ދަރިންނަށްޓަކައި ކުރެވިދާނެ ހެޔޮދުޢާ އޮޅުންފިލުވަން ކިޔުންތެރިން ސުވާލުކުރައްވާތީ މިގެނެސްދެނީ ދަރިންނަށްޓަކައި ކުރެވިދާނެ ބައެއް ދުޢާއެވެ. އަދި ދަރިއަކަށްޓަކައި ނުވަތަ ދަރިންނަށްޓަކައި ދުޢާކުރަންޖެހޭ ޚާއްޞަ ކަމެއް އޮތްނަމަ އެކަމަކަށް އެދިގެން ހަމަ ދުޢާކުރަމުން ގެންދަންވީއެވެ. އެމީހަކަށް އެނގޭ ރިވެތި ޢިބާރާތަކުން ދުޢާކުރުމުން ފުދޭނެއެވެ. އިން ޝާ ﷲ
"ޔާ ﷲ! އަޅަމެންގެ ދަރިންގެ ހިތުގައި އީމާންކަން ލައްވަވައިދެއްވަވައި އީމާންކަމުގައި ސާބިތުވުމުގެ ތައުފީޤް ދެއްވަވާނދޭވެ! އަދި އަޅަމެންނަކީ އީމާންކަމުގެ ރުކުންތަކަށް ލޯބިކުރާ އަދި ޢަމަލުކުރާ ބައަކު ކަމުގައި ލައްވަވައި ދެއްވަވާނދޭވެ!." އާމީން
ޔާ ﷲ! އަޅަމެންނަށާއި އަޅަމެންގެ ދަރިންނަށް ފުރިހަމަ ޞިއްހަތެއް މިންވަރުކޮށްދެއްވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަކީ ޢިލްމުވެރި ބައަކު ކަމުގެ ތައުފީޤް ދެއްވަވާނދޭވެ! އަޅަމެންގެ ދަރިންނަކީ ދުނިޔެ އާއި އާޚިރަތް ކާމިޔާބު ކުރާ ބައަކު ކަމުގައި ލައްވަވައި ދަރިން އެކަމަށް ކުރާ މަސައްކަތުގައި ބަރަކާތް ލައްވަވައިދެއްވަވާނދޭވެ! އާމީން
ޔާ ﷲ! އަޅަމެންނާއި އަޅަމެންގެ ދަރިންނަކީ ކުރާ ކޮންމެ ކަމެއްގައިވެސް އިނބަ ﷲ މަގު އިޚްތިޔާރުކުރާ ތަޤްވާވެރިން ކަމުގައި ލައްވަވައި ދެއްވަވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަކީ އަޅަމެން މަރުވުމުން ވެސް އިސްލާމް ދީނުގައި ޘާބިތުވެ ތިބޭ ބައަކުކަމުގައާއި އަޅަމެންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭނެ ބައަކު ކަމުގައި ލައްވަވައި ދެއްވަވާނދޭވެ! އާމީން
ޔާ ﷲ! އަޅަމެންގެ ދަރިންނަށް ދެއްވަވާ ދަރިންނަކީ ވެސް ތަޤްވާވެރި ބައަކު ކަމުގައި މިންވަރުކޮށްދެއްވަވާނދޭވެ! އަދި އަޅަމެންގެ ދަރިންނަށް ދެއްވަވާ ދަރިން އިނބަ ﷲ ގެ މަގުގައި ތަރުބިއްޔަތު ކުރުމުގެ ކުޅަދާނަކަން އަޅަމެންގެ ދަރިންނަށް ދެއްވަވާނދޭވެ! އާމީން
ޔާ ﷲ! އަޅަމެންގެ ދަރިންނަކީ އިނބަ ﷲ އަށް ކިޔަމަންތެރި އަދި އަޅަމެންނަށާއި މީސްތަކުންނަށް އިޙްތިރާމް ކުރާ ބައައަކުކަމުގައި ލައްވަވައިދެއްވަވާނދޭވެ! އަދި އެދަރިންނަކީ އަޅަމެންނާއި އެހެންވެސް އުމުރުން ދުވަސްވީ މީހުން ދެކެ ލޯބިވާ ބައަކު ކަމުގައި ލައްވަވައި ދެއްވަވާނދޭވެ! އާމީން
- މިއަދުނޫސް