އެއް ފާފައެއް ތަކުރާރުކުރެވޭތީ ގިނަގިނައިން ތައުބާވާންޖެހޭނަމަ އެކަން ހުއްޓާލަން އިތުރަށް މަސައްކަތްކުރަންޖެހޭނެ! ތައުބާގެ އަގު ހިފެހެއްޓުމަކީ އެއީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
އެއް ފާފައެއް ތަކުރާރުކުރެވޭތީ ގިނަގިނައިން ތައުބާވާންޖެހޭނަމަ އެކަން ހުއްޓާލަން އިތުރަށް މަސައްކަތްކުރަންޖެހޭނެ! ތައުބާގެ އަގު ހިފެހެއްޓުމަކީ އެއީ!

ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެކެވެ. ކުށް ކުރެވުމުން އޮތީ ވީހައި އަވަހަކަށް ތައުބާވުމެވެ. އެހެން ނަމަވެސް އެއްކުށެއް ތަކުރާރުކުރެވިގެން ގިނަގިނައިން ތައުބާވާން ޖެހޭނަމަ ބިރުވެތިވެ އިތުރަށް ވިސްނަން ޖެހޭނެއެވެ.  

އެހެނީ ތައުބާވުމަށް އެދޭއިރު އެ ކުށް އަލުން ތަކުރާރު ނުކުރަން ޢަޒުމް ކަނޑއަޅަން ޖެހެއެވެ. ވައުދުވެސް ވާން ޖެހެއެވެ. ޢަޒުމް ކަނޑައެޅި ނަމަވެސް ވައުދުވި ނަމަވެސް އަލުން ކުށް ކުރެވެނީ އިންސާނާގެ ބަލިކަށިކަމުންނެވެ. ވީމާ އެ ބަލިކަށިކަމުން އަރައިގަންނަން މަސައްކަތްކުރަން ޖެހޭނެއެވެ.

މިގޮތަށް ވެސް ވިސްނައިލާށެވެ! މީހަކު ކުށް ކުރުމުން މާފުކުރަނީއެވެ. ނަމަވެސް ތަކުރާރުކޮށް އެއް ކުށަކަށް 3،4 ފަހަރު މާފުކުރަން ޖެހުމުން ކޮންމެ މީހަކުވެސް ވިސްނައިލާނެއެވެ. މިކުރެވޭ މާފަކީ އެމީހާ ކުށް ތަކުރާރު ކުރުމަށް ދެވޭ ހިތްވަރަކަށް ވެދާނެ ކަމަށް ބިރުވެތިވާނެއެވެ.  

ހަމަ އެއާއިއެކު ވިސްނައިލާށެވެ! ރަސޫލް (ﷺ) ވަނީ މިސްތަކުންނަށް މާފްކުރެއްވެވުމުގައި ނަމޫނާ ދައްކަވައިފައެވެ. އިތުރު އެކަލޭގެފާނަށް މަލާމާތާއި ފުރައްސާރަކުރަމުން ގޮސް ހަށިކޮޅުން ލޭފޮދު އޮހޮރުވި އިރުވެސް ކެތްތެރިވެވަޑައިގެންނެވެއެވެ. ނަމަވެސް ވަކި ހިސާބަކުން މުޝްރިކުންނާއި ހަނގުރާމަ ކުރެއްވެވި ނޫން ހެއްޔެވެ؟  

ﷲ ތަޢާލާއީ ގިނަގިނައިން ފާފަ ފުއްސަވައިދެއްވަވާ ރަހްމާންވަންތަ ރަޙީމްވަންތަ ރަސްކަލާނގެއެވެ. ޣަފޫރުއްރަޙީމްއެވެ. އެހެންކަމާއިއެކުވެސް އެއް ފާފައެއް ގިނަގިނައިން ކުރެވި ތައުބާވާން ޖެހޭނަމަ އިތުރަށް ވިސްނާލައި ބިރުވެތިވާންޖެހޭނެއެވެ. އެކަން ތަކުރާރު ކުރަން ނުޖެހޭނެ ގޮތެއް ހޯދަން މަސައްކަތްކުރަންވާނެއެވެ.  

ﷲ ތަޢަލާގެ ދީލަތިވަންތަކަން ބޮޑުކަމުން ތައުބާވުމުން ފާފަ ފުއްސަވައިދެއްވަވާނެއެވެ. މީހަކަށް ފާފައެއް ކުރެވުމާއި ކިތަންމެ ގިނައިން ފާފަފުއްސަވައިދެއްވަވާނެތީ ބިރެއް ނެތި ފާފަ ކުރުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. އެފަދަ މީހުން ތައުބާއެވަނީ އިޚްލާޞްތެރިކަމެއް ނެތިއެވެ. ނޫންނަމަ ފާފަ ތކުރާރުނުކުރަން ގަދައަޅައި މަސައްކަތްކުރާނެއެވެ.  

ބުރަދަންހުރި ތައުބާއަކީ އިޚްލާޞްތެރިކަމާއިއެކު ވެވޭ ތައުބާއެވެ. ބުރަދަނެއް ނެތް ތައުބާއަކީ އަދިވެސް ފާފަކުރުންމަތީގަ ދެމިހުރުމުގެ ނިޔަތް އޮވެގެން ވެވޭ ތައުބާއެވެ. ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާނީ ބުރަދަންހުރި ތައުބާއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ﷲ

 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން