ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ވަށައިޖެހޭ ސިޔާސަތެއްގެ ދަށުން ދަނީ މަސައްކަތް ކުރަމުން: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ވަށައިޖެހޭ ސިޔާސަތެއްގެ ދަށުން ދަނީ މަސައްކަތް ކުރަމުން: ރައީސް

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ވަށައިޖެހޭ ސިޔާސަތެއްގެ ދަށުން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ނޭޝަން ޗެޓު" ގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، ފޮނުވާލަންޖެހޭ ގިނަ އަދަދެއްގެ ބިދޭސީން މިދިޔަ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފޮނުވާލެވިފައިވާ ކަމަށެވެ. މިއީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު ރެކޯޑު އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ތިބި ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމުގެ މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތް މިހާރު ގާތްގަނޑަކަށް އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ބަޔޯމެޓްރިކްސް ނުނަގާ ތިބީ އެންމެ 1 އިންސައްތަ ބިދޭސީން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބިދޭސީން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ގިނަ ފަހަރަށް ފަސޭހައަކަށްޓަކައި ވިޔަފާރި ހިންގަން ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށްލެވޭ ކަމަށެވެ. މީގެ އިތުރުން ދިވެހިން ކުރާ ވިޔަފާރީގެ ވައްޓަފާޅިއާއި، މަސައްކަތްތަކަށް ދިވެހިން ހޯދުމުގައި ހުރި ދަތިތަކަކީވެސް މި މައްސަލައާ ގުޅިފައިވާ ކަންކަން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މިފަދަ ކަންކަމަކީ މިކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން. މީ ހަގީގަތުގައި ވަށާޖެހޭ ސޮލިއުޝަނެއް އަންނަންޖެހޭ ކަމެއް. މިކަމުގައި އަމިއްލަ ފަރުދުންނާއި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ލިބުމަކީ ދާއިމީ ހައްލެއް ހޯދުމަށް ކޮންމެހެން މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ވަނީ ތަކުރާރުކުރައްވާފައެވެ.

މިއަދު އޮންލައިން