ޢާއިޝަތު ރަފާޙް ޢަލީ
މުޞީބާތްތަކަކީ އެންމެންނާވެސް ކުރިމަތިވާނެ އެއްޗެކެވެ.
ﷲ ތަޢާލާ އަލް އަންޢާމް ސޫރަތުގެ 59 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَعِندَهُ مَفَاتِحُ الْغَيْبِ لَا يَعْلَمُهَا إِلَّا هُوَ ۚ وَيَعْلَمُ مَا فِي الْبَرِّ وَالْبَحْرِ ۚ وَمَا تَسْقُطُ مِن وَرَقَةٍ إِلَّا يَعْلَمُهَا وَلَا حَبَّةٍ فِي ظُلُمَاتِ الْأَرْضِ وَلَا رَطْبٍ وَلَا يَابِسٍ إِلَّا فِي كِتَابٍ مُّبِينٍ
"އަދި ޣައިބު ގެ ތަޅުދަނޑިތައްވަނީ، އެކަލާނގެ ޙަޟްރަތުގައެވެ. އެކަލާނގެ މެނުވީ، އެކަންތައްތައް ދެނެވޮޑިގެންނުވެތެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެކަލާނގެ ދެނެވޮޑިގެންވެތެވެ. އެކަލާނގެ ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެތެވެ."
މިލިޔުމުގައި މިބަލާލަނީ މުޞީބާތެއް ދިމާވުމުން ކަންތައް ކުރާން ޖެހޭނެ ގޮތްތަކަށެވެ.
· ހެނދުނާ ހަވީރުގެ ދުޢާތައް ކިޔުން:
އެގޮތުން ހެނދުނާ ހަވީރު ކިޔަން ވާރިދުވެފައިވާ ދުޢާތަކަކީ ރައްކާތެރިކަން ލިބިގެންދާނެ ދުޢާތަކެކެވެ. ހެނދުނާ ހަވީރު ކިޔަން ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން ދުޢާއަކަށް ބަލައިލާނަމެވެ.
بسمِ اللَّهِ الَّذي لا يضرُّ معَ اسمِهِ شيءٌ في الأرضِ ولا في السَّماءِ وَهوَ السَّميعُ العليمُ
މާނައީ: "ﷲ ތަޢާލާގެ އިސްމުފުޅުން ފަށަމެވެ. އެކަލާނގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗަކަށް ގެއްލުމެއް ނުދެވޭނެއެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."
މިދުޢާ ހެނދުނު ތިން ފަހަރު ކިޔައިފިނަމަ ކުއްލިއަކަށް ދިމާވާ މުޞީބާތްތަކުން ހަވީރުވަންދެން ކުރިމައްޗެއް ނުވާނެ ކަމަށް ޙަދީޘް ބަސްފުޅެއްގައިވެއެވެ. އަދި ހަވީރު ތިން ފަހަރު ކިޔައިފިނަމަ ކުއްލިއަކަށް ދިމާވާ މުޞީބާތްތަކުން ހެނދުނު ވަންދެން ކުރިމައްޗެއް ނުވާނެ ކަމަށް ޙަދީޘް ބަސްފުޅެއްގައިވެއެވެ.
ހެނދުނާ ހަވީރު ކިޔާ އެހެން ދުޢާތަކުންވެސް ފައިދާ ކުރާނެއެވެ. އަދި ޖިންނި ޝައިޠާނުންގެ ކިބައިން ރައްކާތެރިކަން ލިބިގެންދާނެއެެވެ. އަދި މުޞީބާތްތަކުން ވެސް ރައްކާތެރިކަން ލިބިގެންދާނެއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ހެނދުނާ ހަވީރުގެ ދުޢާތައް ޤަވާޢިދުން ކިޔަމުން ގެންދެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ.