އަނބިމީހާ ކަންކަންކުރާ ގޮތަކީ އަނބިމީހާއަށް އަދާކުރަންޖެހޭ ވާޖިބު އަދާނުކުރަން އޮތް ބަހަނާއަކަށް ނުހެދޭނެ! ޢަމަލުކުރާ ގޮތް ﷲ ބައްލަވައިވޮޑިގެންވާކަން މިއޮތީ ޤުރްއާނުން އެނގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
އަނބިމީހާ ކަންކަންކުރާ ގޮތަކީ އަނބިމީހާއަށް އަދާކުރަންޖެހޭ ވާޖިބު އަދާނުކުރަން އޮތް ބަހަނާއަކަށް ނުހެދޭނެ! ޢަމަލުކުރާ ގޮތް ﷲ ބައްލަވައިވޮޑިގެންވާކަން މިއޮތީ ޤުރްއާނުން އެނގެން!

ފުރަތަމަ ކަމަކަށްވެސް މިއާޔަތަށް ބަލާށެވެ! މި އާޔަތަށް ބެލުމުން ފިރިމީހާގެ ދައުރާއި އަނބިމިހާގެ ދައުރު ވަރަށް ފުރިހަމައަށް އެނގޭނެއެވެ.  

"ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމް ވެގެންތިބޭ ބައެކެވެ. (އެއީ) އެއުރެންގެ އެއްބައެއްގެ މައްޗަށް އަނެއްބައަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ފަހެ، ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ. އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިއަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިއަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." (އައްނިސާ: 34) 

އާޔަތުގެ ފުރަތަމަ ބައިގައި އެވަނީ ފިރިމީހާގެ މަސްއޫލިއްޔަތެވެ. އަނބިންގެ އެންމެހައި ކަންކަން ރައްކައުތެރިކަމާއިއެކު ބެލެހެއްޓުމަކީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެއް ކަމެވެ. އަދި ފިރިމީހާ ވަނީ އަނބިމީހާގެ މައްޗަށް މާތް ކުރައްވަވާފައި ކަމެވެ.  

ދެން މިއަންނަނީ އަނބިމީހާގެ މަސްއޫލިއްޔަތެވެ. "ހެޔޮލަފާ އަންހެނުންނަކީ، ކިޔަމަންތެރި އަންހެނުންނެވެ. ރައްކާތެރިކުރުމަށް ﷲ އެންގެވި ކަންތައް، ސިއްރުގައިވެސް، ރައްކާތެރިކުރާ އަންހެނުންނެވެ."  

ދެން މިއަންނަނީ އަނބިން އެމީހުންގެ މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ އަމަލުކުރަންވީ ގޮތެވެ! " އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް، ތިއަބައިމީހުން ބިރުގަންނަނަމަ، ފަހެ، އެކަނބަލުންނަށް ނަޞޭޙަތް ދޭށެވެ! އަދި، އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި، އެކަނބަލުންގެ ގައިގައި (ހާނީއްކަ ނުވާގޮތުން) ޖަހާށެވެ! ފަހެ، ތިއަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ، އެކަނބަލުންގެ މައްޗަށް (އަނިޔާވެރި) މަގަކަށް ނޭދޭށެވެ!"  

ވިއްދައިގެން މިއަންނަނީ މިކަންކަމުގައި އަމަލުކުރާ ގޮތް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވާ ކަމެވެ. "ހަމަކަށަވަރުން، ﷲ އީ، އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައިވެއެވެ." 

ހަމަ އެކަނި މިއާޔަތުންވެސް ދެމަފިރިންގެ މައްޗަށް ހުރި ވާޖިބުތަކާއި ޙައްޤުތައް އެނގިގެންދެއެވެ. ﷲ ތަޢާލާ މިވަނީ މިފަދަ ހުރިހާ ކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށް ދެއްވަވައިފައެވެ. އެއްވެސް އޮޅުމެއް ނުއަރާނެ މިންވަރަށް އަންގަވައިދެއްވަވައިފައެވެ.  

