ބައެއް މީހުން ބައިވެރިޔާއަށް ބޭވަފާތެރިވަނީ، އަދި މަކަރުހަދަނީވެސް ބައިވެރިޔާއަށް ދެރައެއް ދިނުމަށެވެ. ނުވަތަ ތިމާއަށް އުފަލެއް ހޯދުމަށެވެ. ނަމަވެސް ބުނަން ހެއްޔެވެ؟ މަކަރުހަދާ މީހުންނަށް މިއިން އެއްވެސް ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. އެންމެ ބޮޑު ދެރަ ލިބޭނީ އެމީހަކަށެވެ.
ލޮބުވެތި އެކުވެރިންނޭވެ! ފާފަ ތިއަކުރަނީ ތިބާއެވެ! އެފާފައިގެ ޒިންމާ އުފުލަންޖެހޭނީ ތިބާއަށެވެ. ބައިވެރިޔާއަކަށް ނޫނެވެ. ޤިޔާމަތް ދުވަހު ކޮންމެ މީހަކަށްވެސް އުފުލަންޖެހޭނީ އެމީހަކު ކުރި ޢަމަލުތަކުގެ ފަތެވެ. އެފަތުގައި ލިޔެވިފައި އޮންނާނީ އެމީހަކު ކުރި ކަންތައްތަކެވެ. ޛައްރެއްގެ މިންވަރުވިޔަސް އުންޏެއް ނުވާނެއެވެ.
ފިރިހެނަކު ދެވަނަ ކައިވެންޏެއް ކުރުމަކުން އެއީ މަކަރުހެދުމެއް ނޫނެވެ. އެކަމަކު ދެވަނަ ކައިވެނިކުރުމަށްފަހު އަނބިމިހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރާނަމަވެސް އަދި ދެއަނބިންގެ މެދުގައި ހަމަހަމަ ނުކުރާނަމަވެސް އެއީ އަނިޔާވެރިވުމެވެ. އެކަމުން ފާފަވެރިވާނެއެވެ.
ދެން އޮތީ އެންމެ ގިނަ ބައަކު ކުރާ ފާފައެވެ. އެއީ ބައިވެރިޔާއަށް ސިއްރުން ލޯބިވެރިން ހޯދައިގެން ނުވަތަ ފައިސާ ޚަރަދުކޮށްގެން ގުޅުން ހިންގުމެވެ. އެއިރުން އެކުރެވެނީވެސް އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ފާފައެކެވެ.
މިދެއްކުނީ ފިރިންގެ ވާހަކައެވެ. އަނބިންނަށްވެސް ބުނެލަން އޮތީ ފިރިމީހާއަށް މަކަރުހަދާނަމަ އެކުރެވެނީ ފާފައެކެވެ. އެހެން މީހަކާއި ގުޅެން ބޭނުންވާނަމަ ރިވެތިގޮތުގައި ދެމީހުން ވަކިވާށެވެ. ވަކިވެ ތިއަ ބޭނުންވާ މީހާއާއި ވަކިވާށެވެ! ލޯބިވެގެން ތިބެ ގުޅުން ހިންގުމުން އެކުރެވެނީ ހަމަ ފާފަތަކެވެ. މެދުވެރިވާނީ ހަމަ ކުރިން ބުނި ގޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން