ފަވަރައާއި ޔޫޕީއައިގެ ޚިދުމަތް ކިއުއާރު ކޯޑު މެދުވެރިކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ފަވަރައާއި ޔޫޕީއައިގެ ޚިދުމަތް ކިއުއާރު ކޯޑު މެދުވެރިކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފި

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް (ޔޫޕީއައި) ގެ ޚިދުމަތް ކިއުއާރު ކޯޑު މެދުވެރިކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީއެވެ.

މި ޚިދުމަތް މިހާރު ލިބެމުންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ކަމަށް އަސްނާ ވިދާޅުވިއެވެ. ނަމަވެސް، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ބޭންކުތަކަކާއި ޕޭމަންޓް ސަރވިސް ޕްރޮވައިޑަރުން މި ނިޒާމުގައި ބައިވެރިކުރުމަށް ވަނީ ރޭވިފައެވެ.

އެމްއެމްއޭއިން ބުނީ ދެ ގައުމުގެ ރައްޔިތުންނަށް އަމިއްލަ އެޕްތައް މެދުވެރިކޮށް ކިއުއާރު ކޯޑް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ނިޒާމެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިވަގުތު ހަމައެކަނި ރާއްޖެއިން އިންޑިއާއަށް ފައިސާ ފޮނުވޭއިރު، އިންޑިއާއިން ރާއްޖެއަށް ފައިސާ ފޮނުވޭނެ ދެވަނަ މަރުހަލާގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ.

މި ނިޒާމު ފުރިހަމަވުމުން ދިވެހި ރުފިޔާ، ޑޮލަރު އަދި އިންޑިއަން ރޫޕީ އެކައުންޓްތަކުން ފަސޭހަކަމާއެކު ފައިސާ ފޮނުވޭނެއެވެ. މިއީ ބޭސްފަރުވާއާއި ތައުލީމަށް އިންޑިއާއަށް ފައިސާ ފޮނުވާ ދިވެހިންނަށާއި، ރާއްޖޭގައި މަސައްކަތްކުރާ އިންޑިއާ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ވަނީ ރާއްޖެއިން އިންޑިއާއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ ފޮނުވޭނެ އިންތިޒާމު ހަމަޖެހިފައެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމު ޒަމާނީކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމްއެމްއޭއިން ފާހަގަކުރެއެވެ.

މިއަދު އޮންލައިން