ޤައުމީ މަޖިލީހުގައި އެކި ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 100 އަށްވުރެ ގިނަ ތަޖުރިބާކާރުން ހިމެނޭނެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 34ސ
ޤައުމީ މަޖިލީހުގައި އެކި ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 100 އަށްވުރެ ގިނަ ތަޖުރިބާކާރުން ހިމެނޭނެ

ރައީސުލްޖުމްހޫރިއްޔާއަށް ލަފާދޭ ޚާއްޞަ މަޝްވަރާ މަޖިލީހަކާއި ޤައުމީ މަޖިލީހެއް އުފެއްދެވުމަށް ނިންމަވާފައިވާއިރު، ޤައުމީ މަޖިލީހުގައި އެކި ދާއިރާތަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ 100 އަށްވުރެ ގިނަ ތަޖުރިބާކާރުން ހިމެނޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މި މަޖިލީސްތައް އުފެއްދެވުމުގެ މައިގަނޑު ބޭނުމަކީ ޤައުމީ މައްސަލަތަކުގައި ތަޖުރިބާކާރުންގެ ބަހާއި ލަފާ ހޯދައި، ނިޒާމުގެ ތެރެއިން ގެންނަންޖެހޭ ބަދަލުތައް ގެނައުމެވެ. މީގެ ސަބަބުން ޤައުމީ މުހިންމު ނިންމުންތައް ނިންމުމުގައި ފަންނީ ބޭފުޅުންގެ ލަފާ ސަރުކާރަށް ލިބިގެންދާނެއެވެ.

މި މަޖިލީސްތަކުގެ ތެރެއިން ޚާއްޞަ މަޝްވަރާ މަޖިލީހުގައި ހިމެނޭނީ ޤައުމަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ އިސް ރަށްވެހިންނާއި ޝަރަފުވެރި ބޭފުޅުންނެވެ. މީގެ އިތުރުން ޤައުމީ މަޖިލީހުގައި ޞިއްޙީ، ތަޢުލީމީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ފަދަ ހުރިހާ ދާއިރާއެއްގެ ފަންނުވެރިންނަށް ފުރުސަތު ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ "މި މަޖިލީސްތަކުގެ މައިގަނޑު ބޭނުމަކީ ޤައުމީ މައްސަލަތަކުގައި ތަޖުރިބާކާރުންގެ ބަހާއި ލަފާ ހޯދައި، ނިޒާމުގެ ތެރެއިން ބަދަލުތައް ގެނައުން" ކަމަށެވެ. މިއީ ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ފަންނީ ބޭފުޅުންގެ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޖިލިސްތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ. މި މަސައްކަތް ނިމުމުން، ޤައުމީ ފެންވަރުގައި ނިންމާ ނިންމުންތަކަކީ އިލްމީ އަދި ތަޖުރިބާގެ އަލީގައި ނިންމާ ނިންމުންތަކަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން