ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިނުވާ މީހަކު ތިބާދެކެ ލޯބިވާކަމަށް ބުނިނަމަވެސް ޤަބޫލުނުކުރާށެވެ! އެމީހުން އެކަކުދެކެވެސް ލޯތްބެއް ނުވާނެއެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިނުވާ މީހަކު ތިބާދެކެ ލޯބިވާކަމަށް ބުނިނަމަވެސް ޤަބޫލުނުކުރާށެވެ! އެމީހުން އެކަކުދެކެވެސް ލޯތްބެއް ނުވާނެއެވެ!

ކައިވެނިތައް ރޫޅެން މެދުވެރިވާ މައްސަލަތަކުގެ ތެރެއިން މިއީވެސް ބޮޑު މައްސަލައެކެވެ. މިބުނަނީ ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިނުވާ މީހުން، މީހަކު ދެކެ ލޯބިވާކަން ދައްކައިގެން ކައިވެނިކުރާ ވާހަކައެވެ. ބުއްދީގެ ހަމަތަކުން ބެލިނަމަވެސް އެއީ ޤަބޫލުކުރެވެން އޮތް ކަމެއް ނޫނެވެ.  

ފުރިހަމަ މުސްލިމަކަށް ވެވޭނީ ތިމާ އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަށްވެގެންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެގެންނެވެ. އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބިކޮށްގެންނެވެ. މިއީ ކޮންމެ މުސްލިމަކަށްވެސް ވާޖިބުވެގެންވާ ކަންކަމެވެ.  

ވީމާ އަންހެނަކު ނަމަވެސް އަދި ފިރިހެނަކު ނަމަވެސް އެމީހަކީ މުސްލިމަކު ކަމުގައިވާނަމަ އެމީހަކު އެންމެ ބޮޑަށް ލޯބިވާ ފަރާތަކީ ﷲ ތަޢާލާ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމަށްވާންޖެހޭނެއެވެ. އަދި ﷲ ތަޢާލާއަށް ބިރުވެތިވާ އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް ލޯބިކުރާ މީހަކަށްވާންޖެހޭނެއެވެ.

އެފަދަ މީހަކު ކައިވެނިނުކޮށް ހުރެ ކައިވެނިކުރުމުން ކުރަން ހުއްދަކުރައްވަވާފައިވާ އެއްވެސް ކަމެއް ކުރާކަށް އަނެކާގެ ކިބައަކުން ނުއެދޭނެއެވެ. އަދި އެފަދަ ކަމެއް ކުރަން ބާރެއްވެސް ނުއަޅާނެއެވެ.  

ނަމަވެސް މިހާރަކަށް އައިސް ކަންކަން ވަމުން މިދަނީ އެގޮތަކަށް ނޫނެވެ. ގިނަ ކައިވެނިތަކެއް ކުރެވެމުން މިއަންނަނީ ލޯބިވާކަމަށްބުނެ ކައިވެނީގެ ބޭރުން، ކައިވެނި ނުކޮށްތިބެ، ކައިވެނިކުރުމުން ކުރަން ހުއްދަވާ ކަންކަން ކުރަން އެދޭ މީހުންނާއިއެވެ. ދެން ނިކަން ބުނެބަލާށެވެ! އެފަދަ މީހަކު ތިބާދެކެ ޙަޤީޤީ ލޯބިވާނީ ކިހިނަކުން ހެއްޔެވެ؟  

ވިސްނައިލާށެވެ! އޭނާގެ ހިތަކު ﷲ ތަޢާލާގެ ޙަޟްރަތަށް ލޯތްބެއް ނެތެވެ. ﷲ ތަޢާލާއަށް ބިރުވެތިކަމެއް ނެތެވެ. ﷲ ތަޢާލާގެ އެންގެވުންތަކަށް ވެސް ބިރުވެތިކަމެއް ނެތެވެ. އެފަދަ މީހަކު ތިބާދެކެ ޙަޤީޤީ ލޯބިވާކަމަށް ޤަބޫލުކުރަން ހެޔޮވާނީ ކިހިނަކުންހެއްޔެވެ؟ ނުވެވޭނެކަން ޔަޤީން ނޫންހެއްޔެވެ؟  

މިކަންކަމަކީ ކޮންމެ މީހަކުވެސް ކައިވެނިކުރުމުގެ ކުރިން ވިސްނާލުން މުހިންމު ކަންކަމެވެ. ކައިވެނި ދެމިއޮންނާނީ، ދެމީހުންގެ މެދުގައި އުފާވެރިކަން ދެމިއޮންނާނީ އަދި ބައިވެރިޔާދެކެ ޙަޤީޤީ ލޯބިވެވޭނީވެސް ފުރަތަމަ ކަމަކަށް ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވެގެންނެވެ. ﷲ ތަޢާލާއަށް ބިރުވެތިވެ އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބާނަމައެވެ. 

ނަޞޭޙަތަކީ މިބުނިމަގުން ﷲ ތަޢާލާގެ ޙަޟްރަތަށް ލޯބިވާ އެކަލާނގެ އަމުރުފުޅުތަކަށް ބޯލަނބާ އަދި ކިޔަމަންތެރި އަޅުންނާއި ކައިވެނިކުރުމެވެ. ކައިވެނިކާމިޔާވުމަށް އެއިރުން އެތައް ގޮތަކުން  ފުރުޞަތު ބޮޑުވެގެންދާނެއެވެ. އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން