ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސްމާޓް އައިޑީކާޑާއެކު ފައިސާގެ މުޢާމަލާތްތަކަށްވެސް ބޭނުންކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ މުހިންމު ސިނާޢަތްތަކާއި ދާއިރާތައް ޑިޖިޓަލައިޒް ކުރުމަށްޓަކައި ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން، ރައްޔިތުންނަށް އެންމެ ބޭނުންތެރި އެއް ޚިދުމަތް ކަމަށްވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނިޒާމު ޒަމާނީކޮށް، "ސްމާޓް އައިޑީކާޑު"ގެ ނަމުގައި ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި އާ ކާޑަކީ ފައިސާގެ މުޢާމަލާތްތަކަށްވެސް ބޭނުންކުރެވޭނެ ފަދަ ތަފާތު ލުއިފަސޭހަ ނިޒާމަކަށް ވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މި ބަދަލު ގެނައުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.
"އެ ކާޑުން ގިނަ ކަންކަން ކުރެވޭނެ، ތަންތަނަށް ޚިދުމަތް ހޯދަން ދިޔުންވެސް ޚިދުމަތް ލިބިގަތުންކަމަށްވިއަސް، ހުރިހާކަމެއްވެސް އެކާޑުން އެމީހެއްގެ އަމިއްލަ ރެކޯޑްސް ބެލެހެއްޓުން ކަމުގައިވިއަސް އެކަން ކުރެވޭ ގޮތަށް ފިންގަރ ޕްރިންޓުން ބިލްޓު ކާޑެއް ތަޢާރަފްކުރަނީ" ރައީސް ވިދާޅުވިއެވެ.
މިހާރުވެސް ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ޑިޖިޓަލް އައިޑީ ނިޒާމް ބޭނުންކުރަމުންދާކަން ފާހަގަކުރެވެއެވެ. އެގޮތުން، އުމުރުން 10 އަހަރުން މަތީގެ ދެލައްކަ ހަތްދިހަ ދެހާސް ދިވެހިން މިހާރުވެސް ޑިޖިޓަލް އައިޑީ ބޭނުންކުރަމުންދާއިރު، މިއީ އެ އުމުރުފުރާގެ އާބާދީގެ 80 އިންސައްތައެވެ.