ސިފައިންގެ 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 25ސ
ސިފައިންގެ 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅުނު ސިފައިން ތަމްރީނުކުރުމަށް ހިންގި 73ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދެވެ.

މި ރަސްމިއްޔާތުގައި ވަޒީރު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވައި، ކޯހުން އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މި ކޯހުން ޖުމްލަ 116 ދަރިވަރުން ދަސްވެނިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 22 އަންހެން ދަރިވަރުންނާއި 94 ފިރިހެން ދަރިވަރުންނެވެ. ދަރިވަރުންނަށް ސިފައިންގެ ޢަޒުމް ލައިދެއްވީ ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޙުސައިން އިބްރާހީމެވެ.

73ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑާއި ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މަހުދީ އަޙްމަދެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ޕްރައިވެޓް ރިފާ މުޙައްމަދު ހާސިލުކުރިއިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މުޙައްމަދު ޝައުން ނާފިޢުއެވެ. މީގެ އިތުރުން މަޒުމޫނު ލިޔުމުން އެއްވަނަ ހޯދީ ޕްރައިވެޓް އަސްލަން އިބްރާހީމް ރަޝީދެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިފާޢީ ވަޒީރު ޙަސަން ރަޝީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ވިލިމާލޭގައި ގާއިމުކުރި ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަކީ ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ބޭރުގެ އެކުވެރި ގައުމުތަކުން ދޭ އެހީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ހަދިޔާއެއްގެ ގޮތުގައިދޭ ކޮންމެ އެއްޗެއްގެ ފުރިހަމަ ކޮންޓްރޯލް ދިވެހި ސިފައިންނަށް އޮންނާނެ" ކަމަށެވެ.

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން 2026 މާރިޗު 7 އިން ފެށިގެން ކުރިއަށްގެންދިޔަ މި ކޯހަކީ އަލަށް ސިފައިންގެއާ ގުޅޭ ފަރާތްތަކަށް ބޭނުންވާ އަސާސީ ޢިލްމާއި ހުނަރު އުނގަންނައިދިނުމަށް ހިންގާ ކޯހެކެވެ. މި ކޯހުގެ މަޤްޞަދަކީ ޤައުމިއްޔަތަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ ހަށިހެޔޮ ސިފައިން ބިނާކުރުމެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެ އިސް އޮފިސަރުންގެ އިތުރުން ދަސްވެނިވި ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވިއެވެ.

މިއަދު އޮންލައިން