މަސްތުވާތަކެތީގެ މައްސަލަހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
މަސްތުވާތަކެތީގެ މައްސަލަހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް: ރައީސް

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި މި ސަރުކާރުން ފަށާފައިވާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާ ފެންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕްރޮގްރާމްގެ ތިންވަނަ އެޕިސޯޑުގައި ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި 30 އަހަރަށްވުރެ ގިނަދުވަސްވީ ބޮޑު މައްސަލައެކެވެ. އަދި ވޭތުވެދިޔަ ސަރުކާރުތަކުން މިކަން ހައްލުކުރުމަށް އެކި މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މިހާތަނަށް އެދެވޭ ނަތީޖާއެއް ހާސިލުކުރެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ތަންފީޒީ އިޖުރާއަތްތައް ހަރުދަނާކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެކަމުން ސަލާމަތްކޮށް، އަލުން މުޖުތަމައަށް ނެރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މިގޮތުން ރިހެބިލިޓޭޝަންގެ ނިޒާމު ފުޅާކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާ ކަމަށާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުވާދޭ މަރުކަޒުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިހާރު ފަށާފައިވާ މި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން ހައްލުނުވެ އޮތް މި މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން