ތިމާއަށް މަތީމަޤާމާ ތަނަވަސްކަން ލިބުމުން ނިކަމެތިންގެ މަތިން ހަނދާން ނައްތައިލާ މީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ތިމާއަށް މަތީމަޤާމާ ތަނަވަސްކަން ލިބުމުން ނިކަމެތިންގެ މަތިން ހަނދާން ނައްތައިލާ މީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެ!

މިއީ މިހާރަކަށް އައިސް ވަރަށް ޢާންމުވެފައިވާ ކަމެކެވެ. މިފާހަގަކުރަނީ ތަނަވަސްކަމާއި މަތީ މަޤާމު ލިބުމުން ނިކަމެތިންގެ މަތިން ހަނދާން ނައްތައިލާ މީހުންގެ ވާހަކައެވެ. މިހާރުގެ ބަހުރުވައިންނަމަ ވޯޓު ހޯދަން ބޭނުންވުމުން ރައްޔިތުންގެ ގާތަށް ދެއެވެ. މަޤާމު ލިބުމުން ނިކަމެތިންގެ ހަނދާނެއް ނުކުރެއެވެ. ފޯނުވެސް ނުނަގައެވެ. މެސެޖެއް ކުރިޔަސް ޖަވާބެއްވެސް ނުދެއެވެ.  

އެފަދަ މީހުން ތިރީގައިވާ ލިޔުމުން ޢިބްރަތް ޙާޞިލުކުރުން ވަރަށް މުހިންމެވެ.  

ދުނިޔޭގެ ތާރީޚަށް ބެލިނަމަވެސް އިސްލާމް ދީން ބާވައިލެއްވެވުމުގެ ކުރިން ތަނަވަސްކަމެއް ނެތް ޙަސަބާއި ނަސަބުގެ ގޮތުން ދަށް މީހުންނަށް ޙައްޤު ދަރަޖަ ދެވިފައެއް ނުވެއެވެ. އެފަދަ މީހަކު ރަސޫލް ﷺ ގެ އަރިއަހަށް ހިނގައްޖެނަމަ އެމީހަކަށް އިޙްތިރާމްކުރައްވައި ޙައްޤު ދަރަޖަ ދެއްވެވުމަށް ﷲ ތަޢާލާ ވަޙީ ކުރެއްވެވީ އެޒަމާނުގައިވެސް އެކަން އޮތްގޮތުންނެވެ.  

ޒަމާން ފަސްދެމުން އައިސް އަނެއްކާވެސް އެކަންތައް މިވަނީ ބޮޑުވެފައެވެ. މުޖުތަމައުގެ ބޮޑުންނަށް ނުވަތަ ވެރިންނަށް ނިކަމެތިން ފެންނާނީ އެމީހުންގެ ކިބައިން ކަމަކަށް ބޭނުންވުމުންނެވެ. އެންމެ ސާފުޢިބާރާތުން ބުނާނަމަ ވޯޓު ބޭނުންވުމުންނެވެ. ވޯޓުލައި ނިމުމުން ރައްޔިތުންގެ ތެރެއިން ފަޤީރު، ނިކަމެތި މީހުންނާއި ބައްދަލުކޮށްލާނީވެސް ނަމަކަށެވެ. މިއީ ﷲ ތަޢާލާ އެކަން ކުރުމަށް އަންގަވާފައިވާ ގޮތެއް ނޫނެވެ. 

ތަނަވަސްކަން ލިބިފައިވާ މީހެއްގެ ގާތަށް ކަމަކު އެދިގެން ނިކަމެތި ފަޤީރު މީހަކު ހިނގައްޖެނަމަ އެމީހަކާއިމެދު ހެޔޮކޮށް ހިތައި ކަމޭހިތުމަކީ މުސްލިމުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެމީހާގެ ހިތުގައި ޖެހޭ ގޮތަށް ކަންކަން ކުރުމަކީ ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަމެކެވެ. ކަންމިހެން އޮތްނަމަވެސް ނިކަމެތި މީހަކު ފޯނެއްކުރިނަމަވެސް ޖަވާބުދެނީވެސް މަދުމީހެކެވެ. މިއީ ހިތާމަހުރި ކަމެކެވެ.  

ވެރިކަމުގެ މަތީ މަޤާމުތަކުގައި ތިބޭ މީހުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭންވާނެއެވެ. އެމީހުންނަށް ލިބިފައިވާ މަތީމަޤާމަކީ އެމީހުންނަށް ލިބިފައިވާ ޝަރަފެއް ނޫނެވެ. ޙަޤީޤަތަކީ އެމީހުންނަކީ ނިކަމެތިރައްޔިތުންގެ ޚާދިމުންކަމެވެ. މިޒަމާނުގައި މަތީ މަޤާމުތައް ލިބެނީ ވޯޓުލައިގެންނެވެ. ވޯޓުލާ ރައްޔިތުންގެ ތެރޭގައި ގިނަވާނީ ނިކަމެތި ރައްޔިތުންނެވެ. ވީމާ އެމީހުންނަށް އެ މަޤާމަށް އާދެވިފައި އެތިބީ ނިކަމެތި ރައްޔިތުންގެ ސަބަބުންކަން ދަންނަން ޖެހޭނެއެވެ.

މަތީ މަޤާމުތަކުގައި ތިބޭ މީހުންނަށް ހަމަޖެހުން ނުލިބެނީ ނުވަތަ އުފާވެރިކަން ނުލިބި އަބަދު ކަންބޮޑުވެފައި ތިބެންޖެހިގެން އެއުޅެނީ މިބުނި ގޮތަށް ކަންތައް ނުކުރާތީއެވެ. އެމީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ނުލިބޭތީއެވެ. ނުލިބެނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް މީސްތަކުންނާއިމެދުގައި ޢަމަލުނުކުރާތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

މިއަދު އޮންލައިން