ހިލޭ މީހުންނާ ގުޅި، ފާފަތައް ކުރުމަށްފަހު އެކަންކުރެވުނީ މިވެނި މީހެއްގެ ސަބަބުން ކަމަށް ބުނުމަކީ ކުށުން ބަރީޢަވެވޭނެ ސަބަބެއް ނޫން! ނުބައި މީހުންނާ ގުޅިގެން އުޅެނީ އަމިއްލައަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 39ސ
ހިލޭ މީހުންނާ ގުޅި، ފާފަތައް ކުރުމަށްފަހު އެކަންކުރެވުނީ މިވެނި މީހެއްގެ ސަބަބުން ކަމަށް ބުނުމަކީ ކުށުން ބަރީޢަވެވޭނެ ސަބަބެއް ނޫން! ނުބައި މީހުންނާ ގުޅިގެން އުޅެނީ އަމިއްލައަށް!

އިންސާނުން މަގުފުރެދިގެންދާ އެންމެ ބޮޑު ސަބަބަކީ އިބިލީސްކަމަށް ބުނެވޭކަށް ނެތެވެ. ސަބަބަކީ އިބިލީސް ވަސްވާސްދިނުމުންވެސް ފާފަނުކުރާ މީހުން އިންސާނުންގެ ބަހަށް ހެއްލި ފާފަކުރާތީއެވެ. މިއީ ދެމަފިރިންގެ މެދުގައިވެސް މައްސަލަތައް ޖެހެން މެދުވެރިވާ ކަމެކެވެ. އެހެންކަމުން މިގެނެސްދެނީ ވިސްނައިލުމުން ފައިދާކުރާނެ ލިޔުމެކެވެ. އިން ޝާ ﷲ

އަބަދުވެސް އޮންނަނީ އަޅުގަނޑުގެ ފިރިމީހާއަށް މާފުކުރަންޖެހިފައެވެ. ބުނަނީ ހިލޭ އަންހެނުންނާއިއެކު ގުޅުންހިންގައި ފާފަކުރެވެނީ އެކުވެރިންގެ ސަބަބުން ކަމަށެވެ. މާފުކުރަމުން ގޮސް ކެތްތެރިކަން ކޮޅުން ލައިފިއެވެ.  

އަޅުގަނޑުގެ ސުވާލަކީ ފާފަކޮށްފައި އެކުވެރިންގެ ބޮލުގައި އެޅުވުމަކީ ޤަބޫލުކުރަންޖެހޭނެ ކަމެއްތޯއެވެ؟

ކިޔުންތެރިޔާއަށް ބުނެލަން އޮތީ ނުބައި އެކުވެރިން ގެންގުޅޭނަމަ އެމީހުންކުރާ ފާފަތައްވެސް ކުރެވޭނެއެވެ. ނުބައި އެކުވެރިން ނުގެންގުޅުމަށް ދީނުގައި އެހާބޮޑަށް ބާރު އަޅުއްވަވާފައިވަނީ އެހެންވެގެންނެވެ. އަނެއް ކަމަކީ ނުބައި އެކުވެރިންނާއިއެކު އުޅެނީ އަމިއްލަ އިޚްތިޔާރުގައެވެ. ވީމާ ފާފަކޮށްފައި ނުވަތަ އެކުވެރިން އުޅޭގޮތަށް އުޅެފައި އެކުވެރިން ކުށްވެރިކުރުމަކުން ނުފުދޭނެއެވެ.  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ދެމަފިރިން އެކަކު އަނެކަކަށް ޚިޔާނާތްތެރިވުމަށްފަހުގައި އެއީ އިބިލީސް ކުރުވި ނުވަތަ މިވެނި މީހެއްގެ ސަބަބުން ކުރެވުނުކަމެއް ކަމަށް ބުނެ އަމިއްލަ ޒިންމާއިން ރެކެން އެބަ މަސައްކަތްކުރެއެވެ. ހިތަށް އެރިހައި ފާފަތަކެއް ކޮށްލުމަށްފަހު ވަރަށް ގިނަ މީހުން އެކަން އަޅުވަނީ އިބިލީހުގެ ނުވަތަ ކޮންމެވެސް މީހެއްގެ ބޮލުގައެވެ. 

މީސްތަކުންނޭވެ! ތިމާ ކުރަންބޭނުންހައި ފާފައެއް ކުރުމަށްފަހު އެކަން ކުރުވީ އިބިލީސް ނަވަތަ އެހެން މީހަކުކަމަށް ބުނުމަކީ ކުރި ފާފައިގެ މައްޗަށް އިތުރު ފާފައެއް ކުރުމެވެ. އެއީ ދޮގު ހެދުމުގެ ފާފައެވެ. ކީރިތި ޤުރްއާނުގެ މި އާޔަތް ބަލާށެވެ.

"ހަމަކަށަވަރުން އީމާން ވެ، އެއުރެންގެ ވެރި ރަސްކަލާނގެއަށް ވަކީލްކުރާމީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ ޝައިޠާނާ އަކަށް ނުވެއެވެ." (އަންނަޙްލް: 99)

މީސްތަކުންނޭވެ! އެންމެ ގިނައިން ކުރެވޭ ފާފަތަކުގެ ތެރޭގައި ވައްކަން ކުރުމާއި ބަނގުރާ ބުއިމާއި ފާހިޝް ޢަމަލުތައް ކުރުން ހިމެނެއެވެ.  

ވައްކަން އެކުރަނީ ﷲ ތައާލާ ދެއްވެވި މިންވަރަށް އީމާން ނުވާ މީހުންނެވެ. ޝުކުރުވެރިވެ ވަކީލް ނުކުރާ މީހުންނެވެ. ބަނގުރާ ބޮނީ ސުވަރުގެގޭގެ މީރު ބުއިންތައް ބޭނުން ނުވާ މީހުންނެވެ. އެކަމަށް އެދޭމީހާ ބައަކު ހިލޭ ދިންނަމަވެސް ބަނގުރަލެއް ނުބޯނެއެވެ. އޭނާ އެދެމުން ދާނީ ސުވަރުގޭގެ ބުއިމަށެވެ. 

ފާހިޝް ޢަމަލުތައް ކުރަނީ ސުވަރުގެއާއި ޙޫރަލްޢީނުން ބޭނުން ނުވާ މީހުންނެވެ. އެމީހާއަކީ ސުވަރުގެ އެދޭމީހެއް ނަމަ އަދި ރީތިކަމުން ފުރިގެންވާ ޢަޖައިބެއް ފަދަ ޙޫރުލްޢީނުން ބޭނުންވާ މީހެއްނަމަ ފާހިޟް އަމަލުތައްކޮށް ޙޫރަލްޢީނުންނާއި ތިމާ އާއި ދެމެދަށް އެއްވެސް ހުރަހެއް ނުއަޅާނެއެވެ.  

ބަޔާން މިކުރި ޢާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވަވާފައި އެވަނީ "އީމާން ވެ، އެއުރެންގެ ވެރި ރަސްކަލާނގެއަށް (ﷲ އަށް) ވަކީލްކުރާމީހުންގެ މައްޗަށް އެއްވެސް ބާރެއް، އެ ޝައިޠާނާ އަކަށް ނުވާ ކަމަށެވެ." މާނައަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެ ވަކީލު ކުރާ މީހަކަށް ނުފޫޒު ހިންގުމުގެ ބާރު ޝައިޠާނާއަކަށް ނުވެއެވެ. ވީމާ ޝައިޠާނާއަށް މީސްތަކުންގެ މައްޗަށް ބާރެއް ނުފޫޒެއް ފޯރުވޭނަމަ އެކަން އެ ކުރެވެނީ އެމީހާގެ އީމާންކަން ފުރިހަމަ ނުކުރެވޭތީއެވެ. އަދި ﷲ ތަޢާލާއަށް ވަކީލު ނުކުރެވޭތީއެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން