ކުރިއަށް އޮތް ހަފުތާ ބަންދުގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށާއި، އޭގެ ތެރެއިން ވެސް އެންމެ ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވެނީ މިއަދު ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.
މެޓް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. މި ދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮޅިގަނޑުތައް އުފެދެމުންދާކަން އެ އިދާރާއިން ވަނީ ފާހަގަކުރައްވާފައެވެ.
މޫސުން ގޯސްވާން މެދުވެރިވި ސަބަބުތަކާ ގުޅޭގޮތުން މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އުތުރާއި އިރުދެކުނުގައި "ލޯ ޕްރެޝަރ ޓަރަފް" އެއް އުފެދިފައިވާ ކަމަށެވެ. މީގެ ސަބަބުން ރާއްޖޭގެ ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. ވަކިން ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ރޭވުމަށް ވަނީ އިރުޝާދު ދެއްވާފައެވެ.