ޤުރްއާނުން ކުށްހޯދަން މަސައްކަތްކުރާ ގިނަބައަކު ދަނީ އިސްލާމްވަމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
ޤުރްއާނުން ކުށްހޯދަން މަސައްކަތްކުރާ ގިނަބައަކު ދަނީ އިސްލާމްވަމުން!

އިސްލާމް ދީނުގެ ޢަދާވާތްތެރިން ކުރިން ހތްވަރުދެނީ ކީރިތި ޤުރްޢާނުން ކުށް ހޯދުމަށެވެ. ނަމަވެސް މިއަދު ބުނަނީ ޤުރްއާން އުނގެނެން މަސައްކަތްނުކުރުމަށެވެ. ކިޔައި ދިރާސާ ނުކުރުމަށެވެ.  

އެއީ ކީއްވެގެން ކަމަށް ހެއްޔެވެ؟ ޤުރްއާން ރަނގަޅަށް ދިރާސާކުރާ މީހުންގެ ތެރެއިން ވަރަށް މަދުމީހަކު ނޫނީ ޤުރްއާނުގައިވާ ކަންކަން އެނގުމުން އިސްލާމްވާތީއެވެ. އިސްލާމްވެ އިސްލާމް ދީނަށް ނަޞްރުދޭތީއެވެ. އެފަދަ މީހުންގެ ބަސްތައް ސޯޝަލް މީޑިއާގައި ހާމަކުރުމުގެ އިތުރަށް ބޮޑެތި ބައްދަލުވުންތަކުގައި ހާމަވެސްކުރާތީއެވެ.  

ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް އިސްލާމީ ނޫރު ފަނޑުކޮށެއް ނުލެވޭނެއެވެ. ދާނީ މަތިވެރިވަމުންނެވެ. އިން ޝާ ﷲ  

ކީރިތި ޤުރްޢާން ބާވައިލެއްވެވީންސުރެ ޤުރްއާނަށް ބަދަލުގެންނަން ހުރިހާ ޒަމާންތަކުގައިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެންމެ އަކުރަކަށްވެސް. ފިއްޔަކަށްވެސް  އަދި ސުކުނަކަށްވެސް ބަދަލުގެނެވިފައިނުވާކަން އަންގައިދެނީ އަދި އިސްލާމް ދީން ނިކަމެތިކުރަން މަސައްކަތްކުރާވަރަކަށް އިސްލާމް ދީން ކުރިއަރަމުން އަންނަކަން އަންގައިދެނީވެސް ހަމައެއްކަމެކެވެ. ﷲ ތަޢާލާ ޙިމާޔަތްކުރައްވަވާފައިވާ އެއްޗަކަށް ގެއްލުން ނުދެވޭނެ ކަމެވެ.  

މުޅި ދުނިޔެ އެކަންކުރަން ބޭނުންވި ނަމަވެސް ދުނިޔެއިން އިސްލާމް ދީން ފުހެލުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް މަސައްކަތްކުރާ ވަރަކަށް އިސްލާމް ދީނަށް ލިބޭ ކުރިއެރުން މިދަނީ އިތުރުވަމުންނެވެ. ﷲ ތަޢާލާ އެކަން މިންވަރުކުރައްވަވާހައި ދުވަހަކަށް އެކަން ދެމިގެންދާނީވެސް އެގޮތުގައެވެ. 

މިކަމުގެ ދަލީލަކީ ދުނިޔޭގެ ކަންކޮޅުތަކުން އިސްލާމް ދީނަށް ލިބެމުން އަންނަ ބޮޑު ތަރުޙީބެވެ. އަލަށް އިސްލާމްވާ މީހުންގެ އަދަދު ގިނަކަމެވެ. އެހެން ދީންތަކަށް ވަންނަ މީހުންނަށްވުރެ އިސްލާމްވާ މީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުކަމެވެ.  

ކާފިރުންނާއި އެކުވެރިކަން ބޭއްވުމާއި އެމީހުންނާއިއެކު ވިޔަފާރިކުރުން މުސްލިމުންނަށް ހުއްދައެވެ. ނަމަވެސް އެމީހުންގެ ދީނީ އެއްވެސް ކަމެއް ބަލައިގަތުން ހުއްދައެއް ނޫނެވެ. އެމީހުންގެ ޘަޤާފަތް ބަލައިގަތުންވެސް ހުއްދައެއް ނޫނެވެ.  

ކާފިރުންނާއިއެކު ބާއްވާ ގުޅުމުގެ ތެރެއިންވެސް މަސައްކަތްކުރަންވީ އެމީހުންނަށް އިސްލާމް ދީނުގެ ފުރިހަމަކަން އަންގައިދިނުމަށެވެ. އެކަން ކުރެވޭނީ އެމީހެއްގެ ކިބައިގައި ހުންނަ ރިވެތި އަޚްލާޤީ ސިފަތަކުން އެކަން ދައްކައިދީގެންނެވެ. އަމާނާތްތެރިކަމާއި އޯގާތެރިކަން ހާމަކޮށްދީގެންނެވެ.  

އެންމެ ގިނަ ބައަކު އިސްލާމް ދީން ޤަބޫލުކުރަމުން ދަނީ މުސްލިމުންގެ ރިވެތި އަޚްލާޤާއި އިސްލާމް ދީނުގައިވާ ޢަދުލްއިންޞާފުގެ ނިޒާމުގެ ސަބަބުންނެވެ. ވީމާ ކޮންމެ މުސްލިމަކު ވެސް ގަދައަޅައި މަސައްކަތް ކުރަންވީ ތިމާއަކީ ނަމޫނާ މުސްލިމަކަށްވުމަށެވެ! 

ހުޅަނގުގެ ޤައުމުތަކާ އެހެންވެސް ބައެއް ޤައުމުމުތައް މިއަދުވަނީ ދުނިޔަވީ ތަރައްޤީގެ ގޮތުން ވަރަށް ބޮޑަށް ކުރިއަރައިފައެވެ. ކަންކަން ރޭވުމުގައި ވަނީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ. މިއީ ޤަބޫލުކުރަން ޖެހޭނެ ޙަޤީޤަތެކެވެ. މުސްލިމުންވެސް މަސައްކަތްކުރަންވީ ކުރިއަރައި ދިއުމަށެވެ. ނަމަވެސް އެއްވެސް ޙާލެއްގައި ތަރައްޤީ އާއި ކުރިއެރުން ހޯދުމަށްޓަކައި އިސްލާމީ ޢަޤީދާ ދޫކޮށްލައިގެން ނުވާނެއެވެ. މަސައްކަތްކުރަން ޖެހޭނީ އިސްލާމީ ފުރިހަމަ ޢަޤީދާގެ މަތީގައި ތިބެގެންނެވެ.  

އެމީހުންނަށްވުރެވެސް ކުރިއަރާފައިވާ ބައަކަށްވުމަށް ގަދައަޅައި މަސައްކަތްކުރަންވީއެވެ. ނަމަވެސް އިސްލާމް ދީނުގެ މަތީގައި ސާބިތުވެ ތިބެގެންނެވެ. އަޅުގަނޑުމެން އެމީހުންގެ ކިބައިން ވެސް ލިބިގަންނަންޖެހޭނީ އިސްލާމް ދީނާ ތަޢާރަޟް ނުވާ ކަންކަމެވެ. އިސްލާމް ދީނާ ތަޢާރަޟް ނުވެ ކުރިއެރުން ލިބޭނެ ކަންކަމެވެ.  

ދުނިޔޭގައި ތިބޭއިރު ހަނދު ކިތަންމެ ރީތިކޮށް ފެންނަން ހުރިނަމަވެސް ހަނދަށް ކުޅުޖެހުމަކީ ހަމައެކަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. ނަޖިސްވާނީ އެކަންކުރަން އުޅޭ މީހެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން