މީސްތަކުންނަށްޓަކައި ހެޔޮދުޢާކުރާއިރު ޢަދާވާތްތެރިންނާ ތިމާއަށް ދެރައެއް ދީފައިވާ މީހުންވެސް އިސްތިސްނާ ނުކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
މީސްތަކުންނަށްޓަކައި ހެޔޮދުޢާކުރާއިރު ޢަދާވާތްތެރިންނާ ތިމާއަށް ދެރައެއް ދީފައިވާ މީހުންވެސް އިސްތިސްނާ ނުކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެ! އިން ޝާ ﷲ

އެހެން މީހުންނަށްޓަކައި ހެޔޮ ދުޢާކުރުމަކީވެސް އެކަމުގެ ސަބަބުން ދުޢާކުރާ މީހާއަށްވެސް ނުހަނު ފައިދާހުރި ކަމެކެވެ. ވީމާ މީސްތަކުންނަށްޓަކައި ހެޔޮދުޢާކުރާއިރު އެއްވެސް މީހަކު އިސްތިސްނާ ނުކުރާށެވެ!

އެއީ ތިމާއަށް ކިތަންމެ ބޮޑު ދެރައެއް ދީފައި ހުރި މީހަކު ނަމަވެސްމެއެވެ. އަދި ފައުޅުގައި ޢަދާވާތްތެރިކަން ފައުޅުކޮށްގެން އުޅޭ މީހަކުނަމަވެސްމެއެވެ.  

ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ އެންމެންނަށް ހެޔޮކޮށް ހިތުމަށެވެ. ވީމާ ތިމާއަކީ އެންމެންނަށް ހެޔޮއެދޭ މީހަކު ކަމުގައިވެއްޖެނަމަ ތިމާގެ ދައުރު އެއޮތީ އަދާކުރެވިފައެވެ. ތިމާއަށް އެއޮތީ ކިޔަމަންތެރިކަން އަދާކުރެވިފައެވެ. ކިޔަމަންތެރިކަން ޢަމަލުތަކުން ދައްކާނަމަ އެމީހަކަށް ރަހްމަތް އިތުރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

އިސްލާމް ދީނުގެ ޢަދާވާތްތެރިން މުސްލިމުންނަށް ގެއްލުންދީ ނިކަމެތިކުރަން އަބަދުވެސް މަސައްކަތްކުރެއެވެ. އެފަދަ މަސައްކަތްތައް ކުރިވަރަކަށް ގިނަ ބައެއްގެ ހިތުގައި އިސްލާމް ދީނަށް ދަނީ ލޯބި އުފެދި އިތުރުވަމުންނެވެ. މީގެކުރިން ﷲ ވޮޑިގެންވާކަން ނުވެސް ދަންނަ ނުވަތަ ޤަބޫލު ނުކުރާ އެތައް ބައަކު މިހާރު ﷲ ތަޢާލާ އާއިމެދު ވިސްނައެވެ.  

މުސްލިމުންނަކީ އެހެން މީހުންގެ ހިތާމަތަކުގައި ބައިވެރިވާން ޖެހޭ ބައެކެވެ. ކާފިރަކަށް ނަމަވެސް ދެރައެއް ލިބުމުން އުފާކުރަންވީ ބައެއް ނޫނެވެ. އެކަމުގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މުޅި ދުނިޔެއަށް ނަމޫނާ ދައްކަވައިދެއްވަވައިފައެވެ. އަހަރެމެންނަށްވެސް އޮތީ އެކަން ހަމަ އެގޮތަށް ބަލައިގަނެ ޢަމަލުކުރުމެވެ!  

ކޮންމެ މީހަކުވެސް އެމީހަކާއި އެމީހެއްގެ ޢާއިލާއާއި އެމީހަކު ދިރިއުޅޭ މުޖުތަމައުއާއި އަދި އެންމެހައި މީސްތަކުންނަށް ހެޔޮރަހްމަތް ލެއްވެވުން އެދި ދުޢާކުރާށެވެ! ޚާއްޞަކޮށް އިސްލާމީ އުންމަތަށެވެ. ޢާންމުކޮށް އެންމެންނަށެވެ. އަދި އެ ދުޢާގައި މިހާރު ތެދުމަގު ނުފެނި ތިބި މީހުންނަށް ތެދު މަގު ދެއްކެވުން އެދިވެސް ދުޢާކުރާށެވެ! 

ދުޢާއަކީ އަނެކާއަށް ދެވޭ އެންމެ އަގުހުރި ހަދިޔާއެވެ. އެހަދިޔާގެ ބަދަލު އެދެންވީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. އަނެކާގެ ކިބައަކުން ނޫނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން