ތިމާ އުޅޫނެހައި ގޮތަކަށް އުޅެފައި، ކުރާނެހައި ކަމެއް ކޮށްފައި އުފާވެރިކަން ނުލިބޭކަމަށް ބުނުމަކީ ދެކޮޅުޖެހޭ ކަމެއް ނޫނެވެ. ވީމާ ޒަވާޖީޙަޔާތަކަށްފަހު އުފާވެރިކަން ލިބުމަށް އެދޭނަމަ ދެމީހުންވެސް އެކަމަށް އެދިގެން މަސައްކަތްކުރަން އެބަޖެހެއެވެ.
ބުނަން މިއުޅޭ ކަންކަމަކީ ހަމަ އެންމެންވެސް ޤަބޫލުކުރާނެ އަދި އެއްބަސްވެސްވާނެ ކަންކަމެވެ. ނަމަވެސް ޢަމަލުކުރަންވުމުން ފަސްޖެހެވެނީއެވެ. އެއީ ތިމާގެ އަމިއްލަ އެދުންތައް ކުރިއަށް ނެރެވޭތީއެވެ. ވީމާ ޙަޤީޤަތަށާ އިންޞާފަށް ލީބިކޮށްގެން ހުރެ މިކަންކަމަށް ވިސްނައިލަމާ ހިނގާށެވެ!
އުޑުމަތިން ފެންނަ ވިއްސާރަ ދުނިންވެސް ފެންނާނީ 7 ކުލައެކެވެ. ވިއްސާރަދުނީގެ 7 ކުލައެކުގައި ފެންނައިރު ރީތިވާފަދައިން ކައިވެންޏަށްފަހު 7 ކަމެއް ދަމަހައްޓައި އެކަންކަން 2 ހިތް ހިއްޞާކުރާނަމަ އުފާވެރިކަން ނޫން ކަމެއް ނުލިބޭނެ އެވެ.
އެއީ 1 އިޙްޞާޞްތައް 2 ލޯބި 3 ހިތާމަ އާ އުފާވެރިކަން 4 ތެދުވެރިކަން 5 ސިއްރުތައް 6 އިތުބާރާ ޔަޤީންކަން 7 އަމާޒަކީ އެކުގައި ސުވަރުގެ ދިއުންކަމަށް ހެދުން މި 7 ކަންތަކެވެ.
އިޙްޞާޞްތައް: މިއީ ދެމީހުންވެސް އަނެކާގެ އިޙްޞާޞްތައް ދެނެގަނެ ބައިވެރިވުމެވެ. އަނެކާގެ އިޙްޞާޞްތަކަށް ފުރިހަމައަށް އިޙްތިރާމްކުރުމެވެ. އެއިގެ ތެރޭގައި އަނެކާއަށް ލިބޭ ހިތްދަތިކަމުގައާއި އުފާވެރިކަމުގައި ބައިވެރިވުން ހިމެނެއެވެ. ރޭކުރަން ބޭނުންވުންވެސް ހިމެނެއެވެ
ލޯބި: ލޯތްބަކީ ލޯބިވާކަމަށް ބުނުން އެކަނި ކަމަށް ނުހަދާށެވެ. ލޯބިދޭށެވެ.
ހިތާމައާ އުފާވެރިކަން: ހިތާމައާ އުފާވެރިކަން އަބަދުވެސް ކުރިމަތިވާނެއެވެ. ކުރިމަތިވި ޙާލަތަށް ދެމީހުންވެސް ޝުކުރުވެރިވާންވާނެއެވެ.
ތެދުވެރިކަން: ދެމީހުންވެސް އަނެކާއަށް ތެދުވެރިވުމަކީ ޒަވާޖީ ޙަޔާތް އުފަލުގައި ދެމެހެއްޓުމަށް އޮތް އެންމެ ބޮޑުބާރެވެ.
ސިއްރުތައް: ދެމީހުންވެސް އަނެކާގެ ސިއްރުތަކަށް ރައްކައުތެރިވާންޖެހޭނެއެވެ. ކިތަންމެ ގާތް މީހެއްގެ ގާތުގައިވެސް ބުނެގެން ނުވާނެއެވެ.
އިތުބާރާ ޔަޤީންކަން: ދެމަފިރިންވެސް އެކަކު އަނެކަކަށް އިތުބާރުކުރަންވާނެއެވެ. ޝައްކުކުރާނަމަ ޖެހެން ނުޖެހޭ މައްސަލަތައްވެސް ޖެހޭނެއެވެ.
ދެން މިއޮތީ ހުރިހާ ކަމަކަށްވުރެ މުހިންމު ކަންތަކެވެ. އެއީ ދެމީހުން އެކުގައި ސުވަރުގޭގައިވުމަށް މަސައްކަތްކުރުމެވެ. އެކަމަށް އެދިގެން މަސައްކަތްކުރާނަމަ އަނެކާއަށް ކުރެވޭ ކުދިކުދި ކަންކަމަކީ އެއްވެސް މައްސަލައަކަށް ނުވާނެއެވެ. ދެމީހުން ވަކިވާންޖެހިދާނެ ފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ.
ވިއްސާރަދުނީގެ ކުލަތައް ކިތަންމެ ރީތި ނަމަވެސް ގެއްލިގެންދެއެވެ. އެއީ ހަމަ ކުލަތައް ފަނޑުވާތީއެވެ. ވީމާ ދެމަފިރިން އެކުގައި ދިރިއުޅުމުގައި މިބުނި ކަންކަން ފުރިހަމަ ނުކޮށް ފަރުވާ ކުޑަކުރާނަމަ ނުވަތަ އިހްމާލްވާނަމަ ދިރިއުޅުމުގެ ފޮނިމީރުކަން ދާދިއަވަހަށް ފަނޑުވަމުން ގޮސް ގެއްލިގެން ހިނގައިދާނެއެވެ.
މި 7 ކަމުން ކުރެ ކަމެއް ފަނޑުވިއަ ނުދީ ހިފަހައްޓާނަމަ ދެމަފިރިން އަބަދުވެސް ތިބޭނީ އުފަލުން ފޮޅިފައެވެ. އިން ޝާ ﷲ
--އަލަފް / މިއަދުނޫސް