ޕާކިން އިމާރާތްތަކަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފަ، އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައިސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 39ސ
ޕާކިން އިމާރާތްތަކަށް ބޭނުންވާ ބިން މިހާރު ވަނީ ހަމަޖެހިފަ، އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ: ރައިސް

މާލެ ސަރަހައްދުގެ ތޮއްޖެހުމާއި ޓްރެފިކް މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ޕާކިން އިމާރާތްތަކަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށާއި، އެ މަސައްކަތުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ގްރޭޓަރ މާލެ ސަރަހައްދުގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ޕާކިން އިމާރާތްތަކަށް ބޭނުންވާ ބިންތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން މާލޭގައި ދެ އިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ.

ރައީސް ވިދާޅުވި ގޮތުގައި، މަގުތަކުގައި ޕާކުކުރާ ގޮތަށް ގެންނަ ބަދަލުތަކާއި ޕާކިން އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީދާ ބެލުމުގެ ދަށުންނެވެ. "ޕާކު ކުރާ ގޮތް ޕިޒިކަލީ ގެންނަ ބަދަލުތަކާއި ޕާކިން ބިލްޑިން އެޅުންވެސް މިހާރު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއާއި މާލޭގެ ބައެއް ބިންތައް ހަމަޖައްސާފައި. އެތަންތަނުގައި އިމާރާތްތައް އަޅަން ސަރުކާރުން ވަރަށް އަވަހަށް ފަށާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގެ މަގުތައް ތޮއްޖެހިފައިވާ މައްސަލައާއި ޓްރެފިކް މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އުފެއްދި ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށްވެސް ރައީސް ވަނީ މި ޕޮޑްކާސްޓްގައި ރައްދު ދެއްވާފައެވެ.

މާލޭގެ ޕާކިން މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ނުލިބި އޮތް ބޮޑު މައްސަލައަކަށްވާއިރު، ސަރުކާރުގެ އަމާޒަކީ މިފަދަ އިމާރާތްތަކުގެ އެހީގައި މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމެވެ.

މިއަދު އޮންލައިން