ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވަބޯޑް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން "ލިވަބޯޑް ފައިނޭންސް" މިއަދު ތައާރަފުކޮށްފިއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ މި މުހިންމު ސިނާއަތް ކުރިއެރުވުމަށް ބޭންކުން އެޅި މުހިންމު ފިޔަވަޅެކެވެ.
މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި، ބަނުމަށާއި، އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށެވެ. އަދި އުޅަނދަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށްވެސް މި ލޯނު ބޭނުންކުރެވޭނެއެވެ. މީގެ ސަބަބުން މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި، ބޭނުންކުރަމުންދާ ބައު އުޅަނދުފަހަރު ޒަމާނީ ކުރުމަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ.
މި ފެސިލިޓީއަކީ ރާއްޖޭގައި މިވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތައިގައި ދޫކުރާ ފެސިލިޓީއެކެވެ. މީގެ އިތުރުން، މި ފެސިލިޓީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދެވެ. އިތުރު އެއްވެސް ރަހުނެއް މި ލޯނަށް ބޭނުމެއް ނުވާނެއެވެ.
ފައިނޭންސް އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު، ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ މި ދާއިރާގެ ޕީކް ސީޒަނާއި އޮފް-ޕީކް ސީޒަނަށް ބަލައިގެންނެވެ. މީގެ ސަބަބުން އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން އޮޕަރޭޓަރުންނަށް ލިބޭނެއެވެ. މި ފައިނޭންސަށް ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ޑޮލަރުންނެވެ.
މި ފެސިލިޓީއާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ، "ލިވަބޯޑް އުޅަނދުތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ދާއިރާ. މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވަނީ، އެ ވިޔަފާރި ހިނގަމުން އަންނަ ގޮތް ރަނގަޅަށް ދަންނަ މާލީ އެހީތެރިއެއް." އޭނާ އިތުރަށް ވިދާޅުވީ މިއީ އިޤްތިޞާދުގެ މުހިންމު ދާއިރާތަކަށް އެހީތެރިވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޒަމާނުއްސުރެ އެހީތެރިކަން ފޯރުކޮށްދެމުންދާ މާލީ ބައިވެރިއެކެވެ.