ދެމަފިރިންގެ ގުޅުމަކީ ދީނުގެ އަޅުކަމެކެވެ. ކޮންމެ ދުވަހަކު އަޅުކަން ކުރާ ފަދައިން ކޮންމެ ދުވަހަކުވެސް ދެމަފިރިންގެ ގުޅުން ބަދަހިކޮށް ދަމަހައްޓަން ޖެހޭނެއެވެ. ހިތާމައަކީ ބައެއް ފަހަރު ދެމަފިރިން އެއް ގެއެއްގައި، އެއް ފުރރާޅެއްގެ ދަށުގައި ދިރިއުޅުނު ނަމަވެސް ކައިވެނީގެ ގުޅުން ދިރުވައި ދަމަހައްޓަން ޖެހޭ އެއްވެސް ވާހަކައެއް ނުދައްކައި އަހަރުތައް ފާއިތުކުރަމުން ގެންދާ ކަމެވެ. ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް ނޫނީ ނުދައްކައި ތިބޭކަމެވެ.  

އެއިރުން މިއާޔަތުގައި ބަޔާން ކުރައްވަވާފަދައިން ޢަމަލުކުރެވުނު ކަމަކަށް ނުވާނެއެވެ. މި އާޔަތް ފެށުމުގައި އެވާ "ޤައްވާމޫން" އަށް ބަލައިފިނަމަ އެނގިގެންދަނީ ދެމަފިރިންގެ ގުޅުން ދަމަހައްޓަން ކުރަން ޖެހޭ މަސައްކަތް ނިމުމެއް ނެތް ކަމެވެ. އެއީ އަބަދުވެސް ކުރަން ޖެހޭނެ މަސައްކަތެއް ކަމެވެ!  

އަހަރެމެންގެ ތެރެއިން ގިނަ ފިރިހެނުން، އެމީހުންގެ އަނބިންނަށް އަދާކުރަން ޖެހޭ ވާޖިބުތައް އަދާނުކުރާތީ ސުވާލެއް ކޮށްފިނަމަ ދައްކާނީ އެމީހާއަށް އަނބިމީހާގެ ކިބައިން ލިބެން ޖެހޭ ޙައްޤުތައް ނުލިބޭ ކަމުގެ ވާހަކައެވެ. އޭނާ އެކުރާ ކަމަކީ އަނބިންނަށް އޭނާ އަދާކުރަން ޖެހޭ ވާޖިބުތައް އަދާކުރުމާއި އޭނާއަށް ލިބެން ޖެހޭ ޙައްޤުތައް ނުލިބުން މަސްހުނިކުރަނީއެވެ.  

އެއީ ހަމަ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ތިމާއަށް ލިބެން ޖެހޭ ޙައްޤުތައް ނުލިބުމަކީ ތިމާ އަދާކުރަން ޖެހޭ ވާޖިބުތައް އަދާ ނުކުރަން ދެއްކޭނެ ބަހަނާއެއް ނޫނެވެ. ޤިޔާމަތް ދުވަހު އެމީހަކު ޖަވާބުދާރީވާން ޖެހޭނީ އެމީހަކު އަދާކުރަން ޖެހޭ މަސްއޫލިއްޔަތަށެވެ. އަނބިމިހާގެ ކިބައިން ލިބެން ޖެހޭ ޙައްޤުތައް ނުލިބިވާނަމަ ޤިޔާމަތް ދުވަހު އެކަމަށް ޖަވާބުދާރީވާން އަނބިމީހާއަށް ޖެހޭނެއެވެ.  

ޙަޤީޤަތުގައި މިހާލަތު ކުރިމަތިވަނީ ޝައިޠާނާގެ ވަސްވާސްތައް ޤަބޫލުކުރެވޭތީއެވެ. އަނބިމިހާއަށް ހެޔޮ ކަމެއް ކޮށްދޭން އުޅޭނަމަ ޝައިޠާނާ ބުނާނެއެވެ. ތިއަވަރުން ތިއަ ކަންތައް ކޮށްދޭން ތިއައުޅެނީ ކީއްކުރަން ހެއްޔެވެ؟ އަނބިމީހާ ކަލެއަށް މިވެނި އެވެނި ކަންކަން ވެސް ކޮށް ނުދޭ ނޫން ހެއްޔެވެ؟  

- ޑރ. ނޫމާން ޢަލީ ޚާންގެ ދަރުސަކުން

 

މިއަދު އޮންލައިން