އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކުރައްވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 17ސ
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކުރައްވައިފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް ގދ. ތިނަދޫ، ވިނަވި، ޝަޒުހަތު ލަތީފް މިއަދު އައްޔަނުކުރައްވައިފިއެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ، އެގްރޯނެޓްގެ ބޯޑުގެ އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާގެ މެންބަރުކަމުގެ މަޤާމަށް ޝަޒުހަތު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

ޝަޒުހަތު ލަތީފަކީ މާލީ ދާއިރާގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2017 ވަނަ އަހަރުން ފެށިގެން އޭނާ ގެންދަވަނީ މިނިސްޓްރީ އޮފް ފައިނޭންސްގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު ފުރުއްވަމުންނެވެ.

ޝަޒުހަތުގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި ދައުލަތުގެ އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ސަރުކާރުގެ ޚަރަދުތައް ދިރާސާކުރުމުގެ އިތުރުން ބަޖެޓް ކޮންޓްރޯލް ކުރުމާއި ފިސްކަލް ރިސްކް އެސެސްމަންޓް ހެދުން ހިމެނެއެވެ.

މީގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ ފަންނީ އިރުޝާދު ދެއްވުމާއި، "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ މުހިންމު ދައުލަތުގެ ލިޔުންތައް ތައްޔާރުކުރުމުގައިވެސް ޝަޒުހަތު އިސް ދައުރެއް އަދާކުރައްވަމުން ގެންދަވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް އަންހެން ބޭފުޅުންނާއި، ދާއިރާގެ ތަޖުރިބާކާރު ފަންނީ ބޭފުޅުން އައްޔަނުކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން