ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމުންވެސް ނަމާދުތައް، ޚާއްޞަކޮށް ފަތިސްނަމާދު ނުކުރެވޭނަމަ އަންގައިދެނީ ޝުކުރުވެރިނުވެވޭކަން! އެއީ ނުރައްކާ ބޮޑުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 35ސ
ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމުންވެސް ނަމާދުތައް، ޚާއްޞަކޮށް ފަތިސްނަމާދު ނުކުރެވޭނަމަ އަންގައިދެނީ ޝުކުރުވެރިނުވެވޭކަން! އެއީ ނުރައްކާ ބޮޑުކަމެއް!

މިއީ އަހުރެމެން އެންމެ ބޮޑަށް ވިސްނަންޖެހޭ ކަންތަކެވެ. މިބުނަނީ ނަމާދުކުރުމުގެ ވާހަކައެވެ. ސުވާލަކީ ނަމާދަށް ދޭންޖެހޭ ސަމާލުކަން އެބަދެވޭ ހެއްޔެވެ؟ ތިމާއަށް ހެޔޮ ގޮތްތައް މިންވަރުކުރެއްވެވުމުންވެސް ނަމާދުތައް، ޚާއްޞަކޮށް ފަތިސްނަމާދުކުރެވޭނަމަ އަންގައިދެނީ ޝުކުރުވެރިނުވެވޭކަމެވެ. އެއީ ނުރައްކާ ބޮޑުކަމެކެވެ. އެކަން ފާހަގަކުރައްވައި ބައެއް ޢިލްމްވެރިން ވިދާޅުވަނީ ފަތިސްނަމާދުން ދުވަސް ނުފަށާނަމަ އެމީހަކީ އެދުވަހު ﷲ ތަޢާލާގެ ޙަޟްރަތުން އެއްވެސް ކަމެއް ބޭނުންނުވާ މީހަކު ކަމަށެވެ.      

ފަތިސްނަމާދަށް ނުހޭލެވުނީކަމަށް ބުނެ ޢުޛުރު ދެއްކޭކަށް މިހާރަކު ނެތެވެ. ސްމާޓް ފޯނެއް ނުގެންގުޅެނީ ހާދަމަދު މީހެކެވެ. ސޯނާ ގަޑިއެއް ގަނެލެވޭނެ ތަނަވަސްކަން ނެތްކަމަށް ބުނަން ލަދުގަންނަން ޖެހޭ މިންވަރަށް ކޮންމެ މީހަކަށްވެސް ފުދުންތެރިކަން ވަނީ ލިބިފައެވެ.  

ގޭގެ ޙާލަތުހުރިގޮތުން އެވަޤުތު ފާޚާނާ ނުލިބޭނަމަ މިސްކިތްތަކުގެ ފާޚާނާ ބޭނުންކުރަންވީއެވެ. އިސްކުރުބަރިން ވުޟޫކުރަންވީއެވެ. އެހެންކަމާއިއެކުވެސް ފަތިސްނަމާދުކުރަނީ ހާދަ މަދުމީހެކެވެ.  

ވިސްނުންތެރިކަމާއިއެކު ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ!  

އެމީހުންނަށްވެސް ނަމާދު ފަރުޟުކުރެއްވެވީ ހަމަ އަހަރެމެންނަށްވެސް ނަމާދު ފަރުޟްކުރެއްވެވި ﷲ އެވެ. އެމީހުންގެ ވެސް އަހަރެމެންގެވެސް އަމަލުތަކުގެ ޙިސާބު ބައްލަވާނެތެވެ! ވީމާ އެމީހަކަށް ކަންކަންކުރެވޭގޮތާއިމެދު އެމީހަކު ވިސްނައިލަމާ ހިނގާށެވެ! އެމީހަކަށް ކަންކަން ކުރެވޭ ގޮތް އެންމެ ރަނގަޅަށް އެނގޭނީ ހަމަ އެމީހަކަށެވެ.  

