ފާފައަކީ ހަމައެކްނި ނަހީކުރެއްވެވި ކަންކަން ކުރުމެއް ނޫން! ތިމާ ލޯތްބާ އަޅާލުން ދޭންޖެހޭ މީހުންނަށް ނުދިނުމަކީވެސް ޢަޛާބު ޙައްޤުވާނެ ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފާފައަކީ ހަމައެކްނި ނަހީކުރެއްވެވި ކަންކަން ކުރުމެއް ނޫން! ތިމާ ލޯތްބާ އަޅާލުން ދޭންޖެހޭ މީހުންނަށް ނުދިނުމަކީވެސް ޢަޛާބު ޙައްޤުވާނެ ފާފައެއް!

ބައެއް މީހުން ފާފަކަމުގައި ދެކެނީ ހަމައެކަނި ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަމެވެ. ޙަރާމް ކުރެއްވެވި ކަންކަމެވެ. އެކަންކަން ކުރުމަކީ ފާފައެއްކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ނަމަވެސް މިއީ ފާފައިގެ އެންމެ ހަނި މާނައެވެ. ފާފައިގެ މާނަ އެއަށްވުރެ މާފުޅަލެވެ.  

މިޘާލަކަށް ބުނާނަމަ ތިމާ އެބައަކަށް ލޯތްބާއި އަޅައިލުން ދޭންޖެހޭ މީހުންނަށް އިހްމާލުވުމަކީވެސް ފާފައެކެވެ. އެއިގެ ތެރޭގައި ހިމެނެނީ އަނބިދަރިން އެކަންޏެއްވެސް ނޫނެވެ. މައިންބަފައިންނާއި ތިމާ އެހީތެރިވާންޖެހޭ އެންމެންވެސް ހިމެނެއެވެ.  

ހަމައެއާއިއެކު ޚަރަދުކުރުމުން ހުރިހާ ކަމެއް ފުދޭނެކަމަށް ހީނުކުރާށެވެ! ޚަރަދުކުރިނަމަވެސް ލޯތްބާއި އަޅައިލުންވެސް ދޭންޖެހޭނެއެވެ. ވަޤުތުވެސްދޭންޖެހޭނެއެވެ. ޚާއްޞަކޮށް ބަލިޙާލެއްގައި އުޅޭނަމަ ޙާލުވެސް ބަލަންޖެހޭނެއެވެ.  

މައްސަލައަކަށް މިވަނީ ހަމައެކަނި ލިޔެވިފައި ހުންނަ ޤާނޫނުތަކަށް ބެލޭތީއެވެ. ޤުރްއާނުގައިވާ އެންގެވުންތަކުގެ ތަފްސީރުކިޔާނަމަ އަހުރެން މިދެއްކި ވާހަކައިގެ ތެދުކަން ޔަޤީންކުރެވޭނެއެވެ. ހެޔޮކޮށް ހިތުމަށް އަންގަވާފައިވާ މީހުންނަށް ހެޔޮކޮށް ހިތުމަކީ ކޮބައިކަން ގިނަ ބައަކަށް މިއަދު ނުވެސް ވިސްނެނީއެވެ. އެއީ ޤުރްއާނުގައިވާ ކަންކަން އެނގުމާއި ދުރުހެލިވެވޭތީއެވެ. މާނައާއި ތަފްސީރުކިޔައި ރަނގަޅަށް ނުވިސްނާތީއެވެ.

ތިމާ މިހުންނަނީ އެއްވެސް ފާފައެއް ނުކޮށް ކަމަށް ވިސްނަންވާނީ މިބުނި މަގުން ޢަމަލުތައް ބެހެއްޓުމަށްފަހުގައެވެ. ނޫންނަމަ އެމީހަކަށް އެގެންދެވެނީ ފާފަތައް ކުރެވެމުންނެވެ. ޤިޔާމަތް ދުވަހު ސުވާލުކުރެއްވެވޭނެ ކަންކަމަށް ޖަވާބުދެވޭނެ މީހަކަށްވާށެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން