އަހުރެން ދެން މިފާހަގަކުރަނީވެސް ކްލައިންޓުންގެ ކިބައިން އެނގޭ ކަމެކެވެ. މިއީވެސް ކޮންމެ ދެމަފިރިއަކުވެސް ވިސްނަންޖެހިފައިވާ ކަމެކެވެ. އެކަމަކީ ގިނަފަހަރު ވިސްނެނީ މިވެނި ދެމަފިރިއަކު ވަރަށް ތަނަވަސްކަމުގައި އުޅޭތީ އެމީހުން އުޅޭނީ ވަރަށް އުފަލުގައި ކަމަށެވެ.
އެގޮތަށް ވިސްނުމުން ހަސަދަވެރިވެސްވެއެވެ. އަދި ތިމާމެންގެ ދިރިއުޅުންމަތިން ފޫހިވެސްވެވެއެވެ. ފިރިމީހާ ބަދަލުކުރަންވެސް ވިސްނެއެވެ. މިހުރީ ވަރަށް ނުރައްކައުތެރި ކަންކަމެވެ.
ބުނަން ހެއްޔެވެ؟ މީހަކު ބުނާތީއެވެ. ތަނަވަސް ކްލައިންޓުންގެ ކިބައިން އެނގޭ ކަންކަމަށްބަލާއިރު ތަނަވަސްކަން ހުރިނަމަވެސް ކަރުނައަޅަމުން އެކުގައި އުޅޭ ދެމަފިރިންވެސް މަދެއް ނޫނެވެ. އެއީ ތަނަވަސްކަން ފިޔަވައި އެހެން ކަންކަން ހުންނަ ގޮތުންނެވެ. ލޯބިވުމާއި ލޯބިދިނުމުގެ މައްސަލަތަކެވެ. ވަޤުތު ނުދިނުމުގެ މައްސަލައެވެ. ބޭވަފާތެރިވުމުގެ މައްސަލަތަކެވެ. މިހެންގޮސް އެތައް ބައިވަރު މައްސަލަތަކެކެވެ.
ވީމާ އެހެން ދެމަފިރިންގެ ތަނަވަސްކަމަށް ނުވިސްނާށެވެ. އެމީހުންނަށް ތަނަވަސްކަން ލިބުނު ގޮތް އެނގޭނީވެސް އެމީހުންނަށެވެ. ޙައްޤުނޫން ގޮތުގައި ތަނަވަސްކަން ލިބިގަނެގެން އުޅޭ މީހުންވެސް ބައިވަރެވެ. އެއިރުން ކައިބޮއި އެހެދެނީ ޙަރާމް ތަކެއްޗެވެ. އެގެން އޮތީ އެފަދަ ތަކެތި ކައިގެން ޖަހާމަސް ދިއުން ގާތީ ނަރަކައަށް ކަމެވެ.
ދުނިޔޭގައި ކަންކަން އެންމެންނަށް އެއްގޮތެއް ނުވާނެއެވެ. ދިރިއުޅެންޖެހޭނީ ތަފާތު ދަރަޖަ ތަކުގައެވެ. އެކަން ޤަބޫލުކުރެވޭނަމަ މިބުނި ފަދަ އެހެން މީހުންގެ ކަންކަމަށް ވިސްނާކަށްވެސް ނުޖެހޭނެއެވެ.
- ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ވާހަކަފުޅަކުން
- މިއަދުނޫސް