ހުޅުމާލެ ހޮސްޕިޓަލްގައި ޑެންޓަލް ލެބޯޓަރީގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ފެށުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަކަމަށް އެ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނަރަލް މޫސާ ކަލީމް ޤާސިމް ވިދާޅުވެއްޖެއެވެ. މި ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ މުހިންމު މަޝްރޫޢެކެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މޫސާ ކަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ހުޅުމާލެ ހޮސްޕިޓަލްގައި ޑެންޓަލް ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމަށް ބޭނުންވާ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އަދި މިއަހަރު ނިމުމުގެ ކުރިން މި ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އޭނާ ދެއްވިއެވެ.
ޑެންޓަލް ލެބޯޓަރީގެ އިތުރުން، ހުޅުމާލެ ހޮސްޕިޓަލްގައި މިހާރު ދެމުންދާ ނަފްސާނީ ބަލީގެ ފަރުވާގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މެންޓަލް ހެލްތު އޯޕީޑީގެ ޚިދުމަތް ފުޅާކުރުމާއި، ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ޚާއްޞަ ވޯޑެއް ޤާއިމްކުރުން މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މޫސާ ކަލީމް ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ އިންތިޒާމްތައް ޤާއިމްވެފައި ނެތުން ކަމަށެވެ. "އެ ޚިދުމަތް ދެވޭނެ އިންތިޒާމް އެންމެ ރަނގަޅަށް ބޭނުންވާވަރަށް ޤާއިމްކޮށްފައި ނެތުމަކީ އޮތް ބޮޑު ގޮންޖެހުމެއް. އެކަމަށް ހައްލުތަކެއް ދަނީ ހޯދަމުން،" އޭނާ ވިދާޅުވިއެވެ.
މިހާރު ރާއްޖޭގައި ނަފްސާނީ ބަލިމީހުން އެނދުމަތިކޮށްގެން ފަރުވާ ދެނީ ހަމައެކަނި އައިޖީއެމްއެޗްގައި ކަމަށްވާއިރު، ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމުން ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މޫސާ ކަލީމް އިތުރަށް ވިދާޅުވީ މި މަޝްރޫޢު ނިމުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމަށެވެ.