އެއީ ވަރަށް ތަޤްވާވެރި އަންހެނެކެވެ. އޭނާއަށް ފެންނަނީ ހުވަފެނެކެވެ. އޭނާ މަރުވަނީއެވެ. މަރުވީމާ ޖަނާޒާގެ ކަންކަން ފުރިހަމަކޮށްފައި ގެންގޮސް ވަޅުލަނީއެވެ. ވަޅުލައި ނިމޭތަނުން މަލާއިކަތުން ވަޑައިގެން ސުވާލުކުރައްވައެވެ. ސުވާލުތަކަށް ޖަވާބުވެސް ދެވެއެވެ.
އެކަމަކު އެނބުރިލައްވާފައި ސުވާލުކުރައްވަނީ އޭނާއަށް ނުކުރެވި އޮތް 2 ނަމާދަކާއި ބެހޭ ގޮތުންނެވެ. އޭނާގެ ހަނދާނުގައި އެކަން ނެތްކަމަށް ދެންނެވުމުން އެދެފަހަރު ކަންތައް ހިނގި ގޮތް ދައްކަވައެވެ. އެއް ނަމާދު ދޫކޮށްލެވެނީ އެކުވެރިންތަކަކާއި ވާހަކަދައްކަން ގިނަ ވަޤުތުތަކެއް ހޭދަކުރުމުންނެވެ. ދެވަނަ ނަމާދު ދޫކޮށްލެވެނީ ގޭގެ މަސައްކަތުގައި އުޅެންހަދައިގެންނެވެ.
ދެން ދެއްކެވީ އޭނާ މީހަކަށް ޣީބަ ބުނެވިފައި އޮތްކަމެވެ. އެއީވެސް އޭނާގެ ހަނދާނުގައި ނެތްކަމެކެވެ. އެހިސާބުން ހޭލެވެނީއެވެ. އެއިރު ބިރުން ތުރުތުރު އަޅައެވެ. ހޭލެވުމުން އެދެނަމާދު އަވަސްއަވަހަށް ޤަޟާކުރިއެވެ. އަދި އަނެއް ދުވަހު ގޮސް ޣީބަބުނެވުނު މީހާއާއި ބައްދަލުކުރިއެވެ. އެއި އޭނާގެ އެކުވެރިއެކެވެ. އޭނާގެ ކިބައިން މާފަށް އެދުމުން އޭނާ މާފުކުރިއެވެ.
ލިބުވެތި އެކުވެރިންނޭވެ! މިއީ އޭނާއަށް ފެނުނު ހުވަފެނެކެވެ. އޭނާގެ ތަޤްވާވެރިކަން ބޮޑުވީމާ ދުނިޔޭގައި ހުރެގެން އެކަންކަމުން ސަލާމަތްވުމުގެ ފުރުޞަތު ދެއްވެވީއެވެ. ކޮންމެ މީހަކަށް އެފަދަ ފުރުޞަތެއް ނުލިބޭނެއެވެ. ވީމާ އަހުރެމެންނަށް އޮތީ އެންމެ ނަމާދެއްވެސް ނުއެޅުމާއި ﷲ ތަޢާލާ ޤަބޫލުފުލު ކުރައްވަވާނެ ފެންވަރުގައި ނަމާދުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އަދި ޣީބަބުނުން ފަދަ ފާފަތައް ނުކުރަން މަސައްކަތްކުރުމެވެ.
- ޝައިޚް މުޙައްމަދު ނަޤްވީގެ ދަރުސަކުން