ޢާއިލާއާ ބާއްޔަންޖެހޭ ގުޅުން ނުބާއްވަން، ބައްދަލުނުކުރަން، އެހީތެރިނުވަން ބުނިނަމަވެސް ޤަބޫލުކޮށް ޢަމަލުކުރުމެއް ނެތް! އެއީ ކުރުން ހުއްދަ އަމުރެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
ޢާއިލާއާ ބާއްޔަންޖެހޭ ގުޅުން ނުބާއްވަން، ބައްދަލުނުކުރަން، އެހީތެރިނުވަން ބުނިނަމަވެސް ޤަބޫލުކޮށް ޢަމަލުކުރުމެއް ނެތް! އެއީ ކުރުން ހުއްދަ އަމުރެއް ނޫން!

މިއީ މަދު މައްސަލައެއް ކަމަށް ބުނެވޭކަށް ނެތެވެ.

ކިޔުންތެރިންގެ ކިބައިން އެންމެ ގިނައިން ލިބޭ ސުވާލަކަށްވާތީއެވެ. ވީމާ ކަންއޮތްގޮތާއިމެދު ވިސްނައިލަމާ ހިނގާށެވެ! ކަން އޮތްގޮތް ކަމަށް މިބުނަނީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތެވެ.  

"އަޅުގަނޑުމެންގެ ކައިވްންޏަށް 3 އަހަރުވީއެވެ. ކައިވެންޏަށް 3 މަސްވީތަނާހެން ހިނގި ޢާއިލީ ދެބަސްވުމަކާއި ގުޅިގެން ފިރިމީހާ ވަނީ އަޅުގަނޑުމެންގެ ގެއަށްދިއުމާއި ޢާއިލާގެ މީހުންނާއި ބައްދަލުކުރުން މަނާކޮށްފައެވެ. ނަމަވެސް އެއަމުރަކަށް އަޅުގަނޑު ޢަމަލެއް ނުކުރަމެވެ. އެހެންވެ މިހާރު ތައްޔާރުވަމުންދަނީ އަޅުގަނޑު ވަރިކުރުމަށެވެ. މިޙާލަތުގައި ވަރިކޮށްފިނަމަ އަޅުގަނޑު ފާފަވެރިވާނެތޯއެވެ؟"  

ސުވާލުކުރެއްވި ކިޔުންތެރިޔާއަށް ބުނެލަން އޮތީ ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! އިތުރު މަޢުލޫމާތު ލިބިލައްވާނެއެވެ. އިން ޝާ ﷲ

ދެމީހަކު ކައިވެނި ކުރުމާއިއެކު، އަނބިމީހާ، އޭނާ އާއި ރަޙިމުގެ ގުޅުން އޮތް މީހުންނާއި ބައްދަލު ނުކުރުމާއި އަދި އޭނާގެ (ފިރިމީހާގެ) ގެއަށް އަނބިމީހާ އާއި ރަޙިމުގެ ގުޅުން އޮތް މީހުން އައުން މަނާކުރުން ފަދަ ކަންކަން ޝަރުތު ކުރުން ހުއްދަވެގެން ނުވެއެވެ. އަދި ހަމަ އަނބިމީހާއަކަށްވެސް ފިރިމީހާ އޭނާގެ އާއިލާއާއި ބައްދަލު ކުރުމުގެ މިނިވަންކަމަކަށް ހުރަހެއް ނޭޅޭނެއެވެ.  

އެފަދަ އަމުރަކަށް ކިޔަމަންތެރިނުވުމުގެ ޙައްޤު އަނބިމީހާއަށް ލިބިގެން ވެއެވެ. އެކަމަކަށް އޭނާ ފާފަވެރިއެއް ނުވާނެއެވެ. ސަބަބަކީ، އެއީ އޭނާ އެކުރީ ހަރާމް ކަމަކަށް ވީތީއެވެ.  

އަދި، އެމީހުންގެ ރަޙްމަތްތެރިންގެ މައްޗަށް ވެސް ޙައްޤެއް ވެއެވެ. ކައިވެނިކުރުމަކީ ރަޙްމަތްތެރިންގެ ކިބައިން ނުބައި ކަމެއް ނުފެންނަ ހައި ހިނދަކު ގާތް ރަޙްމަތްތެރިންނާއި ގުޅުން ކަނޑާލައި ދުރުވާންޖެހެންވީ ސަބަބެއް ނޫނެވެ. އެހެންކަމާއިއެކުވެސް ފިރިމީހާ އެފަދަ އަމުރެއްކޮށްފިނަމަ އަނބިމީހާއަށް އޮތީ ކިޔަމަންތެރިވުމެވެ. ސަބަބަކީ ރަޙިމުގެ ގުޅުމާއި ރަޙްމަތްތެރިކަމުގެ ގުޅުމަކީ މުޅިން ތަފާތު ދެކަމެކެވެ.  

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ޚަދީޖާ ރަޟިޔަﷲ ޢަންހާގެ ރަޙްމަތްތެރިންނަށް އިޙްތިރާމް ކުރެއްވެވިއެވެ. ވީމާ އަނބިމީހާގެ ރަޙްމަތްތެރިންނަށް ހެޔޮކޮށް ހިތުމަކީ ސުންނަތުގެ ތެރެއިންވާ ކަމެކެވެ.

 

- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން