މަސައްކަތް މިކުރަނީ ސުވަރުގެ ވަނުމަށް ކަމަށް ބުނަމުން ނަރަކައާއިދިމާއަށް ބާރަށް ދުވާ މީހުންގެ ތެރޭގަ ހިމެނިގެން ސުވަރުގެ ވަންނާނީ ކިހިނަކުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 4ސ
މަސައްކަތް މިކުރަނީ ސުވަރުގެ ވަނުމަށް ކަމަށް ބުނަމުން ނަރަކައާއިދިމާއަށް ބާރަށް ދުވާ މީހުންގެ ތެރޭގަ ހިމެނިގެން ސުވަރުގެ ވަންނާނީ ކިހިނަކުންތަ؟

ކޮންމެ މީހަކުވެސް އެންމެ ބޮޑަށް ވިސްނަންވީ އެމީހަކާއިމެދުގައެވެ. ތިމާއަށް ނަރަކައިން ސަލާމަތްވެވޭނެ ގޮތަކާއިމެދުގައެވެ. ނަރަކައިން ސަލާމަތްވާން ތިމާއަށް ކުރެވޭ މަސައްކަތްތަކާއިމެދުގައެވެ.  

މިޘާލަކަށް ބުނާނަމަ މަގުމަތިން ފެނުނު މީހެކެވެ. އޭނާ ހުރީ ކަންބޮޑުވެފައެވެ. ބިރުން ތުރުތުރު އަޅައަޅައެވެ. ކީއްވެގެންތޯ ސުވާލުކުރުމުން ނަރަކައިގެ ގަދަފަދަ ޢަޛާބަށް ބިރުން ކަމަށް ބުނެފާނެއެވެ. ނަމަވެސް މިއަދު ގިނަ ބައަކު އެބަސް ޤަބޫލުވެސް ނުކުރާނެއެވެ.

ގިނަ ބައަކު ބުނާނީ އޭނާއަށް އެހެރީ ސިކުނޑީގެ މައްސަލައެއް ކުރިމަތިވެފައި ކަމަށެވެ. ގޮނޑު ދޮށަށް ނުވަތަ ކްލަބަކަށް ގޮސް މަޖާކޮށްލުމުން ނުވަތަ ކޮންމެވެސް ކުޅިވަރެއް ކުޅެލުމުން ބޯހަމަޖެހިދާނެ ކަމަށެވެ. 

މިހެން މިވަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގެ ހުރިހާ ކަމަކަށް ބިރު ގަތް ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތި ނުވެވޭތީއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! އަބޫބަކުރުގެފާނަކީ ސުވަރުގޭގެ 8 ދޮރުކޮޅުގެ ތެރެއިން ބޭނުންފުޅު ދޮރުކޮޅަކުން ވަދެވަޑައިގެންވޭނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. ޢުމަރުގެފާނަކީވެސް ސުވަރުގެ ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރިކަމުގެ ޚަބަރު ލިބިވަޑައިގެންފައިވާ ބޭކަލެކެވެ. އެހެންކަމާއިއެކުވެސް އެބޭކަލުންނާއި ޞަހާބީން ނަރަކައިގެ ޢަޛާބަށް ބިރުފުޅުން އެކަމަށް ވިސްނެވުމަށް ޤްރްބާން ކުރެއްވެވީ ކިތައް ރޭގެ ނިދި ހެއްޔެވެ؟  

އަހަރެމެން މީހަކު ދެކެ ލޯބިވެއްޖެނަމަ އެކަމަށް ވިސްނަން އެތައް ރެއެއްގެ ނިދި ނަގާލާފައި ހޭލައި ތިބެމުއެވެ. ކަމަކާއިމެދު ބިރުގެންފިނަމަވެސް ރޭގަނޑުގެ ނިދި ނަގާލާފައި ހޭލައި ތިބެމުއެވެ. ނަމަވެސް ނިކަން ބުނެބަލާށެވެ. އުމުރުން މިހައިތަނަށް އައިއިރުވެސް ﷲ ތަޢާލާ އަށް ލޯބިން، ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާ ނިޢްމަތްތަކާއިމެދު ވިސްނަން އެންމެ ރެއަކު ވެސް ހޭލައި ހުރެފިން ހެއްޔެވެ؟ ނަރަކައިގެ ގަދަފަދަ ޢަޛާބަސް ބިރުން އެންމެ ރެއަކުވެސް ހޭލައި ހުރެފިން ހެއްޔެވެ؟  

އެހެންކަމާއިއެކުވެސް ތިއަ ބުނަނީ ﷲ ތަޢާލާއަށް ބިރުވެތިވާ ކަމަށެވެ. ﷲ ތައާލާ ދެކެ ލޯބިވާ ކަމަށެވެ. މީސްތަކުންނޭވެ! ބުނާ ބުނުމަކުން ނުފުދޭނެއެވެ. ތިމާކުރާ އަމަލުތަކުން އެކަމުގެ ހެކި ދައްކަން ޖެހޭނެއެވެ.  

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ ﷲ ތައާލާއަށް އީމާން ވުމުން އީމާންކަން ފުރިހަމަވީ ކަމަށެވެ. އީމާންކަމުގައި ރުކުންތަކެއް ހުންނަކަން ޤަބޫލެއް ނުކުރެވެއެވެ. އަދި އީމާންކަމުގެ ރުކުންތަކާއިމެދުގައި ވިސްނައި ފިކުރެއް ނުކުރެއެވެ. "ﷲ ތައާލާ އަށް އީމާން ވެއްޖައީމޭ" ބުނުމުން އީމާންކަން ފުރިހަމަވެ ނިމުނީ ކަމަށެވެ.  

އީމާންކަން ފުރިހަމަވުމުގެ އެންމެ މުހިންމު ކަމަކީ ﷲ ތައާލާއަށް ފުރިހަމައަށް ބިރުވެތިވުމެވެ. ﷲ ތައާލާއަށް ފުރިހަމަގޮތުގައި ބިރުވެތިވެގެން މެނުވީ އެއްވެސް މީހެއްގެ އީމާންކަން ފުރިހަމައެއް ނުކުރެވޭނެއެވެ. އަދި އެމީހެއްގެ އިސްލާމްކަން ވެސް ފުރިހަމައެއް ނުވާނެއެވެ. އެމީމާހަކަށް އެދެވެނީ ނަރަކަ އާއި ދިމާއަށެވެ!  

"އަހަރެން ﷲ ތައާލާއަށް ބިރުވެތިވަމޭ" ބުނުމަކީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކެވެ. އެއީ އެންމެ ކުޑައިރުންސުރެ އެހެން ބުނަން މައިންބަފައިން ދަސްކޮށްދީފައިވާތީއެވެ. މައިންބަފައިން ބުނަން ދަސްކޮށްދީފައިވާ ބަހެއް ބުނުމާއި ތިމާއެކަން ފުރިހަމައަށް ޤަބޫލުކުރުމަކީ މުޅިން ތަފާތު ދެކަމެކެވެ.  

އަލިފާނުގައި އަތްލުމުން ފިހޭނެކަން އެނގެއެވެ. އެކަން ޤަބޫލުކުރަމުއެވެ. އެހެންވެ އެއްވެސް މީހަކު އަލިފާނުގައި އަތެއް ނުލާނެއެވެ. އަލިފާނާއި ކައިރިވާން ޖެހިގެން ކައިރިވިނަމަވެސް ކައިރިވާނީ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައި ނުފިހޭނެ ގޮތް ހަދައިގެންނެވެ. ހޫނުންވެސް ސަލާމަތްވެވޭނެ ގޮތަށް ފިޔަވަޅުތައް އަޅައިގެންނެވެ.  

ﷲ ތަޢާލާ އަސް ބިރުވެތިވުމަކީވެސް ހަމަ އެފަދަ ކަމެކެވެ. ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަމަކަށް އަރައިގަތުމަކީ ނަރަކައަށް ވަންނަން ޖެހިދާނެ ކަމެއް ކަމަށާއި ނަރަކައިގެ އަލިފާނުގެ ހޫނުކަން މާގަދަވާނެކަން ހިތަށް ނުގެނެވޭނަމަ، އަދި ﷲ ތަޢާލާ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރެވޭނަމަ އެމީހެއްގެ ހިތުގައި އީމާންކަމުގެ މައްސަލަ އެބަހުއްޓެވެ. ﷲ ތަޢާލާއަށް ފުރިހަމައަށް ބިރުވެތި ނުވެވުމުގެ މައްސަލަތައް އެބަހުއްޓެވެ.  

މިހުރިހާ ކަމަކަށް ވިސްނުމަށްފަހު ނިކަން ބުނެބަލާށެވެ! ތިބާއަކީ ހަމަ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކީމު ހެއްޔެވެ؟ އަމިއްލަ ނަފުސަށް ޖަވާބު ދޭށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން ހުރިނަމަ އިޞްލާޙްކުރާށެވެ! ނޫނީ މައްސަލަތައް ކުރިމަތިވާނެ ދުވަހަށް ބިރުވެތިވާށެވެ!

 

- ޝައިޚް މުޙައްމަދު ހޮބްލޮސްގެ ދަރުސަކުން

 

މިއަދު އޮންލައިން