ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ސޮއިކުރެވުނު ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (ޕީޓީއޭ) އަށް މިއަދު އަމަލުކުރަން ފެށުމާއެކު، 85 މިލިޔަނަށްވުރެ ބޮޑު މާކެޓަކަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މުޙައްމަދު ސަޢީދު މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1 އޯގަސްޓް 2026 އިން ފެށިގެން މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަކީ ދެ ޤައުމުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުމުގައި ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ ދަށުން 75 ބާވަތަކުން ޓެރިފް ކޮންސެޝަން ނުވަތަ ޑިއުޓީގެ އިނާޔަތްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީގެ ބޮޑު މާކެޓުން ފުރުސަތު ލިބިގެންދާއިރު، ދިވެހި ވިޔަފާރިވެރިންނަށް ތުރުކީގެ އުފެއްދުންތަކާއި ޒަރޫރީ މުދާ ހޯދުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ އިޤްތިޞާދީ އެއްބާރުލުން އިތުރަށް ވަރުގަދަވެ، ދެ ޤައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަނަވަސްކަން ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.