އަހަރެމެންނަށް ބޭނުން ނަމަ ފިނިފެނާއި ހޫނު ފެންވެސް މިހިރީ އެމީހަކު ބޭނުން މިނެއްގައި ބޭނުން ވަރަކަށް ލިބޭށެވެ! ނިދަން މިހިރީ ނުހަނު އަރާމު ތަންމަތިތަކެވެ. ބޭނުންނަމަ ކޮޓަރި ފިނިކުރަންވީއެވެ. ހޫނުވެސް ކުރަންވީއެވެ. ހަމަ ގައިމުވެސް ފަންކާއެއް ނެތް މީހަކު ނުހުންނާނެ ކަމަށް ބުނެވިދާނެއެވެ.  

ސުވާލަކީ މިހުރިހާ ނިޢްމަތްތައް އަހަރެމެންނަށް ދެއްވެވުމުން ވެސް ފަތިސް ނަމާދަށް ހޭލަމު ހެއްޔެވެ؟ ފަތިސް ނަމާދުކުރަނީ ކިތައް މީހުން ހެއްޔެވެ؟   

އެތައް ހާސް ރިފިޔުޖީން ދިރިއުޅޭ ސީރިޔާގެ ކޭންޕަކަށް ދިއުމުގެ ފުރުޞަތު ވަރަށް ފަހުން ލިބުނެވެ. ދެވުނީ ރޭގަނޑެއްގައެވެ. ފިނިމިން ހުރީ މައިނަސްގައެވެ. އަރާނެ ބޫޓެއްގެ މިންވަރު ލިބިފައިވަނީ މަދު މީހަކަށެވެ. އެއް ރަޖާ ގަނޑުގެ ދަށުގައި އެތައް ބައަކު ނިދަން ތިއްބެވެ. ފަތިސްވުމުން ތެދުވެ އެ ފިނިކަން ގަދަ ފެނުން ވުޟޫކޮށްގެން އެމީހުން ނަމާދުކުރިއެވެ. ވުޟޫ ކުރީވެސް އެދުވަހު ބޯން ބޭނުންކުރަން ހުރި މަދު ފެންފޮދުންނެވެ.  

އެމީހުންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ބޯނެ ފެން ނެތް ނަމަވެސް މައްސަލައެއް ނެތެވެ. ފެނުގެ ފިނިކަން ގަދަކަމުންވެސް އެއްވެސް ޝަކުވާއެއް ނެތެވެ.  

މީސްތަކުންނޭވެ ބިރުވެތިވާށެވެ! ޤިޔާމަތް ދުވަހު ކުރިމަތިވާނީ ހަމައެކަނި ނަމާދު ނުކުރުމުގެ މައްސަލައެއް ވެސް ނޫނެވެ. އެކަލާނގެ ދެއްވެވި ކޮންމެ ނިޢްމަތެއްގެ ވެސް ބޭނުން ހިފިގޮތާއިމެދު ސުވާލުކުރައްވަވާނެތެވެ! ޖަވާބު ނުދީ ފައި ހުރިތަނުން ގުޑުވައިވެސް ނުލެވޭނެއެވެ.  

ނަމާދު ނުކުރާތަނުގައި އަބަދުވެސް އުޅެނީ ހިތް ނުފުރިގެންނެވެ. ރަން ފަރުބަދައިގެ 2 ފަރުބަދަ ދެއްވެވި ނަމަވެސް ހިތް ނުފުރިގެން 3 ވަނަ ފަރުބަދައަށް އެދޭނެ ކަމަށް އޮތް ޙަދީޘް ބަސްފުޅުގެ ތެދުކަން މިދަނީ ހާމަވަމުންނެވެ. އިންސާނާ ދުނިޔެ ބޭނުންވެގެން ނުއުޅޭނީ ހަމައެކަނި މަރުވުމުންނެވެ. 

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން