ސުވަރުގެ ވަނުމަށް ކުރާ މަސައްކަތަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބޭނެ ނުވަތަ ސުވަރުގެ ލިބުން އެންމެ ފަސޭހަވާނެ ކަންކަން އޮޅުފިލުވަން ގިނަ ބައަކު ބޭނުންވާތީ މިގެނެސްދެނީ އެކަމަށް މަގުފަހިވާނެ ކަންކަން އެނގިގެންދާ ލިޔުމެކެވެ. އިން ޝާ ﷲ
ﷲ ތައާލާގެ ރުހިވޮޑިގަތުމާއި ލޯބިވެވޮޑިގަތުން ލިބޭނެ 3 ކަމެއް ނުވަތަ 3 ސިފައެއް ﷲ ތަޢާލާ ވަނީ ވަހީ ކުރައްވަވައިފައެވެ.
އާލްޢިމްރާން ސޫރަތުގެ 133 ވަނަ އާޔަތުގައި ވަހީ ކުރައްވަވާފައިވަނީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް ތިއަބައިމީހުން އަވަސްވެގަތުމަށެވެ. އަދި އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާ ވެރިންނަށް ކަމަށެވެ.
ވިދިގެން އޮތް 134 ވަނަ ޢާވަތުގައި ވަނީ ކުރީ އާޔަތުގައި ބަޔާންކުރައްވަވާފައިވާ މަތިވެރިކަން ލިބިގެންވާ ސުވަރުގެ ލިބޭނެ ތަޤްވާވެރިންގެ 3 ސިފައެއް ބަޔާން ކުރައްވަވައިފައެވެ.
1 ތަނަވަސްކަމުގައާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުން
އެފަދަ މީހުންނަކީ ތިމާއަށް ތަނަވަސްކަން ދެއްވެވުމުން ﷲ ތަޢާލާގެ މަގުގައި ހޭދަކުރުން ގިނަކުރާ މީހުންނެވެ. ހަމަ އެއާއިއެކު ދަތިހާލުގައި އުޅެމުންވެސް އިތުރަށް ފަޤީރުވެދާނެ ކަމަށް ބިރު ނުގަނެ އަތުގައި ހުރި މަދު އެތިކޮޅުން ވެސް ﷲ ތައާލާގެ މަގުގައި ހޭދަކުރާ މީހުންނެވެ.
2 ރުޅި މަތަކޮށް ހިފަހައްޓާ މީހުން
އެއީ ކަމަކާއިމެދު ރުޅި އައިނަމަވެސް ރުޅި ކޮންޓްރޯލްކޮށް ހިފަހައްޓާ މީހުންނެވެ. ރުޅި އައި ނަމަވެސް އެހެން މީހުންނާއި ދިމާއަށް ފުންމަ ފުންމައިގެން ނުދާ މީހުންނެވެ. އަޑުގަދަކޮށް ދުލުން ހުތުރު ބަސްތައް ނުބުނާ މީހުންނެވެ. އަތް އިސް ނުކުރާ މީހުންނެވެ.
އެފަދަ މީހަކަށް ވުމަށްޓަކައި ތިމާއަށް އެވަގުތު ހުންނަންޖެހިފައިވަނީ ކިތަންމެ ބޮޑު ކަންބޮޑުވުމެއްގައި ނަމަވެސް އެއީ ސަބަބަކަށް ހަދައި ރުޅި އިސްކުރުމެއް ނެތެވެ. ރުޅި ކޮންޓްރޯލްކުރާ މީހަކަށް ވާންޖެހޭނެއެވެ. ރޯދައަށް ހުރީތީ ބަނޑު ރުޅި އަންނަ މީހަކަށްވެސް ވެގެން ނުވާނެއެވެ.
3 މީސްތަކުންނަށް މާފުކުރާ މީހުން
ކޮންމެ މީހަކީވެސް ކުށް ކުރެވޭ މީހެކެވެ. ތިމާއަކީވެސް ކުށް ކުރެވޭ މީހެއް ފަދައިން އެހެން މީހުންނަކީވެސް ކުށްކުރެވޭނެ މީހުން ކަމަށް ޤަބޫލުކުރާށެވެ. ތިމާގެ ކުށްތަކަށް މަޢާފް ކުރުމަށް އެހެން މީހުންގެ ކިބައިން އެދޭ ފަދައިން އެހެން މީހުންނަށް ކުރެވޭ ކުށްތަކަށް ވެސް މާފްކުރާ މީހަކަށްވާށެވެ.
މިދެއާޔަތުން އެނގެނީ މި 3 ސިފަ ހުންނަ މީހުންނަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ ކަމެވެ. އެމީހުންނަކީ އިޙްޞާންތެރިންކަމެވެ. އިޙްޞާންތެރިން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގަންނަވާ ކަމެވެ.
މި 3 ސިފަ ހުރެއްޖެ ނަމަ ާޤިޔާމަތް ދުވަހު ސުވަރުގޭގެ މަތިވެރި ނިޢްމަތް އެމީހުންނަށް ލިބިގެންދާނެ ކަމެވެ. މި 3 ސިފަ ލިބިގެންފި މީހާއަށް ދެއްވަވާ ނިޢްމަތްތަކާއިމެދު ކިރިޔާވެސް ވިސްނާލައިފިނަމަ މި 3 ސިފަ ހަރުލައްވަން ކޮންމެ މީހަކުވެސް މަސައްކަތްކުރާނެއެވެ. ކިރިޔާވެސް މަސައްކަތް ކޮށްފިނަމަ މި 3 ސިފަ ހަރުލެއްވުމަކީ އެއްވެސް އުނދަގޫ ކަމެއް ނޫނެވެ.
އާލްޢިމްރާން ސޫރަތުގެ 133 އަދި 134 ވަނަ އާޔަތް:
އަދި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ލިބިގަތުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސްކަންހުރި ސުވަރުގެއަށް ތިޔަބައިމީހުން އަވަސްވެގަންނާށެވެ! އެ ސުވަރުގެ ތައްޔާރުކުރައްވާފައިވަނީ، ތަޤްވާ ވެރިންނަށެވެ. (އާލްއިމްރާން: 133)
އެއުރެންނަކީ، ތަނަވަސްކަމުގައާއި، ދަތި ޙާލުގައި، (މުދާ) ހޭދަކޮށް އުޅޭމީހުންނެވެ. އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި، މީސްތަކުންނަށް މާފުކުރާ މީހުންނެވެ. އިޙްސާންތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެއެވެ. (އާލްއިމްރާން: 134)
--މުފްތީ މެންކުގެ ދަރުސަކުން
ރުޅި ކޮންޓްރޯލްކުރުމާއި ބެހޭގޮތުން ކުރިން ޝާއިޢުކުރި ލިޔުން ހަނދުމަފުޅުކޮށްލައްވާށެވެ! "-- އަދި، ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ." މިފަދައިން އޮތް ވަޙީބަސްފުޅަށް އިންކާރުކުރާނަމަ އިންކާރު އެކުރެވެނީ ﷲ ތަޢާލާގެ ވަޙީބަސްފުޅަށެވެ. އެފަދަ މީސްމީހުން ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުކުރަން ހެޔޮނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން