ޢާއިޝަތު ރަފާޙް ޢަލީ
ފަރަންސޭސިވިލާތުގެ ނިސާ ސުވާލުކޮށްފައިވަނީ: "އަޅުގަނޑުގެ އުމުރުން މިހާރު 41 އަހަރެވެ. އަދިވެސް ކައިވެންޏެއް ނުކުރެވެއެވެ. މިއީ އަޅުގަނޑަށް ކުރެވިފައިވާ ފާފައެއްގެ ސަބަބުން މި ރިޒުޤުން މަޙްރޫމްވުން ކަމަށް ބެލިދާނެތޯއެވެ؟ މިހެން ކަމަށްވާނަމަ އަޅުގަނޑު ހަދާނީ ކިހިނެއްތޯއެވެ؟ އަޅުގަނޑަށް ބޮޑު ފާފައެއް ކުރެވިފައިވާ ކަމަށް ހީވާ ކޮންމެ ހިނދަކު ވަގުތުން ތައުބާވާންވީތޯއެވެ؟"
ޝައިޚްގެ ޖަވާބު:
އޭ އުޚުތާ ނިސާ އެވެ. ﷲ ތަޢާލާ ކަމަނާއަށް ބަރަކާތް ލައްވާށިއެވެ. އެންމެ ފުރަތަމަ ކަމަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް ކަމަނާއަށް އުފާވެރިކަން ގެނެސްދޭނެ ހެޔޮލަފާ ފިރިއަކު މިންވަރުކޮށްދެއްވުން އެދި ﷲ ތަޢާލާގެ ހަޟްރަތުގައި ދުޢާކުރަމެވެ.
ދެވަނަ ކަމަކަށް، ކަމަނާގެ ކައިވެނި ލަސްވެފައިވަނީ ﷲ ތަޢާލާ ދެނެވޮޑިގެންވާ ބޮޑުވެގެންވާ ޙިކުމަތަކަށްޓަކައެވެ. އެކަލާނގެ މިންވަރު ކުރައްވާފައިވާ ޙިކުމަތް މިހާރުވެސް ކަމަނާގެ އިޙްސާސްތަކުން އެބަ ފެނެއެވެ. ކަމަނާ ތިޔަ ވިދާޅުވެވެނީ ތިމަންނައަށް ފާފައެއް ކުރެވިއްޖެކަމަށް ހިތަށް އެރިޔަސް އަބަދުވެސް ތައުބާވާން ބޭނުންވާ ކަމަށެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ، ﷲ ތަޢާލާ ކަމަނާގެ ކައިވެނި ލަސްކުރެއްވީ ކަމަނާ އެކަލާނގެއާ ކުއްތަންވެ، ގާތްވުމަށްޓަކައި ކަމަށެވެ.
ބައެއް ފަހަރު، ﷲ ތަޢާލާ މީހަކަށް އެއްޗެއް ނުދެއްވައި ހިފަހައްޓަވަނީ އެކަލާނގެ އޭނާއަށް ދެއްވާ ހަދިޔާއެއްގެ ގޮތުގައެވެ. ކަމަނާ އެދޭ ފަދަ ހެޔޮލަފާ ފިރިއަކު މިހާ ދުވަހު ނުލިބި ލަސްވީ، ކަމަނާ ﷲ އަށް ތައުބާވެ، ފާފަތަކުން ފުރިހަމައަށް ސާފުޠާހިރުވުމުގެ ފުރުޞަތު ދެއްވުމަށެވެ. ކަމަނާގެ ސުވާލުން ވެސް ތިޔަ ފާހަގަކުރެއްވީ އެކަމެވެ. އެހެންކަމުން، އޭ ލޮބުވެތި އުޚުތާއެވެ، ކަމަނާ ތިޔަ ހުންނެވީ ހެޔޮ މަގުގައެވެ.
الحمد لله، ކަމަނާއަކީ ކަންކަން ފުންކޮށް ވިސްނާ، އީމާންތެރިކަމުގެ ނަޒަރަކުން ކަންކަމަށް ބަލާ މީހެކެވެ. ބައެއް މީހުންގެ ހިތްތަކުގައި ސިއްކަ ޖެހިފައިވާއިރު، ކަމަނާ ތިޔަ ބަލަނީ އަމިއްލަ ނަފްސުގެ ކުށްތަކަށެވެ. މިއީ ޝަރީޢަތުގެ ދަލީލުތަކުން އެނގޭ ގޮތުގައި އަދި ސަލަފުއްޞާލިޙުންގެ ކިބައިން ފެންނަން އޮތް ވަރަށް މަތިވެރި ސިފައެކެވެ. އެބޭކަލުން އަބަދުވެސް ކަމެއް ދިމާވުމުން އަމިއްލަ ނަފްސަށް މަލާމާތްކޮށް، ފާފަތަކަށް އިޢުތިރާފްވެއެވެ.
އަނެއްކަމަކީ، ހުރިހާ ކަމެއްވެސް ހިނގަނީ މާތް ﷲ ގެ މިންވަރުފުޅާއެކުގައެވެ. ކައިވެންޏަކީ ވެސް މިންވަރުފުޅެވެ. އަދި ކައިވެނި ލަސްވުމަކީ ވެސް ކަމަނާއަށް އޮތް ހެޔޮލަފާ ކަމެކެވެ. މިހާރު ކަމަނާ ތިޔަ ހުންނެވީ ސީދާ މަގުގައެވެ. އަމިއްލަ ނަފްސަށް ބުރަވެފައިވާ ފާފަތަކުގެ ބަރު މުޞީބާތްތަކުން ސަލާމަތްވެ، ﷲ ތަޢާލާއާ ބައްދަލުވާން އޮތް ދިގު މަގު ކަމަނާ ތިޔަ ދަނީ ސާފުކުރަމުންނެވެ. މިއީ ﷲ ދެއްވި ވަރަށް ބޮޑު ނިޢުމަތެކެވެ.
އެހެންކަމުން، ކައިވެނި ނުކުރެވި ހުންނަ ކޮންމެ އަންހެނަކަށް އެއީ ﷲ ގެ ކިބައިން އައި ޢުޤޫބާތެއް ކަމަށް ބަލައިގެން ނުވާނެއެވެ. އެކަލާނގެ ބޭނުންފުޅުވެވޮޑިގަންނަވަނީ އަޅާ އެކަލާނގެ ހަޟްރަތަށް ރުޖޫޢަވުމަށެވެ. އެހެންކަމުން، އޭ އުޚުތާއެވެ، ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ރަމަޟާން މަހު ރޯދަހިފުމާއި، ކުޅަދާނަކަން ލިބިގެންވާނަމަ ޙައްޖުވުމާއި، މުދަލުން ޒަކާތް ދިނުން ފަދަ ފަރުޟުތައް އަދާކުރުމަށްފަހު، ގިނަގިނައިން ދުޢާކޮށް، އިސްތިޣްފާރުކޮށް، ރަސޫލާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ.
މައިންބަފައިންނަށް ހެޔޮކޮށް ހިތާށެވެ! ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. ﷲ މަތިން ހަނދުމަކުރުން ގިނަކުރާށެވެ. އޭރުން ﷲ ގެ ކިބައިން ކަމަނާއަށް ނަޞްރާއި ކާމިޔާބު ލިބޭނެއެވެ. ކަމަނާގެ ވެރި ރައްބަށް ފުރިހަމައަށް ވަކީލުކުރާށެވެ. ﷲ ތަޢާލާ މިކަން ލަސްކުރެއްވީ ބޮޑުވެގެންވާ ޙިކުމަތަކަށްޓަކައެވެ.
ﷲ ތަޢާލާ ކަމަނާއަށް ބަރަކާތް ލައްވާށިއެވެ.
- ޝައިޚް ޢަޒީޒް ފަރުޙާން އަލްޢަންޒީގެ ދަރުސަކުން/ މިއަދުނޫސް