އެދެމީހުންނަކީ ދެ ލޯބިވެރިންނެވެ. އަންހެން ކުއްޖާއަކީ ރަނގަޅު ވަޒީފާއެއް އަދާކުރާތީ ބޮޑު މުސާރައެއް ލިބޭ ކުއްޖެކެވެ. ފިރިހެން މީހާއަކީ ކުޑަވަރެއްގެ ކަންމަތީ ފިހާރައެއް ހިންގާ ޒުވާނެކެވެ.
ދެމީހުން ކައިވެނިކުރަން ނިންމައި ދުވަސްކަނޑައެޅުމަށްފަހު ޒުވާނާ އެދުނީ ފިހާރައަށް މުދައުކޮޅެއް ގަނެލަން ފައިސާކޮޅަކަށެވެ. އަނބުރާ ދައްކާ ގޮތަށެވެ. ކައިވެނިކުރަން ތައްޔާރުވެފައި އޮތުމުން އެއްވެސް ވަރަކަށް ވިސްނައިވެސް ނުލައި ޖަމާގައި ހުރި ތިންލައްކަ ރުފިޔާ ދިނެވެ.
ކައިވެނިކުރަން އެއްބަސްވި ދުވަސް އައިސް ޖެހުނުއިރުވެސް އެކަން ކުރިއަކަށް ނުދެއެވެ. ސުވާލުކުރަމުން ބުނަނީ ކުރިއަށް މިގެންދަނީ ކަމަށެވެ. އެގޮތަށް މަހެއްހައިދުވަސްވީތަނާ އެނގުނީ އަންހެން ކުއްޖާގެ އެންމެ ގާތް އެކުވެރިޔާ އާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމެވެ. އަންހެން ކުއްޖާ އެކަން މައްސަލައަކަށް ނުހަދައި އަނބުރާ ދައްކަން ގެންދިއަ ތިން ލައްކަ ރުފިޔާ ދިނުމަށް އެދުމުން ބުނީ ލިބޭނީ މަހަކު ދެހާސް ރުފިޔާ ކަމަށެވެ.
އެވަރުންވެސް އަންހެންކުއްޖާ ޒުވާބެއް ނުކުރެއެވެ. އޭނާގެ ދޮންބެގެ ގާތުގައި އެވާހަކަ ބުނުމުން ހެދި ޓްރާންސެކްޝަންތަކުގެ ފޮޓޯ ހިފައިގެން ގޮސް ބުނީ ފިހާރަ ހިންގަން ބޭނުންވާނަމަ އެފައިސާ ދިނުމަށެވެ. ނޫންނަމަ ދޮރުމަތީގައި މީހުން ގޮވައިގެން ތިބެ ފިހާރަ ހިންގަން އުނދަގޫކުރާނެ ކަމަށެވެ. އަދި 3 ދުވަހުގެ ތެރޭގައި ފައިސާ އެކުގައި ނުދިންނަމަ ވާގޮތް ފެންނާނެ ކަމަށެވެ.
އެހިސާބުން އަންހެންކުއްޖާއަށް ގުޅައި މާފަށް އެދުނެވެ. ކައިވެނި ކުރަން ބޭނުންކަމަށްވެސް ބުންޏެވެ. އަންހެން ކުއްޖާ ބުނީ ލިބުނު ދެރައިން ފުދިއްޖެކަމަށެވެ. އަދި ދޮންބެ ކުރާ އެއްވެސް ކަމެއް ނުހުއްޓުވާނެ ކަމަށެވެ. ކުރެވޭނެ ކަމެއް ނެތުމުން ޖެހުނީ ނުއަގުގައި ތަކެތި ވިއްކާށެވެ. ފިހާރައިގައި ހުރި އޭނާގެ މުދައިވެސް ވިއްކާށެވެ. އެއީ ފަހުން ގުޅުނު ލޯބިވެރިޔާއަށް ބޮޑު ކަރަދެއް ކޮށްފައި އޮތުމުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިފަދަ ބޮޑެތި ދެރަތައް ލިބުން ޢާންމު ކަމަކަށްވެފައިވާއިރު ހޭލުންތެރިވުމަށެވެ. ކިތަންމެ ލޯބިވިޔަސް ތިމާގެ ބާރު ނުހިންގޭނެ ގޮތަކަށް އަތުގައި ހުންނަ ފައިސާ ނުދިނުމަށެވެ.
- މަޢުޞޫމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
- ޢިބްރަތްތެރި ވާހަކަ