އިންސާނީ ވަގުފާރިއާ ގުޅޭ ޤާނޫނުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށްޓަކައި، އެކަމަށް އާންމުންނާއި ކަމާބެހޭ ފަރާތްތަކުގެ ހޭލުންތެރިކަން އިތުރުކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޑރ. އަބްދުﷲ ފައިރޫޝް ވިދާޅުވެއްޖެއެވެ.
ޑރ. ފައިރޫޝް މިހެން ވިދާޅުވީ މޯލްޑިވްސް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓްރެޓީޖިކް ޕްލޭން ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި އިންސާނީ ވަގުފާރި ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާއި، އެކަންކަން ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މިއަހަރުގެ ބައިނަލްއަޤުވާމީ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "ޓްރެޕްޑް ބިހައިންޑް ދަ ސްކޭމް" އެވެ. މި ޝިއާރުގެ ދަށުން، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ހިންގާ އޮންލައިން ސްކޭމްތަކުގެ ތެރެއަށް މީހުން ވައްދައި، އެމީހުން ޓްރެފިކްކުރުން އިތުރުވަމުންދާ މައްސަލައަށް ވަނީ ވަރަށް ބޮޑަށް އަލިއަޅުވާލާފައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޓެކްނޮލޮޖީ މެދުވެރިކޮށް ހިންގާ މިފަދަ ޖަރީމާތަކަށް އާންމުން ސަމާލުވުމަށް ވަނީ ގޮވާލާފައެވެ. އަދި ކުށްކުރާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ބަދަލުވަމުންދާތީ، އެކަމަށް ތައްޔާރުވެ ތިބުމުގެ މުހިންމުކަންވެސް ފާހަގަކުރެއްވިއެވެ.
މި މަސައްކަތަކީ ކަމާ ގުޅުންހުރި ހުރިހާ އިދާރާތަކެއް ގުޅިގެން، ބަދަލުވަމުންދާ ކުށުގެ ވިއުގަތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކުރެވޭ ގައުމީ މަސައްކަތެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އިންސާނީ ވަގުފާރި ހުއްޓުވުމަށްޓަކައި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ އިތުރުން، އަމަލީ ގޮތުން އެ ގާނޫނުތައް ތަންފީޒުކުރުމުގެ މުހިންމުކަން މި ބައްދަލުވުމުގައި ބައިވެރިން ފާހަގަކުރިއެވެ.