ހިލޭއެހީ ލިބިގެން ސަރުކާރު ހިންގި އެމްޑީޕީން ރެކޯޑޫ ޢަދަދަކަށް ދައުލަތް ދަރަނިކުރުވީމާ އެނގެނީ ލިބުނު އެހީ ޖީބުތަކަށް ވައްދައި ފުރިކަން ނޫންތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 36ސ
ހިލޭއެހީ ލިބިގެން ސަރުކާރު ހިންގި އެމްޑީޕީން ރެކޯޑޫ ޢަދަދަކަށް ދައުލަތް ދަރަނިކުރުވީމާ އެނގެނީ ލިބުނު އެހީ ޖީބުތަކަށް ވައްދައި ފުރިކަން ނޫންތޯ؟

ނިމިގެން ދިއަ އެމްޑީޕީގެ ސަރުކާރުގެ ވެރިކަމުގައި ހިލޭ އެހީ އިމެއްނެތި ލިބުނު ކަމަށް ބުނަނީވެސް އެމީހުންނެވެ. ބޭނުންވަރަކަށް ޑޮލަރު ލޯނުތައް ލިބުނު ކަމަށް ބުނަނީވެސް އެމީހުންނެވެ. އެކަމަކު ވެރިކަން ނިމިގެންދިއައިރު ދައުލަތް އޮތީ އެއިގެ ކުރީގެ 40 އަހަރުން ނުދަރާ ވަރަށް ދަރައިފައެވެ. ރާއްޖޭގެ އެކިފަރާތްތަކަށް ނުބައްކައިހުރި ބިލްތައް އެކަނިވެސް އެތައް ބިލިއަނަކަށް އަރައެވެ. އެއިގެ އިތުރުން ލިބެންއޮތް ހުރިހާ ތަނަކުން ބޮޑެތި ލޯނުތައް ނެގުމުން މިނިވަންކަމާއި އިސްތިޤްލާލް އޮތީ ގެއްލިފައެވެ. ޤައުމު އޮތީ އަޅުވެތިވެފައެވެ. އިމެއް ނެތި ފައިސާ ޗާޕުކުރުމުން އެމްއެމްއޭ އޮތީ ހުސްވެފައެވެ. 

އެޙާލަތުން އަރައިގަތުމަށް މިހާރުގެ ސަރުކާރުން ކުރަންފެށި މަސައްކަތްތަކުގެ ނަތީޖާ ފެންނަން ފެށުމުން ރައްޔިތުންގެ ބޮލުގައި ތާކިހަލެއް އެޅުވޭތޯ ފަތުރަމުން ގެންދާ ދެކޮޅު ނުޖެހޭ ވާހަކަތަކުގެ ޙަޤީޤަތް ހެޔޮވިސްނޭ ރައްޔިތުންނަށް އެނގެއެވެ.

އެމްޑީޕީގެ މިއިޢުތްރާފަށް ބަލައިލުމުންވެސް ފައިސާތައް ޖީބުތަކަށް ވައްދައި ހުރިކަން ޘާބިތުވެއެވެ. މިއިޢުތިރާފް މަޖިލީހުގެ ޔަމިއްޔާއިން ފެންނާނެއެވެ.  

ބޮޑެތި ލޯނުތައް ނަގައި ރައްޔިތުން ދަރަނިވެރިކުރުވީ ދައުލަތަށް ފައިސާ ނުލިބޭތީ ނޫންކަން މެންބަރު މީކާއީލް ހާމަކުރައްވައިފި-  

" އަދިވެސް އެއްފަހަރު ތަކުރާރުކޮށްލާނަން. ކަންކަން ކުރެވޭވަރަށް ކޮންމެ މަހަކު ވަދޭ ފައިސާ! އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފަ!  މިހާރު ވެސް އަޅުގަނޑުމެންނާ ގާތް ރައްޓެހި ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފަ.  ދައްކަން ހުރި ބައެއް ބޮޑެތި ލޯނުތަކަށް ރީފައިނޭންސްކުރެވޭނެ ގޮތްތައް ހުރީ ހަމަޖެހިފަ! އެހެންވީމާ އެއްވެސް ކަންބޮޑުވުމެއް ނެތް! އެއްވެސް ކަންބޮޑުވުމެއް ނެތް އަޅުގަނޑުމެންނަށް ޤައުމުގެ އިޤުތިޞާދީ ހާލަތާމެދު!"

