުރަތަމަ ފާހަގަމިކުރަނީ ފުދުންތެރިކަން ކުޑަ މީހުންގެ ކިބައިން ފާހަގަކުރެވޭ ކަމެކެވެ.
އެކަމަކީ ޢާއިލާގެ ނަމަވެސް ނުވަތަ އެކުވެރިންގެ ތެރެއިން ނަމަވެސް އެހެން މީހުން ގަންނަ އަގުބޮޑުތަކެތީގެ ވާހަކަ ދެއްކުމެވެ. މިޘާލަކަށް މިވެނި މީހަކު ކާރެއް ގަނެފި، އަނބިމީހާއަށް އަގުބޮޑު ސައިކަލެއް ގަނެދީފި، ގެއަށް މިވެނިއެވެނި އަގުބޮޑު ތަކެތި ގަނެފި ފަދަ ވާހަކަ ދެއްކުމެވެ.
މިބާވަތުގެ ވާހަކަތައް އަނބިމިހާ ދައްކާނަމަ، ޚާއްޞަކޮށް ގިނައިން ދައްކާނަމަ ފިރިމީހާއަށް ވިސްނެންފަށާނީ އޭނާގެ ކިބައިގައި އެފަދަ ތަނަވަސްކަން ނެތުމުން އަނބިމީހާ ފޫހިވަނީ ކަމަށެވެ. އަނބިމީހާ އެއުޅެނީ ތަނަވަސް ފިރިއަކަށް ބޭނުންވެގެން ކަމަށެވެ.
އެކަންކަމަށް ވިސްނެން ފެށުމުން އަނބިމީހާ ހެޔޮ ނިޔަތުގައި ކުރާ ކަންކަމުންނާއި ހެޔޮނިޔަތުގައި ބުނާ ބަސްތަކުންވެސް ނުބައި މާނަ ނެގެންފަށާނެއެވެ. ދެން ޖެހެންފަށާނީ މައްސަލަތަކެވެ. ވީމާ އަހުރެންގެ އިލްތިމާސަކީ އެހެން މީހުންގެ މިފަދަ ވާހަކަތައް ފިރިމީހާގެ ގާތުގައި ނުދެއްކުމެވެ. އަދި އެކަންކަމަށް ތިމާވެސް ނުވިސްނުމެވެ. ފިރިމީހާއަށް ލިބޭ އާމްދަނީއަށް ޝުކުރުވެރިވެ ފުއްދައިގެން އުޅެން މަސައްކަތްކުރުމުން ކުރާ ފައިދާ މާބޮޑުވާނެއެވެ. އިން ޝާ ﷲ
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް