މިދެކަންތަކަށް ސަމާލުކަން ދިނަސް ދެމަފިރިންގެ ދިރިއުޅުން މަތީ ހަރުފަތުގަ އުފަލުގަ ދެމިގެންދާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 54ސ
މިދެކަންތަކަށް ސަމާލުކަން ދިނަސް ދެމަފިރިންގެ ދިރިއުޅުން މަތީ ހަރުފަތުގަ އުފަލުގަ ދެމިގެންދާނެ! އިން ޝާ ﷲ

އަހަރެމްނެގެ ތެރޭގައި ގިނައިން ދެކެވެނީ ކޮންމެވެސް މީހަކަށް ކުރިމަތިވެގެން އުޅޭ މައްސަލަތަކުގެ ވާހަކަތަކެވެ. އަދި ތިމާއަށް ކުރިމަތިވެގެން އުޅޭ ކަންކަމުގެ ވާހަކަތަކެވެ! މައްސަލަތައް ޖެހޭ ސަބަބުތަކާއި ޙައްލު ހޯދުމަށް ކުރެވިދާނެ ކަންކަމުގެ ވާހަކަ ދެއްކެނީ ވަރަށް މަދުންނެވެ.

ފިރިމީހާ ގެއަށް އައުމުން ހިނިތުންވުމާއިއެކު މަރުހަބާ ކިޔުމަކީ ވަރަށް ގިނަ މައްސަލަތަކުގެ ހައްލެވެ. އެހެންކަމުން މިއީ އިތުރަށް ވިސްނައިލަން ޖެހިފައިވާ ކަމެކެވެ. ގިނަ ފަހަރު އަނބި މީހާ ހިނިތުން ނުވަނީ ކޮންމެވެސް ކަމަކާއިމެދު ހިތް ހަމަނުޖެހި ހުރުމުން ކަމަށްވެދާނެއެވެ. ފިރިމީހާ ގެއަށް އައުމުން މަޝްވަރާކޮށް މައްސަލަ ހައްލުކުރުމަށްފަހު ފަހުން ހިނިތުންވެލަން ކަމަށްވެސް ވެދާނެއެވެ.  

ނަމަވެސް ކަންކަން ބަދަލުވަނީ އެގޮތަކަށް ނޫނެވެ. ހިނިތުން ވުމާއިއެކު މަރުޙަބާ ނުކިޔާ ހިސާބުން ރޯވާ ހުޅުގަނޑު ދާނީ ބޮޑުވެ ބާރުވަމުންނެވެ. ވީމާ އެއްވެސް މައްސަލައެއްގެ ޙައްލު ފެނުމަކީ ވަރަށް ދުރު ކަމެކެވެ.  

ފިރިމީހާ ގެއަށް އައުމުން ހިނިތުން ނުވުމަކީ ފިރިމީހާ އާއިމެދު އަންތބަކަށް ހިންގޭނެ އެންމެ ބޮޑު ޖަރީމާއެވެ. އަދި އެއީ ދެވޭނެ އެންމެ ބާރު ގަދަ ހަމަލާ ކަމަށްވެސް ބެލެވެއެވެ. ފިރިމީހާއަށް އެންމެ ބޮޑު އަނިޔާއެއްވެސް ލިބޭނީ އެކަމުންނެވެ. ފިރިމީހާ އެވަގުތު އެކަމާއިމެދު އެއްވެސް ބަހެއް ނުބުނެފާނެއެވެ. ނަމަވެސް މުޅި ހަވީރާއި އެރޭ އެކަމުގެ ހަމަލާތައް ދާނީ އަމާޒުވަމުންނެވެ. 

އަނބިމީހާއަށް ކުރެވޭ ކޮންމެ ކަމަކުން ކުށްތައް ފެންނާނެއެވެ. ރޭގަނޑު ކާ ވަގުތު ލޮނު ގަދަ ނޫނީ މަޑުވާނެއެވެ. ނިދަން އޮށޯތުމާއިއެކު ބޮލުގައި ރިއްސާތީ ވާހަކަ ދައްކަން ބޭނުމެއް ނުވާނެއެވެ. އެނބުރޭނީ ބިއްދޮށަށެވެ. މިފަދަ ހުރިހާ ކަންކަންވެސް ގޮސް މިގުޅެނީ ކުރިން ބުނި ހިނިތުންވުމާއިއެވެ.  

