ޢާއިޝަތު ރަފާޙް ޢަލީ
ޝައިޠާނާގެ ވަސްވާސްތަކަށް ހެއްލި، އަޅުގަނޑުމެންގެ ބުއްދިތައް ކޮށިވެގެންދާހިނދު، ހަގީގަތް ދެނެގަތުމަށްޓަކައި ދީނީ އިލްމުވެރިއެއްގެ ނުވަތަ ތަޖުރިބާކާރު ނަސޭހަތްތެރިއެއްގެ އެހީތެރިކަން އިންތިހާއަށް ބޭނުންވެއެވެ. ހަގީގަތުގެ ލޮލުން ކަންކަމާ މެދު ފުންކޮށް ވިސްނާލައިފިނަމަ، ޝައިޠާނާގެ ނުބައި ރޭވުންތައް ބާތިލުވެ ފިލައިގެންދާނެއެވެ. މިއަދު އަޅުގަނޑުމެން އަމިއްލަ ނަފްސާ ސުވާލުކޮށްލަންޖެހެއެވެ. އަޅުގަނޑުމެންގެ ގޭތެރޭގެ މާހައުލުން އޯގާތެރިކަމާއި ލޯބި ފެންނަން އެބައޮތް ހެއްޔެވެ؟ އަބަދާއަބަދު ޒުވާބުކުރުމާއި، އެކަކު އަނެކަކަށް މަލާމާތްކޮށް އިހާނެތިކޮށް ހިތުމާއި، ހަޅޭއްލެވުމުގެ ތެރޭގައި ދަރިން ބޮޑުވަމުންދިއުމަކީ އިންތިހާއަށް ހިތާމަހުރި ކަމެކެވެ.
މިފަދަ ނޭދެވޭ މާހައުލެއްގައި ބޮޑުވާ ކުދިންގެ ފަރާތުން އުއްމީދު ކުރެވެނީ ކޮންފަދަ ނަތީޖާއަކަށް ހެއްޔެވެ؟ މައިންބަފައިންގެ މެދުގައި އޮންނަންޖެހޭ އިހުތިރާމާއި ގަދަރު ކުޑަވެ، އެކަކު އަނެކަކަށް ދަށްކޮށް ހިތާތަން ފެންނަނަމަ، އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައަށް ފެތުރިގެންދާނެއެވެ. މީގެ ސަބަބުން ގަނާކުރާ މީހުންނާއި، މަކަރުވެރި ނުބައި ސިފަތަކުގެ އަހުލުވެރިން އުފެދުމަށް މަގުފަހިވެއެވެ. މިފަދަ މާހައުލެއްގައި ތަރުބިއްޔަތުވާ ކުދިންގެ ދިރިއުޅުމުގައި ކާމިޔާބީގެ ރަހަ ދުށުމަކީ ނާދިރު ކަމެކެވެ. ސަބަބަކީ އެކުދިން މުޖުތަމައަށް ނުކުންނަނީ ނަފްސާނީ ގޮތުންނާއި އަޚުލާގީ ގޮތުން ބަލިކަށި، ނޭދެވޭ އަސަރުތަކުން ފުރިފައިވާ މާހައުލެއްގެ ތެރެއިން ކަމަށްވާތީއެވެ.
ނަމަވެސް، މައިންބަފައިންގެ މެދުގައި އޮންނަ ގާތްކަމާއި، ލޯބިވެތިކަމާއި، އެކަކު އަނެކަކަށް އަޅާލާ މަންޒަރު ކުދިންނަށް ފެންނަނަމަ އޭގެ ނަތީޖާ މުޅިން ތަފާތެވެ. ބައްޕަ ބޭރަށް ގޮސްފައި އަންނައިރު އަނބިމީހާއަށް ހަދިޔާއެއް ގެނެސްދިނުމާއި، ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވެދިނުމުން، އަނބިމީހާ އެކަމުގެ އަގުވަޒަންކޮށް ހިތްހެޔޮކަމާއެކު "ﷲ ތިޔަބޭފުޅާއަށް ހެޔޮ ދަރުމަ ދެއްވައި، ބަރަކާތާއި ދުޅަހެޔޮކަން ލައްވާށި" މިފަދަ ދުއާތަކާއި ޝުކުރުގެ ބަސްތައް ރައްދުކުރާ މަންޒަރު ކުދިން ބަލަމުންދެއެވެ. މިއީ އެކުދިންގެ ހިތްތަކުގައި ލޯތްބާއި އިހުތިރާމް އުފެދުމަށް ލިބޭ އެންމެ ބޮޑު ފިލާވަޅެވެ.
އެހެނަސް މިއަދުގެ ހަގީގަތަކީ ކޮބައިހެއްޔެވެ؟
ކުދިކުދި ކަންތައްތަކާ ހެދި އެކަކު އަނެކަކަށް ބަދުދުއާކުރުމާއި، ބޮޑެތި ބަލިތަކަށް އެދި ގޮވުމަކީ ބައެއް ގޭގޭގައި އާންމު ކަމެކެވެ. ބާޒާރުކޮށްގެން އަންނައިރު އެންމެ އެއްޗެއް މަދުވުމުންވެސް، ކުރި ހުރިހާ މަސައްކަތެއް ބާތިލުކޮށްލައި ޒުވާބުކުރެވެއެވެ. މިފަދަ މަންޒަރުތައް ފެނުމުން ކުދިންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، އެއީ ދިރިއުޅުމުގެ އާދައިގެ ކަމެއްގެ ގޮތުގައި އެކުދިން ބަލައިގަންނަން ފަށައެވެ. މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.
- ޝައިޚް އާސިމް އަލް ޙަކީމްގެ ދަރުސަކުން
- މިއަދުނޫސް