ސިޙުރުހެދުމުގެ ނިޔަތް ނެތިވެސް ސިޙުރުހަދަން ދަސްކުރުމަކީ ޝިރުކުގެތެރެއަށް ވެއްޓިގަނެވި ދީނުން ބޭރުވެދާނެ ނުރައްކާތެރި ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 42ސ
ސިޙުރުހެދުމުގެ ނިޔަތް ނެތިވެސް ސިޙުރުހަދަން ދަސްކުރުމަކީ ޝިރުކުގެތެރެއަށް ވެއްޓިގަނެވި ދީނުން ބޭރުވެދާނެ ނުރައްކާތެރި ކަމެއް!

ބައެއް މީހުން ސިޙުރުގެ ކަންކަން ދަސްކުރަނީ ސިޙުރު ހަދައި މީހަކަށް ގެއްލުން ދިނުމުގެ ނިޔަތުގައި ނޫންކަމަށްވެސް ވެދާނެއެވެ. ވިސްނަން އޮތްކަމަކީ ކޮންމެ ނިޔަތެއްގައި އެކަންކުރި ނަމަވެސް ސިޙުރުގެ އެއްވެސް ކަމެއް ދަސްކުރުމަކީވެސް ކުފުރުގެ ޢަމަލެއް ކަމެވެ.  

ތިރީގައިވާ ލިޔުމުން އެކަން ސާފުވެލައްވާނެއެވެ.  

ސިޙްރު އުގެނުމާއި އުގަންނައިދިނުން- ކުފުރުގެ ޢަމަލެއް-!  

މާލިކީ މަޛްޙަބުގެ ޢިލްމުވެރީން ވިދާޅުވެއެވެ. ސިޙްރުގެ ޢަމަލާ ސީދާ ގުޅިގެންވުމީ ކުފުރު ވުމެކެވެ. އެޢަމަލާ ގުޅިފައިވަނީ ސިޙްރު އުގެނުމުގެ ގޮތުންނަމަވެސް ނުވަތަ އުގަންނައިދިނުމުގެ ގޮތުން ކަމުގައި ވިޔަސް އަދި އެޢަމަލު ހިންގުމުގެ ގޮތުން ކަމުގައިވިޔަސް އެންމެ ރަނގަޅެވެ. އެހެނީ ސިޙްރަކީ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތެއް تعظيم ކުރެވޭ އަދި މަޤާދީރުތައް އެފަރާތަކަށް ނިސްބަތް ކުރެވޭ ގޮތުގައިވާ ބަސްތަކެކެވެ. 

ޙަނަފީންނާއި މާލިކީންނާއި ޙަންބަލީ މަޛުހަބުގެ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސިޙްރުވެރިއާ ސިޙްރު އުގެނުމުންނާއި ސިޙްރުގެ ޢަމަލު ހިންގުމުން ކާފިރުވާނެއެވެ. އެކަންތައް ޙަރާމްކަމަށް އޭނާ އިޢްތިޤާދު ކުރިކަމުގައިވިޔަސް ނުވަތަ ނޫންކަމުގައިވިޔަސް މެއެވެ. ޙާކިމާގެ މައްޗަށް ވާޖިބުވެގެންވަނީ އޭނާ ޤަތުލު ކުރުމެވެ.  

އަދި މީގެ އިތުރަށް މާލިކީ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސިޙްރު ޖެހިފައިވާ މީހާގެ ކިބައިން ސިޙްރުގެ ގޮށް މޮހައިލައި ސިޙްރުގެ އުނދަގޫ ޖެހޭނެގޮތް ވިޔަ ނުދިނުމަށްޓަކައި ސިޙްރުގެ ކަންތައްތައް އުގެނުމަކީ ނުވަތަ ހަމައެކަނި ޢިލްމެއްގެ ގޮތުން އުގެނުމަކީ އެއަށް ޢަމަލު ކުރުމުގެ ޤަޞްދެއް ނެތްނަމަ ހުއްދަ ވެގެންވާ ކަމެކެވެ.

އަދި ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ސިޙްރު ދަސްކޮށްދިނުމަކީ ޙަރާމް ކަމެކެވެ. އަދި އެއީ ޢިލްމުވެރީންގެ މެދުގައި ޚިލާފެއް އޮތް ކަމެއްނޫނެވެ. އަދި ސިޙްރު ހެދުމަކި ހުއްދަކަމެއްކަމަށް އިޢުތިޤާދު ކުރުމަކީ ކުފުރުވުމެކެވެ.

ކޮންމެއަކަސް ސިޙްރު އުގަންނައިދިނުމަކީ ކުފުރުވުމެއް ކަމަށް ވިދާޅުވާ ބޭކަލުން ކީރިތި ޤުރްއާނުން ދަލީލުދައްކަވައެވެ. އެއީ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަ މިލިޔާ އާޔަތުންނެވެ. " وَمَا كَفَرَ سُلَيْمَانُ وَلَٰكِنَّ الشَّيَاطِينَ كَفَرُوا يُعَلِّمُونَ النَّاسَ السِّحْرَ " – البقرة 102 (ސުލައިމާނުގެފާނު ކާފިރެއް ނުވެއެވެ. އެހެންނެއް ކަމަކު އެޝައިޠާނުން ކާފިރުވިއެވެ. މީސްތަކުން ނަށް ސިޙްރު އުގަންނައި ދިނުމުންނެވެ.) މިއާޔަތުން ސާފުކޮށް ދޭހަވާ ގޮތުގައި ކާފިރުން ކަމުގައި އެޝައިޠާނުން ވެފައިވަނީ ސިޙްރު އުގަންނައި ދިނުމުގެ ސަބަބުންނެވެ. އެހެނީ ހަމަކަށަވަރުންވެސް މުނާސަބު ވަޞްފެއްގެ މައްޗަށް ޙުކުމް ތަރުތީބު  ވެގެން އައުމުން އަންގައިދޭ އެއްޗަކީ އެއީ އެޙުކުމުގެ ޢިއްލަތް ކަމަށެވެ. ވީމާ ސިޙްރު އުގަންނައިދިނުމަކީ ކާފިރު ވަނިވި ކަމެއް ކަމަށް ޙުކުމް ކުރަން ޖެހެނީ އެވެ. 

އަދި ހަމަ އެއާޔަތުގައިވާ އެހެން ބަސްފުޅެއްގައިވަނީ " وَمَا يُعَلِّمَانِ مِنْ أَحَدٍ حَتَّىٰ يَقُولَا إِنَّمَا نَحْنُ فِتْنَةٌ فَلَا تَكْفُرْ " ( ތިމަންމެން ވާކަން ކަށަވަރީ އިމްތިޙާނެއް ކަމުގައޭ ފަހެ ކާފިރު ނުވާށޭ މިހެން ވިދާޅުވެފައި މެނުވީ އެއްވެސް މީހަކަށް އެދެމަލާއިކަތުން ސިޙްރު  އުގަންނައެއް ނުދެއްވައެވެ،)  ވީމާ މިބަސްފުޅުންވެސް ސާފުކޮށް އެނގޭ ގޮތުގައި ސިޙްރު އުގަންނައިދިނުމަކީ ކާފިރު ވުމެކެވެ. 

ޝަޙީޚް މުސްލިމް ޝަރަޙަ ކުރެއްވުމުގައި އަލްއިމާމުއްނަވަވީ ވިދާޅުވެފައިވެއެވެ. ސިޙްރުގެ އުގެނުމާއި އުގަންނައިދިނުމަކީ ޙަރާމް ކަމެކެވެ. އަދި އޭގައި ކުފުރުވުން ނިޔާކުރާ ކަމެއްވާނަމަ އެއީ ކުފުރުވުމެކެވެ. އަދި އެކަމުން ތައުބާ ވުމަށް އެދެވޭނެއެވެ. ފަހެ ތައުބާ ނުވެއްޖެނަމަ ޤަތުލު ކުރެވޭނެއެވެ.

އައްޝައިޚް ޢަޠިއްޔާ ޞަޤްރު ވިދާޅުވެފައި ވެއެވެ. އުދަގޫ ދިނުމާއި ގެއްލުން ދިނުމަށްޓަކައި ވަރަށްގިނަ މީހުން ސިޙްރު އުގެނެއެވެ. އެމީހުން ސިޙްރު އުގެނެނީ ހެޔޮކަމަކަށް ނުވަތަ މަންފާއަކަށްޓަކައެއް ނޫނެވެ. ވުމާއެކު ޤުރްއާނާއި ސުންނަތުގެ ނައްޞުން ސާފުކޮށް ބަޔާންކޮށްދެއްވާފައިވަނީ ސިޙްރަކީ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ބޮޑު ފާފައެއްކަމުގައެވެ. އަދި ކީއްހެއްޔެވެ؟ ﷲގެ އިރާދަފުޅާނުލައި ޚުދް އެސިޙްރުގެ ސަބަބުން އަސަރު ފޯރާނެ ކަމަށް އިންސާނާ އިޢުތިޤާދު ކޮށްފިނަމަ އެވާނީ ކުފުރަކަށެވެ. ނަމަވެސް ފަތުވާދެއްވާ ބައެއްބޭކަލުން އެކިފަހަރުމަތީން، ސިޙްރަކީ ޢިލްމެކޭ، އެޢިލްމު އުގެނުމާއި އުގަންނައި ދިނުމަކީ ޖާއިޒު ކަމެކޭ ވިދާޅުވާތީ އަހުރެމެންނަށް އިވެއެވެ. މިގޮތުން އައްޝައިޚު އަލްޙުސައިނީ އަބޫފަރްޙާ ވިދާޅުވެއެވެ. ޞިޙްރަކީ ޢިލްމެކެވެ. އެޢިލްމު ދިރާސާ ކުރުމުން ސިޙްރު ބާޠިލް ކޮށްލަން އެނގޭނެއެވެ. ފަހެ ޞާލިޙު މުއުމިނުންގެ ތެރެއިން އެކަން ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ ބަޔަކުވެސް ވޭމެއެވެ.  

(--އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ލިޔުއްވާފައިވާ "سحر ވެރިންގެ عمل ތައް ހުރިގޮތުގެ މައްޗަށް ބަލައި، قرآن  އާއި سنّة ގެ އަލީގައި ކުރެވިފައިވާ دراسة އެއް" ފޮތުން އެއިގެ އަޞްލާ އެއްގޮތަށް)

މިއަދު އޮންލައިން