- މީކާއީލް  

މީކާއީލް ފުރަތަމަވެސް އެވިދާޅުވީ ދައުލަތުން ކުރަންޖެހޭ ކަންކަން ކުރެވޭވަރަށް ކޮންމެ މަހަކުވެސް ފައިސާ ވަންނަ ކަމަށެވެ. އެހެންކަމަށްވާއިރު ބަޖެޓުން ނުފިުދިގެންނޭ ކިޔައިގެންނާއި އަދި ރައްޔިތުންނަށް ކަންކަން ކޮށްދޭންވެގެންނޭ ކިޔައިގެން އެމްޑީޕީގެ ސަރުކާރުގައި ބޭރު ޤައުމުތަކުން ބޮޑެތި ލޯނުތައް އެކި ނަންނަމުގައި ނެގީ ނުފުއްދިގެން ނޫންކަމާއި ދައުލަތަށް ލިބޭ ފައިސާ ކޮންމެވެސް އެހެން ކަންތައްތަކަކަށް ޚަރަދުކުރުމުންކަން އެއޮތީ ވަރަށް ރަނގަޅަށް ހާމަވެފައެވެ.  

ދައުލަތުގެ މުއައްސަސާތަކުން ބަލައި ހޯދަންޖެހިފައި މިވަނީ އެފައިސާތައް ޚަރަދުކޮށްފައިވާ ދިމާތަކެވެ.  

ދެން އެވިދާޅުވާ އެއްޗަކަށް ވިސްނާލުމުން އެނގެނީ އަދި މާނުރައްކާތެރި ކަމެކެވެ.  

" އަދި ދައްކަން ހުރި ލޯނުތަކަށް ފައިސާ ހޯދޭނެ ގޮތްތައް އަޅުގަނޑުމެންނަށް އެބަހުރި ފަހިވެފަ!  މިހާރު ވެސް އަޅުގަނޑުމެންނާ ގާތް ރައްޓެހި ދިމަދިމާލުން އެބަހުރި ގްރީން ސިގްނަލް ލިބިފަ.  ދައްކަން ހުރި ބައެއް ބޮޑެތި ލޯނުތަކަށް ރީފައިނޭންސްކުރެވޭނެ ގޮތްތައް ހުރީ ހަމަޖެހިފަ!"  

އެވިދާޅުވާ ރީފައިނޭންސް ކުރުމަކީ އެމްޑީޕީގެ ސަރުކާރުގައި ޢަމަލުކުރަމުން އައިސްފައިވާ ގޮތެވެ. ދަރަނި އަދާކުރަންޖެހޭ މުއްދަތު ހަމަވުމުން ދަރަނި ނުދައްކައި މުއްދަތު އިތުރުކުރުމެވެ. އަބަދުވެސް އިތުރަށް ދަރަނި ބޮޑުކުރަމުން ދިއުމެވެ. އެންމެ ސާފު ޢިބާރާތުންނަމަ ޤައުމު ވިއްކާލައި އަޅުވެތިވެގެން ތިބުމެވެ.  

އެކަމުގެ ނަތީޖާއަކަށްވާނީ ދަރަނިދިން ފަރާތުގެ އަޅުންނަށް ދިވެހި ރައްޔިތުން ބަދަލުވުމެވެ. މިއަދުގެ ސަރުކާރަށް ކަމުނުގޮސްގެން އެއުޅެނީ އެގޮތެވެ.

 

 

މިއަދު އޮންލައިން