ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އާންމުކުރިއިރު، ފެނިގެންދަނީ ބޭންކުން ދަމަހައްޓަމުން އަންނަ ހަރުދަނާ މާލީ ސިޔާސަތުތަކުގެ ފޮނި މީރުކަމެވެ.
ބޭރުގެ މާލީ ބާޒާރަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އިގްތިސާދީ ގޮންޖެހުންތަކާ ކުރިމަތިލަމުން، ބޭންކުން ވަނީ ފާއިތުވި އަހަރުތަކުގެ ރެކޯޑު ކާމިޔާބީތައް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުވެސް ދަމަހައްޓާފައެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރިސްކު މެނޭޖްކުރުމުގެ ހަރުދަނާ އުސޫލުތަކާއި، ހިންގުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ދެވުނު އިސްކަމެވެ.
މާލީ ނަތީޖާތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ވަނީ ހާސިލުކޮށްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. ހަމައެކަނި ދެވަނަ ކުއާޓަރުގައިވެސް 647 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ހޯދުމަކީ ބޭންކުގެ މައިގަނޑު ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުންދާކަމުގެ ހެއްކެކެވެ.
އާމްދަނީގެ ގޮތުން ބޭންކަށް ޖުމްލަ 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި އިންޓްރެސްޓުން ލިބުނު 1.6 ބިލިއަން ރުފިޔާއާއި ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނެއެވެ. ބޭންކުގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތުން، ކޮސްޓް-ޓު-އިންކަމް ރޭޝިއޯ 28 އިންސައްތައިގައި ހިފެހެއްޓިފައިވުމަކީ ފާހަގަކޮށްލަންޖެހޭ ކާމިޔާބީއެކެވެ. މީގެ އިތުރުން، ބޭންކުގެ ބެލެންސް ޝީޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. ކަސްޓަމަރުންގެ ޑިޕޮސިޓްތައް 41.6 ބިލިއަން ރުފިޔާގައި ހުރިއިރު، ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް ބޭންކުން ވަނީ އަލަށް 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށް، ގައުމުގެ އިގްތިސާދީ ދާއިރާތަކަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.
ބޭރު ފައިސާގެ ދަތިކަން ހުރި ނަމަވެސް، ބީއެމްއެލް އިން ވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން، ޓީޓީ މެދުވެރިކޮށް 166 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، ކާޑު މުއާމަލާތްތަކަށް 226 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. ޖުމްލަ ގޮތެއްގައި މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވާއިރު، މިއީ 2021 ވަނަ އަހަރާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.
ކުރިމަގަށް ބަލާއިރު، ބޭންކުން ދަނީ ޑިޖިޓަލް އީޖާދުތަކަށާއި މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުމާއި، ގެދޮރުވެރިކަމުގެ ފައިނޭންސިންގ ފުޅާކުރުމަކީ މީގެ ތެރެއިން ބައެއް ކަންކަމެވެ.
މީގެއިތުރުން އެ ބޭންކުން މިހާރު ރާއްޖޭގެ 20 އަތޮޅުގައި ޖުމްލަ 55 ބްރާންޗާއި ި، 340 އޭޓީއެމްގެ އިތުރުން ޒަމާނީ ޑިޖިޓަލް ބޭންކިން ވަސީލަތްތައް ހިމެނޭއިރު، އޭގެތެރޭގައި މިދިޔަ ދެ އަހަރު ތެރޭ ހުޅުވި 17 ބްރާންޗް ހިމެނެއެވެ. މިއިން ދައްކުވައިދެނީ ބޭންކިން ހިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ބޭންކުން ކުރާ ދެމެހެއްޓެނިވި އިންވެސްޓްމެން ކަމަށް ވިދާޅުވިއެވެ.
އައު އީޖާދުތަކާއި ހިދުމަތްތައް ފުޅާކުރުމުގެ ޒަރީއާއިން މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކުން ދެމި އޮންނާނެ ކަމަށް ވެސް ބީއެމްއެލްއިން ވިދާޅުވެއެވެ.
މިއީވެސް ބީއެމްއިން ހޯދި ބޮޑު ކުރިއެރުމެކެވެ.