ރާއްޖެ ޑިޖިޓަލައިޒްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ސަބަބުން ލިބޭނެ އެންމެ ބޮޑު ކާމިޔާބީއަކީ ދައުލަތުގެ ތެރެއިން ކޮރަޕްޝަންގެ ވަބާ ނައްތާލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ނޭޝަން ޗެޓް ޕޮޑްކާސްޓް" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މިކަމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި ހަދަންޖެހޭ ޤާނޫނުތައް މިހާރު ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ދައުލަތުގެ އެއްވެސް މުވައްސަސާއެއް އިސްތިސްނާ ނުވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މޯލްޑިވްސް 2.0 ގެ މައިގަނޑު މަގްސަދުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "ހުރިހާ ފަރާތަކުން ބައިވެރިވެގެން ޑިޖިޓަލައިޒޭޝަންގެ މި ޕްރޮގްރާމް ކުރިއަށްދާނީ. ބޭނުމަކީ މުޅި މުޖްތަމައުން ކޮރަޕްޝަންގެ ވަބާ ނައްތާލުން އެއްކަމަކަށް. އެފިޝިއަންޓް ގޮތެއްގައި ރައްޔިތުންނަށް ޚިދުމަތް ޑެލިވަރކޮށްދިނުން. ދެފުއްފެންނަ ނިޒާމެއް ގާއިމްކުރުން،" ކަމަށެވެ. މީގެ އިތުރުން ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލު ފަސޭހަކޮށްދިނުމަކީވެސް މި މަޝްރޫޢުގެ އަމާޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ނިޒާމުގެ ސަބަބުން މަސައްކަތްތަކަށް އަންނާނެ ބަދަލުތަކުގެ މިސާލެއް ދައްކަވަމުން ރައީސް ވިދާޅުވީ، ކައުންސިލްތަކުގައި ހުންނަ ދުވަސްވީ ކުރެހުންތައް ފަދަ ތަކެތި ޑިޖިޓަލްކުރުމުން އެތަކެތި ރައްކާތެރިކުރެވި، މުވައްޒަފުންނަށް ފަސޭހަކަމާއެކު އެ ތަކެތި ހޯދޭނެ ކަމަށެވެ. "އެ އިމާރާތަށް ބަދަލެއްގެންނަން ޖެހުނީ އެ ކުރެހުމެއް ހޯދަން އެ މުވައްޒަފު ގއްސަ ކުރެހުން ނަގަން އަތްލައިފިއްޔާ ވީދޭ ކަހަލަ އެއްޗެހި އެ އެންމެ ރައްކާތެރިގޮތަކަށް ޑިޖިޓަލްކުރެވި އެ ނިޒާމު ގާއިމްކުރެވުނީމަ މުވައްޒަފު އިންނަތާ އިނދެގެން ކުރެހުން ހޯދާލައިގެން ކުރަންޖެހޭ މަސައްކަތް ކުރެވުނީމަ މުވައްޒަފަށްވެސް ފަސޭހަވީ ޚިދުމަތް ލިބިގަންނަ އާންމު ރައްޔިތައްވެސް ފަސޭހަވީ،" ރައީސް ވިދާޅުވިއެވެ.
މޯލްޑިވްސް 2.0 މަޝްރޫޢަކީ ދައުލަތުގެ ހިންގުން ހަރުދަނާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ރައްޔިތުންނަށް އަވަސް އަދި އިތުބާރު ހުރި ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ސަރުކާރުން ފަށާފައިވާ މުހިންމު މަސައްކަތެކެވެ.