ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން އާ ތިން ޕްރޮގްރާމެއް ތައާރަފްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 43ސ
ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން އާ ތިން ޕްރޮގްރާމެއް ތައާރަފްކޮށްފި

ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން މުޅިން އާ ތިން ޕްރޮގްރާމެއް ތައާރަފްކޮށް، އެ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިފަހަރު އަލަށް ތައާރަފްކުރި ޕްރޮގްރާމްތަކަކީ ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ ވިތް ޕޮލިޓިކަލް ސައިންސް، ބެޗެލަ އޮފް ޝަރީއާ އެންޑް ލޯ ވިތް އިންޓަނޭޝަނަލް ރިލޭޝަންސް އަދި މާސްޓަ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އެވެ.

ވިލާ ކޮލެޖުން ބުނީ މި ޕްރޮގްރާމްތަކަކީ ދަރިވަރުންގެ މުއާމަލާތްކުރުމާއި، ދިރާސާކުރުމާއި، މައްސަލަތައް ހައްލުކުރުމުގެ ހުނަރު އިތުރުކޮށްދީ އަމަލީ މައިދާނަށް ތައްޔާރުކޮށްދޭނެ ޕްރޮގްރާމްތަކެއް ކަމަށެވެ. ބެޗެލަރ ލެވެލްގެ ދެ ޕްރޮގްރާމަކީ ވެސް ރާއްޖޭގެ ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމަށް ބޭނުންވާ ޝަރީއާ އަދި ލޯގެ މައިގަނޑު ހުރިހާ މޮޑިއުލްތަކެއް ހިމެނޭހެން، ފަހު އަހަރު ޕޮލިޓިކަލް ސައިންސް ނުވަތަ އިންޓަނޭޝަނަލް ރިލޭޝަންސްގެ ރޮނގުން ކުރިއަށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ދެ ޕްރޮގްރާމެވެ.

މި ޕްރޮގްރާމްތަކުގެ ދަށުން ފުރަތަމަ ދެ އަހަރު ލޯ އޮފް ކޮންޓްރެކްޓް، ކޮންސްޓިޓިއުޝަނަލް ލޯ އަދި އިސްލާމިކް ލޯ ފަދަ މުހިންމު މާއްދާތައް ކިޔަވައިދޭނެއެވެ. އަދި ފަހު އަހަރު ދަރިވަރުން އިހްތިޔާރުކުރާ ދާއިރާއަކުން ކޮމްޕެރޭޓިވް ޕޮލިޓިކްސް ނުވަތަ ކައުންޓަޓެރަރިޒަމް ފަދަ މާއްދާތައް ކިޔަވާނެއެވެ. މީގެ އިތުރުން މޫޓިން އާއި ލޯ ސްޓޫޑަންޓް ސޮސައިޓީ ފަދަ އަމަލީ ފުރުސަތުތައް ވެސް ދަރިވަރުންނަށް ލިބިގެންދާނެއެވެ. މި ޕްރޮގްރާމްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެކްރެޑިޓްކޮށް، ބާ ކައުންސިލުން ފާސްކޮށްފައިވާ ޕްރޮގްރާމްތަކެކެވެ.

މާސްޓަ އޮފް ޕޮލިޓިކަލް ސައިންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް ޕްރޮގްރާމުގައި ގްލޯބަލް ގަވަނަންސް، ޑިޕްލޮމަސީ އަދި ސެކިއުރިޓީ ސްޓަޑީޒް ފަދަ މާއްދާތައް ހިމެނޭއިރު، މި ޕްރޮގްރާމް ނިންމަން ޖެހޭނީ ޑިސަޓޭޝަންއަކާ އެކުގައެވެ. މި ޕްރޮގްރާމަކީ ފޮރިން އެފެއާޒް، އެންޖީއޯ އަދި ޕޮލިސީ އެނަލިސިސް ފަދަ ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕްރޮގްރާމެކެވެ.

ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން އުސްތާޒާ އަސްނާ އަހުމަދު ވިދާޅުވީ "މި ތިން ޕްރޮގްރާމް ފަރުމާކޮށްފައި ވަނީ، ދަރިވަރުންނަށް ގާނޫނީ ބިންގަލެއް އަޅައިދިނުމުގެ އިތުރުން، ސިޔާސަތާއި ޑިޕްލޮމަސީގެ ރޮނގުން ފުޅާ ދާއިރާއެއްގައި އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް" ކަމަށެވެ. ވައިސް ރެކްޓަ ޑރ. އަލީ ނަޖީބު ވިދާޅުވީ މިއީ ތައުލީމީ ޖީލެއް ބިނާކުރުމަށް ވިލާ ކޮލެޖުން ކުރާ މަސައްކަތުގެ ނަމޫނާއެއް ކަމަށެވެ.

މި ޕްރޮގްރާމްތަކުގެ ސެޕްޓެމްބަރު އިންޓޭކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ބެޗްލަ ލެވެލްގެ ޕްރޮގްރާމްތަކަށް އޭ ލެވެލް ނުވަތަ ލެވެލް 4 ގެ ސަނަދެއް ބޭނުންވާއިރު، މާސްޓަ ޕްރޮގްރާމަށް ބެޗެލަ ޑިގްރީއެއް ބޭނުންވާނެއެވެ. އިތުރު މައުލޫމާތު ވިލާ ކޮލެޖުގެ ވެބްސައިޓުން ލިބޭނެއެވެ.

މިއަދު އޮންލައިން