ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޕަމްޕު ސްޓޭޝަންތައް އަންނަ މަހު ނިންމަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ޕަމްޕު ސްޓޭޝަންތައް އަންނަ މަހު ނިންމަނީ

މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައިގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން، އެ ސަރަހައްދުގައި ބަހައްޓަންޖެހޭ ޕަމްޕުތައް އަންނަ އޯގަސްޓު މަހުގެ މެދަކާ ހަމައަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނު މަގު އާންމު ދަތުރުފަތުރަށް ހުޅުވާލިއިރު، ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތަކެއް ހުރިކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ. މިގޮތުން 24 ޖުލައި 2026 ގައި ނެރުނު ނޫސްބަޔާނެއްގައި އެމްޓީސީސީން ބުނެފައިވަނީ، މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް އަދި އޮތީ ފުރިހަމަ ނުކުރެވި ކަމަށެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި 3 ޕަމްޕު ސްޓޭޝަން ބަހައްޓައި، ޓެސްޓުކޮށް އަދި ކޮމިޝަންކުރުމުގެ މަސައްކަތް މިހާރު ތާވަލުކޮށްފައިވަނީ 15 އޯގަސްޓު 2026 ވަނަ ދުވަހުގެ ކުރިން ނިންމުމަށެވެ. މި މަސައްކަތް ނިމުމުން މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

"މި މުއްދަތުގައިވެސް މާލެއަށް ކުރާ މޫސުމީ ވިއްސާރާއާއި ގުޅިގެން ބޮޑުތަކުރުފާނު މަގުގައި ފެން ބޮޑުވާނަމަ، ފެން ހިންދުމުގެ މަސައްކަތް މިކުންފިން ކުރަމުން ގެންދާނެ،" އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މަގުގެ މަސައްކަތް އެއްކޮށް ނިމެންދެން އާންމުންނަށް ދިމާވާ ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ. އަދި ޕަމްޕުތައް ހަރުކޮށް ނިމެންދެން ކުންފުނީގެ ޓީމުތަކުން މަގުގެ ހާލަތު ބަލަމުންދާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

މިއަދު އޮންލައިން