ތަޖުރިބާ ކޮށްލުމަށްފަހު ނަތީޖާ އަންގައިލާ!: ބޭނުންތައް ފުދި އުފާވެރިކަން ލިބެނީ ފަތިސްވުމުން ތެދުވެ ފަތިސްނަމާދުކޮށް ޛިކުރުކުރަމުން ދުވަސް ފަށާ މީހުންނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ތަޖުރިބާ ކޮށްލުމަށްފަހު ނަތީޖާ އަންގައިލާ!: ބޭނުންތައް ފުދި އުފާވެރިކަން ލިބެނީ ފަތިސްވުމުން ތެދުވެ ފަތިސްނަމާދުކޮށް ޛިކުރުކުރަމުން ދުވަސް ފަށާ މީހުންނަށް!

ތިމާއަށް މިވަނީ މިވެނި އެވެނި ކަންކަން ކުރިމަތިވެފައިކަމަށް ބުނެ ކަންބޮޑުވުމުގައި ހުރުމަކުން ކުރާނެ ފައިދާއެއް ނެތެވެ. ފައިދާކުރާނީ ކަންބޮޑުވާ ކަންކަން ކުރިމަތިކުރެއްވެވި ﷲ ތަޢާލާ އަހުރެމެންނަށް ކުރައްވަވާފައިވާ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރެވުނު ވަރަކުންނެވެ.   

ގޮތްބަލަންވެސް ނިކަން ފަތިސް ނަމާދުން ދުވަސް ފަށައިބަލާށެވެ! ފަތިހު ހޭލަން މަސައްކަތްކުރުމުންވެސް ނުހޭލެވިއްޖެނަމަ މެންދުރުވަންދެން ނޯވެ ހޭލެވުމާއިއެކު ފަތިސް ނަމާދުން ނިކަން ދުވަސް ފަށައިބަލާށެވެ! ތިމާ ކުރާ މަސައްކަތް ކުރަން ފެށުމުގެ ކުރިން ފަތިސްނަމާދުކޮށްބަލާށެވެ! ތިމާއަށް ހުރެވެނީ ﷲ ތައާލާގެ ރަޙްމަތުގައިކަމާއި އަދި ރައްކައުތެރިކަންވެސް ލިބިގެންކަން އެނގެންފަށާނެއެވެ.  

އެހެން ނުވާންވީ ކީއްވެގެން ހެއްޔެވެ؟ ދުވަސްފަށަން އަންގަވާފައިވަނީ ފަތިސްނަމާދުންނެވެ. އަދި ފަތިސްނަމާދުގެ އިހުސުންނަތަކީ މީހަކަށް ކުރެވޭނެ ޢަމަލުތަކުގެ ތެރެއިން އެންމެ ފައިދާ ބޮޑު އެއް ކަންތަކެވެ. އެހެނީ ފަތިސްނަމާދުގެ އިހު ސުންނަތުގެ މަތިވެރިކަން ދުނިޔެއާއި ދުނިޔޭގައިވާހައި އެއްޗަކަށްވުރެ ﷲ ތަޢާލާގެ ޙަޟްރަތުގައި ބޮޑެވެ.  

މީސްތަކުންނޭވެ! ތިމާގެ ހިތުގައި ﷲ އަށް އިޚްލާޞްތެރިކަން އެބަ އޮތް ކަމަށް ބުނެލުމަކުން ނުފުދޭނެއެވެ! އިޚްލާޞްތެރިކަމާއި ކިޔަމަންތެރިކަން ދައްކަން ޖެހޭނީ ޢަމަލުންނެވެ! ވީމާ ކޮންމެ ދުވަހަކުވެސް ތިމާކުރާ ފުރަތަމަ ޢަމަލަކީ ފަތިސް ނަމާދުކަމަށް ހަދާށެވެ! ކިޔަމަންތެރިކަން އަދާކުރުމަކީ އެއީއެވެ!  

ނިކަން ބުނެބަލާށެވެ! ބަސް އަހާ ކިޔަމަންތެރި ދަރިންގެ ބޭނުންތައް ފުއްދައިދޭން އަހަރެމެން އިސްކަން ނުދެމުހެއްޔެވެ؟ އެކަލާނގެއީ ކިޔަމަންތެރިނުވާ އަޅުންގެ ބޭނުންތައްވެސް ފުއްދަވައި ދެއްވަވާ އޯގާތެރިވަންތަ، ދީލަތިވަންތަ އިލާހްއެވެ! ވީއިރު ﷲ އަށް އިޚްލާޞްތެރި ކިޔަމަންތެރި އަޅުންގެ ބޭނުންތައް ފުއްދަވައި ދެއްވަވަން ﷲ އިސްކަން ދެއްވަވާނެ މިންވަރު ހިތަށް ނިކަން ގެނެސްބަލާށެވެ!  

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން