މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓު" ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ވަނީ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 24.1 ބިލިޔަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.9 އިންސައްތައިގެ ކުރިއެރުމެކެވެ.
މި ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައިވަނީ 21.7 ބިލިޔަން ރުފިޔާއެވެ. އެހެންކަމުން މިއަހަރު ލިބުނު މިންވަރު ވަނީ 2.4 ބިލިއަން ރުފިޔާ އިތުރުވެފައެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ޚާއްޞަކޮށް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ދެމިހުރި ގޮތެއްގައި އިތުރުވެފައެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 16.4 ބިލިޔަން ރުފިޔާއިން 18.4 ބިލިޔަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 12.1 އިންސައްތައިގެ ނުވަތަ 2.0 ބިލިޔަން ރުފިޔާގެ އިތުރުވުމެކެވެ.
ޓެކްސް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ ޖީއެސްޓީގެ ގޮތުގައި މިހާތަނަށް 10 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 9.1 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 9.7 އިންސައްތަ ނުވަތަ 878.5 މިލިޔަން ރުފިޔާގެ ކުރިއެރުމެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކާއެކު، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުންދާކަން މި ތަފާސް ހިސާބުތަކުން ހާމަވެއެވެ.