ހަމަ އެއާއިއެކު ފިރިހެނުންވެސް ވިސްނައިލަންޖެހޭނެ ކަންކަން އެބަހުއްޓެވެ. އަނބިމީހީ ކުރިމަތީގައި ފޭލްވާ ކޮންމެ ފަހަރަކު ބަހަނާއެއް ދައްކާލައިގެން ފުއްދައިލެވޭނެކަމުގެ ވިސްނުން ދޫކޮށްލާށެވެ! އަންތބަކު އެދޭ ކަމެއް ފުއްދައިދެވެން އޮވެމެ ފުއްދައި ނުދެވި އެތައް ދުވަހެއް ފާއިތުވެގެންދާނަމަ އެކަމަށް ދެއްކޭނެ އެއްވެސް އުޒުރެއް ނުއޮންނާނެއެވެ. އަނބިން އެދޭ ކަންކަމުގެ ތެރެއިން ފުއްދައިދެވެން ހުންނަ ކަންކަން ފުއްދައިދިނުން ލަސްވެގެން އިތުރަށް ހަނދާންކޮށްދޭން ޖެހުމަކީ ފިރިމީހާގެ އެންމެ ބޮޑު ފޭލިވުމެވެ.  

އަނބިމީހާ ކަމަކު އެދުމުން އެއީ ކޮށްދެވެން އޮތް ކަމެއްނަމަ ވަގުތުން އެކަން ފުއްދައިދޭންވާނެއެވެ. އެއިރުން އެނގިގެން އެދަނީ ފިރިމީހާ އަނބިމީހާއަށް ދޭ ސަމާލުކަމެވެ. ހަމައެފަދައިން ކޮށްދެވެން ހުންނަ ކަންކަން ކޮށް ނުދީ ލަސްކުރާނަމަ އެކަމުން އަންގައިދެނީ އަނބިމީހާ އާއި ދެމެދު އެއްވެސް އަޅައިލުމެއް ނެތްކަމެވެ. ޝައުޤުވެރިކަމެއްވެސް ނެތްކަމެވެ.  

ހިނިތުން ވުމަކީ ޞަދަޤާތެކެވެ. ދެމަފިރިންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި އޮތް އެންމެ ރަނގަޅު އެއް ވަސީލަތެވެ. ހިނިތުން ވެލުމަކީ އެއްވެސް ޚަރަދެއްވެސް ކުރަން ޖެހޭ ކަމެއް ނޫނެވެ. ހަމައެއާއިއެކު އަނބިމީހާ އެދޭ ކަންކަމުގެ ތެރެއިން ކޮށްދެވެން ހުންނަ ކަންކަން ކޮށް ނުދީ ލަސްކުރުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ 2، 3 ދުވަސް ފަހުން ނަމަވެސް ޖެހޭނީ ހަމަ ކޮށްދޭން ނޫން ހެއްޔެވެ؟ ވީއިރު އެކަމުގެ މަންފާ އެންމެ ބޮޑަށް ތިމާއަށް ކުރާނެ ގޮތަށް ވީހައި އަވަހަށް ކޮށް ނުދޭންވީ ކީއްވެގެން ހެއްޔެވެ؟  

ކޮންމެ ދެމަފިރިއަކުވެސް މި 2 ކަންތަކަށް އެކަނި ސަމާލުކަން ދިން ނަމަވެސް ކައިވެނި އުފާވެރިކަމުގައި ދަމަހައްޓަން ބޮޑެތި ކުރިއެރުންތްކެއް ލިބިގެންދާނެކަން ޔަޤީނެވެ! އަޅެ ނިކަން އަޖުމަ ބަލައިލަ ބަލާށެވެ! މިހެން މިބުނަނީ މިކަންކަން ތަޖުރިބާކުރި މީހުން ވަރަށް ކާމިޔާބުކަމަށް ބުނެފައިވާތީއެވެ.

 

-- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން