ތިމާ އަޅުކަންކުރަމުން އެހެން މީހުންނަށް ހަނދާންކޮށްދީ ހިތްވަރުދިނުމަކީ މަތިމައްޗަށް ޘަވާބުއިތުރުވެ ސުވަރުގެ ވަދެވުމަށް މަގުފަހިވާނެ ސަބަބެއް! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ތިމާ އަޅުކަންކުރަމުން އެހެން މީހުންނަށް ހަނދާންކޮށްދީ ހިތްވަރުދިނުމަކީ މަތިމައްޗަށް ޘަވާބުއިތުރުވެ ސުވަރުގެ ވަދެވުމަށް މަގުފަހިވާނެ ސަބަބެއް! އިން ޝާ ﷲ

ދުނިޔޭގައި ހޭދަކުރަން ފުރުޞަތު މިލިބޭ މަދު ދުވަސްކޮޅުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާށެވެ. ފުރަތަމަ ކަމަކަށް ތިމާ ވީހާ ގިނައިން އަޅުކަންކުރާށެވެ! އެއަށްފަހު އެންމެ ފަސޭހައިން ކުރެވޭނެ އެންމެ ފައިދާހުރި އެއްކަމަކީ އެމީހާގެ ގާތް މީހުންނަށް ހެޔޮ އަމަލުތައް ކުރަން ހަނދާންކޮށްދިނުމެވެ.  

އެހެނީ މީހެއްގެ ސަބަބުން މީހަކު ހެޔޮ އަމަލެއް ކޮށްފިނަމަ އެކަން ކުރި މީހާގެ ޘަވާބުން އެއްވެސް މިންވަރެއް އުނިކުރެއްވެވުމެއް ނެތި ހަނދާންކޮށްދިން މީހާއަށްވެސް ޘަވާބު ދެއްވަވާނެތީއެވެ. 

އެކުވެރިޔާއަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮ ކަމަކީ ހެޔޮ އަމަލެއް ކުރަން ހަނދާންކޮށްދިނުމެވެ. އަދި އެއީ ތިމާއަށް ވެސް ވަރަށް ފައިދާހުރިކަމެކެވެ. ހަނދާންކޮށްދިނުމުން އޭނާ އެކަން ކޮށްފިނަމަ އޭނާއަށް ޘަވާބު ލިބޭނެއިރު އޭނާ އެކަން ކުރި ނަމަވެސް ނުކުރި ނަމަވެސް ހަނދާންކޮށްދިން މިހާއަށް ޘަވާބު ދެއްވަވާނެތީއެވެ. އިން ޝާ ﷲ 

މިހާރަކަށް އައިސް މުވާސަލާތީ ގުޅުންތައް ފަސޭހަވުމުން ގިނަ ބައަކު އެންމެ ގިނައިން ކުރާ ކަމަކީ ކޮފީތަކަށާއި ކެއުންތަކަށް ދައުވަތު ދިނުމެވެ. އެކަންކަމަށް ދައުވަތު ދޭ އުޞޫލުން ހެޔޮ އަމަލުތައް ކުރަންވެސް ދަޢުވަތުދޭށެވެ. އަދި އެދުވަހަކު އޮންނަ ދަރުސްތަކާއި ޖަނާޒާތައް މަތިން ހަނދާންކޮށްދޭށެވެ. އެކަމުން އެކުވެރިޔާއަށާއި ތިބާއަށް ކުރާ ފައިދާ މާބޮޑުވާނެއެވެ.  

ދައުވަތުދޭންވީ ސީރީޒް ބަލާށާއި ގޭމްކުޅޭކަށް ނޫނެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ކުޅޭ ކުޅިވަރުތައް ބަލާކަށްވެސް ނޫނެވެ. ކޮފީތަކަށްގޮސް މަޖާކުރާކަށްވެސް ނޫނެވެ! ދަޢްވަތުދޭންވީ ދީނީ ދަރުސްތައް އަޑުއަހާށެވެ. ފައިދާކުރާނީ އެފަދަ ކަންކަމުންނެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން