ބައެއް ފިރިންނަކީ ރުޅި ނައިސް ހުންނައިރު ވަރަށް ހެޔޮބައެކެވެ. ނަމަވެސް ރުޅިއައުމުން ދުލުން ނުބައިބަސްތައް ބުނެ އަނބިމީހާގެ ހިތުގައި ޖައްސުވައެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އެހެންވެ ނަޞީޙަތެއްގެ ގޮތުން މިގެނެސްދެނީ އެފަދަ ފިރިންނަށް އެނގެން ވަރަށް މުހިންމު ކަމެކެވެ.
އަޅުގަނޑުމެންގެ ކައިވެންޏަށް 5 އަހަރެވެ. މިއީ އަޅުގަނޑުގެ 2 ވަނަ ކައިވެންޏެވެ. ކުރީގެ ކައިވެންޏަށް ލިބިފައިވާ 2 ދަރިން ބަލަނީ އަޅުގަނޑެވެ. އެއީ 10 އަހަރުގެ ފިރިހެން ކުއްޖަކާއި 8 އަހަރުގެ އަންހެން ކުއްޖެކެވެ.
އަޅުގަނޑުގެ ދެވަނަ ފިރިމީހާއަކީ ރުޅި ނައިސް ހުންނަ ވަޤުތުތަކުގައި ވަރަށް ރަނގަޅު މީހެކެވެ. ބޭނުންވާ ކަންކަން ކޮށްދެއެވެ. އަޅައިވެސްލައެވެ. ދަރިންނަށްވެސް ރަނގަޅެވެ. ނަމަވެސް ކިތަންމެ ކުޑަކުޑަ ކަމަކާއިވެސް ރުޅި އަތުވެދާނެއެވެ. ކިތަންމެ ކުޑަކުޑަކަމަކާއި ރުޅިއައިނަމަވެސް ރުޅިއައުމާއިއެކު ދުލުން ބުނާނީ ނުބައިބަސްތަކެވެ.
އަޅުގަނޑަށް މިހުރީ ހަދާނެ ގޮތް ހުސްވެފައެވެ. އަބަދު އަނދެވަރިވުމަކީ ކުރަން ފަސޭހަކަމެއް ނޫނެވެ. ކުރަން ބޭނުންވާ ކަމެއްވެސް ނޫނެވެ. ނަމަވެސް 2 ދަރިން އެދަނީ ހަލާކުވަމުންނެވެ. ދޮންބައްޕަގެ ކިބައިން ލިބެމުންދާ ފިލާވަޅުތަކުގެ ސަބަބުންނެވެ.
އެކަންކަން ހިނގަނީ މައިދައިތަގެ ކުރިމަތީގައެވެ. ދަރިފުޅަށް ނަޞޭޙަތުގެ ބަހެއްވެސް ނުބުނެއެވެ.
މިހާރު މިހުރީ ހަތަރު އުދަރެސް ފެނުޖެހިފައެވެ. އެއްކޮޅުގައި ދަރިންގެ އަޚްލާޤެވެ. އަނެއްކޮޅުގައި ދިރިއުޅުމެވެ.
މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ބުނެފައިވާ ވާހަކަކޮޅެކެވެ. ކިޔުންތެރިޔާ އެދިފައިވަނީ މިޙާލަތުގައި ޢަމަލުކުރާނެ ރަނގަޅު ގޮތަކަށެވެ.
ވާހަކަކޮޅުން ހީވަނީ މަންމަ އެއިންނަނީ އެކަމަށް ހިތްވަރުދީގެން ކަމަށެވެ. އެހެންކަމަށްވާނަމަ އެއީ ވަރަށް ދެރަކަމެކެވެ. ކިތަންމެ ބޮޑެތިވިނަމަވެސް ދަރިންގެ މިފަދަ ޢަމަލުތައް އިޞްލާޙްކުރަން ނަޞޭޙަތްތެރިވާންޖެހޭނެއެވެ. ދަރިންނަށް ހެޔޮއެދުމަކީ އެއީއެވެ.
އެފިރިމީހާއަށް ބުނެލަން އޮތީ ތިއަގޮތަށް ކަންތައް ކުރީމާ ލިބޭނެ އެންމެ ބޮޑު ދެރައަކީ ތިބާ ރަނގަޅަށް ކޮށްދޭ ކަންކަމުގެ އަގުވެސް ވަޒަން ނުކުރެވުމެވެ. ކޮށްދޭ ހެޔޮ ކަންކަމަށްވުރެ ކުރެވޭ ނުރަނގަޅު ކަންކަން ވަޒަންކުރެވުމަކީ އިންސާނީ ޠަބީޢަތެވެ. 100 ރަނގަޅު ކަންތައްކޮށްދީފައިވެސް ނުބައިކަމެއް ކުރެވުމުން ހިތުގައި ހަރުލާނީ އެކަމެވެ. އެއެންމެ ކަންތައް ކުރިން ކޮށްދިން 100 ކަންތަކަށްވުރެ ބޮޑުވާނެއެވެ.
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ފިރިމީހާއަށް ވިސްނައިދޭން އަދިވެސް މަސައްކަތްކުރާށެވެ! އަދި ފިރިމީހާއަށް ހެޔޮ ވިސްނުން ދެއްވެވުން އެދިގެން ގިނަގިނައިން ދުޢާކުރާށެވެ! ހަމަ އެއާއިއެކު ރަނގަޅު ޢިލްމުވެރިއަކު މެދުވެރިކޮށް ނަޞޭޙަތްދޭން މަސައްކަތްކުރާށެވެ! ހިންމަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