އަޅުގަނޑުގެ ފިރިމީހާ ކުއްލިއަކަށް މާހެޔޮބޮޑުވެއްޖެއެވެ. ވިސްނޭ ގޮތުގައި ވާނީ ކުށެއްކުރީކަމަށެވެ. ބުއްދިވެރީ އަވަހަށް ވަރިވުންތަ؟
މިޙާލަތުގައި ވިސްނަންޖެހޭނީ ހަމައެކަނި ކުށެއްކުރީ ކަމަކަށް ނޫނެވެ. ފަހަރެއްގައި އަނބިމީހާގެ މައްޗަށް ހަމްދަރުދީ ބޮޑުވީކަމަށްވެސްވެދާނެއެވެ. ފިރިމީހާއަށް ހެޔޮކޮށް ހިތުމުން އަނބިންނަށް ސުވަރުގެ ވަދެވޭނެކަން އެނގުމުން އަނބިމީހާއަށް ހެޔޮކޮށް ހިތައިގެން ސުވަރުގެ ވަންނަން ބޭނުންވީ ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ ވަރަށް ލޯބިން ދެމަފިރިއަކު އުޅޭތަން ފެނުމުން އަސަރުކޮށް އެފަދަ އުފާވެރިކަމަކަށް ބޭނުންވީކަމަށްވެސް ވެދާނެއެވެ. މެދުވެރިވެދާނެ މިފަދަ އެތައް ގޮތެއް ހުންނާނެއެވެ.
ދެން އޮތީ ކުށެއް ކުރެވުމެވެ. އެންމެންނަށްވެސް ކުށްކުރެވޭނެއެވެ. ގިނައީ ލޯބިވެރިއަކު ލިބުމުން، ނުވަތަ ކުށެއް ކުރެވުމުން އެކަން ފޮރުވަންވެސް އަނބިމީހާއަށް އަނިޔާވެރިވާ މީހުންނެވެ. ވީމާ ހެޔޮބޮޑުވިކަން އެއީވެސް ނަޞީބެއް ނޫން ހެއްޔެވެ؟
އަހުރެންގެ ނަޞީޙަތަކީ ތިބާވެސް ކުރިއަށްވުރެ ހެޔޮބޮޑުވުމެވެ. ނުބައި ޝައްކުތައް ނުކުރުމެވެ. ކުރި ކަމެއް އެނގިއްޖެނަމަ އިތުރަށް ވިސްނާނީއެވެ. އަޅަންޖެހޭ ފިޔަވަޅެއްވެސް އަޅާނީއެވެ. ޝައްކެއްގެ މައްޗަށް ވަރިވުން ވާނީ އަމިއްލައަށް ލިބިގަނެވޭ ދެރައަކަށެވެ.
މިއީ އެސުވާލަށް ޢިލްމްވެރިއަކު ދެއްވާފައިވާ ޖަވާބެވެ. ޢިލްމްވެރިޔާ ދެއްވާފައި އެވަނީ ވަރަށް އަގުހުރި ނަޞީޙަތެކެވެ. ޝައްކުގެ މައްޗަށް ވަރިވުން ހުއްދައެއްވެސް ނޫނެވެ. ވީމާ ވަރިއާއިމެދު ވިސްނަންވާނީ އެެހން ގޮތެއް ނެތުމުންނެވެ.
- މިއަދުނޫސް